އެމޭޒަން އިން އެމްޖީއެމް $8 ބިިލިއަނަށް ގަންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަން އިން 8.45 ބިލިއަން ޑޮލަރަށް މެޓްރޯ ގޯލްޑްވިން މޭޔާ (އެމްޖީއެމް) ކުންފުނި ގަތުމަށް ނިންމައިފިއެވެ. އެމްޖީއެމް ގަތުމަށް އެމޭޒަން އިން ހޭދަކުރާ އަދަދަކީ 2017 ވަނަ އަހަރު 13.7 ބިލިއަން ޑޮލަރަށް ހޯލް ފުޑްސް ގަތުމަށްފަހު އެކުންފުނިން މިހާތަނަށް އެހެން ވިޔަފާރިއެއް ގަތުމަށް ހޭދަކުރާ އެންމެ ބޮޑު އަދަދެވެ. އެމޭޒަން އިން އެމްޖީއެމް ގަތުމާއިއެކު އެކުންފުނީގެ ޕްރައިމް ވީޑިއޯ ސްޓްރީމިން ހިދުމަތަށް މުޅިން އައު އެތަކެއް ފިލްމުތަކެއް އިތުރުވެގެންދާނެއެވެ.

އެމޭޒަން އިން އެމްޖީއެމް ކުންފުނި ގަތުމަށް ނިންމާފައި ވީނަމަވެސް މި ކަމާއި ދެކޮޅަށް އެމެރިކާގެ އިދާރާތަކުން މަސައްކަތްކޮށްފާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިހާރުވެސް އެކުންފުނީގެ ވާދަވެރިންނަށް ގަސްތުގައި ގެއްލުންވާ ގޮތަށް އަމަލުކުރާކަމުގެ ތުހުމަތު އެކުންފުންޏާއި ދެކޮޅަށް ވަނީ ކުރެވިފައިއެވެ.

ނަމަވެސް އެމޭޒަން އަށް އެމެރިކާ ސަރުކާރުގެ ހުރަސްތަކެއް ކުރިމަތިނުވެ އެމްޖީއެމް ކުންފުނި ގަނެވިއްޖެނަމަ އެކުންފުންޏަށް މިހާރަށްވުރެ ރަނގަޅަށް ނެޓްފްލިކްސް އާއި ވާދަކުރެވޭނެއެވެ. މީގެ އިތުރުން މި ނިންމުމާއިއެކު އެމޭޒަންގެ ހުރިހާ ވިޔަފާރިއަކަށްވެސް ފައިދާވާނެކަމަށް ބެލެވެއެވެ. އެގޮތުން އެކުންފުނީގެ ރީޓެއިލް ވިޔަފާރިން ފެށީގެން ގޮސް ޕްރައިމް ވީޑިއޯ، އެމޭޒަން މިއުޒިކް، ޕްރައިމް ރީޑިންގް އަދި އެހެނިހެން ހިދުމަތްތަކަށް ގިނަ ކަސްޓަމަރުންތަކެއް ލިބި ފައިދާވާނެއެވެ. މިކަން މިހެންވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނީގެ ހުރިހާ ހިދުމަތެއްވެސް އަހަރަކަށް 120 ޑޮލަރު ދައްކައިގެން އެއް ސަބްސްކްރިޕްޝަން މެދުވެރިކޮށް ލިބޭތީއެވެ.

އެމޭޒަންގެ މި ނިންމުމާއެކު ޕްރައިމް ވީޑިއޯ ސްޓްރީމިން ހިދުމަތަށް އެމްޖީއެމްގެ 4000 ފިލްމާއި 17،000 ޓީވީ ޝޯ ގެ ތެރެއިން އެތަށް ފިލްމަކާއި ޝޯތަށް އިތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި މަޝްހޫރު ޖޭމްސް ބޮންޑް ފިލްމްތަކާއި ވައިކިންގްސް ފަދަ ޝޯތައް ހިމެނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.