ޖެފް ބެއިޒޮސް އެމޭޒަންގެ ސީއީއޯކަން ދޫކޮށްލަން ނިންމައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަންގެ ސީއީއޯކަން ޖުލައި މަހުގެ 5 ވަނަ ދުވަހު ދޫކޮށްލާނެކަން އެކުންފުނީގެ ސީއީއޯ ޖެފް ބެއިޒޮސް ހާމަކޮށްފިއެވެ. މި ނިންމުމާއިއެކު އެކުންފުނީގެ ސީއީއޯ ކަމާއި ހަވާލު ވާނީ އެމޭޒަން ވެބް ސާވިސަސްގެ ސީއީއޯ އެންޑީ ޖެސީއެވެ.

އެމޭޒަން ކުންފުނި އުފައްދާފައިވަނީ މީގެ 27 އަހަރުކުރިން 1994 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގައިއެވެ. ބެއިޒޮސް ހާމަކޮށްފައިވާ ގޮތުގައި އޭނާ މިދުވަހާއި ދިމާކޮށް ސީއީއޯކަން ދޫކޮށްލަން ނިންމީ މި ދުވަހަކީ އެކުންފުންޏަށް ތާރީހީ ދުވަހަކަށް ވީމައެވެ. މި ބަދަލާއިއެކު ބެއިޒޮސް އެކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް އައްޔަނުކުރެވިގެންދާނެއެވެ.

ބެއިޒޮސް ހާމަކޮށްފައިވާ ގޮތުގައި ޖެސީ ވެގެންދާނީ އެކުންފުނި ހިންގުމަށް ކުޅަދާނަ ލީޑަރަކަށެވެ. މީގެ އިތުރުން އޭނާ އަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށްވެސް ބެއިޒޮސް ވަނީ ހާމަކޮށްފައިއެވެ. އޭނާގެ މިނިންމުން ހާމަކޮށްފައިވަނީ ޕެންޑަމިކްއާއި ގުޅިގެން ކުންފުނީގެ ހިއްސާދާރުންނާއިއެކު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގައިއެވެ.

ބެއިޒޮސް އަށްފަހު އެމޭޒަން ހިންގުމާއި ހަވާލުވާ ޖެސީ އަކީ 1990 ގެ ފަހުކޮޅު އެކުންފުންޏާއި ގުޅިފައިވާ ފަރާތެކެވެ. އޭނާ އަކީ ނެޓްފްލިކްސް، ސްޕޮޓިފައި، ފޯޓްނައިޓް އަދި މިނޫންވެސް ކްލައުޑް ބޭސްޑް ހިދުމަތްތަކަށް ހާއްސަކޮށްގެން އެމޭޒަން އިން އުފައްދާފައިވާ އެމޭޒަން ވެބް ސާވިސަސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ފަރާތެވެ. އެމޭޒަން ވެބް ސާވިސަސް އަކީ އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ގެންސްދޭ އެއްވިޔަފާރިއެވެ. އެގޮތުން މިދިޔަ ކުއާޓާގައި އެކަނިވެސް މި ހިދުމަތް މެދުވެރިކޮށް އެކުންފުންޏަށް 13.5 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.