ސްމާޓް ފޯނުތަކަކީ ވަރަށް ގިނަ ކަންތައްތައް ކޮށްލެވޭ ޑިވައިސްތަކެކެވެ. ގިނަ ފޯނުތަކުގެ ޕްރޮސެސަރ އަދި ރެމް އާދައިގެ ކޮމްޕިއުޓަރތަކަށްވުރެ ނުވަތަ ލެޕްޓޮޕްތަކަށްވުރެ ސްޕީޑް ރަނގަޅެވެ. އެހެންކަމުން ފޮޓޯ އެޑިޓްކުރުމާއި ވީޑިއޯ އެޑިޓްކުރުމަކީ ފޯނުންވެސް ފަސޭހަކަމާއެކީ ކޮށްލެވޭ ކަންތައްތަކެވެ. ގޫގުލް ޕްލޭސްޓޯރ އަދި އެޕަލް އެޕްސްޓޯރގައި ފޮޓޯ އެޑިޓް ކުރަން ހާއްސަ އެތަކެއް އެޕެއް އެބަހުއްޓެވެ. މިލިއުމުގައި އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެޕްތަކަށް އަލިއަޅުވާލާނަމެވެ.
1. ސްނެޕްސްޕީޑް
މިއީ ޕްލޭސްޓޯރ އަދި އެޕްސްޓޯރުން ހިލޭ ޑައުންލޯޑް ކޮށްލެވޭ އެޕެކެވެ. ގޫގުލްގެ މި އެޕުން ފޮޓޯތަކުގެ ކުލަ ރަނގަޅުކޮށް އެޖަސްޓްކުރުމަށް ތަފާތު އެކްސްޕޯޝަރ ސެޓިންގްސް އާއި ކޮލަރ ކަރެކްޝަން ފީޗާސް ލިބެންހުރެއެވެ. އަދި ފޮޓޯތަކަށް ތަފާތު ގޮތަކަށް ބަދަލުކޮށްލަން އެކިވައްތަރުގެ ފިލްޓަރސް ހުރެއެވެ. މީގެ ތެރޭގައި ކުރީޒަމާނުގެ ފޮޓޯތަކުގެ ހުންނަ ވިންޓޭޖް ލުކް އަދި އެންމެ ފަހުގެ އެޗް.ޑީ.އާރ ފިލްޓަރ ހިމެނެއެވެ. ތަފާތު ލޭޔަރަތަކަށް މިއެޕްގައި އިފެކްޓް ލެވޭނެއެވެ.
2. ލައިޓްރޫމް
މިއެޕް ޕްލޭސްޓޯރ އަދި އެޕްސްޓޯރުން ހިލޭ ޑައުންލޯޑު ކޮށްލެވޭނެއެވެ. ނަމަވެސް ހުރިހާ ފީޗަރތަކެއް ބޭނުންނަމަޖެހޭނީ މަހަކު 5 ޑޮލަރުގެ ސަބްސްކްރިޕްޝަނެއް ނަގާށެވެ. އެޑޯބީގެ ލައިޓްރޫމަކީ ފޮޓޯގްރަފަރުންގެ ތެރޭ ވަރަށްވެސް މަގުބޫލު ސޮފްޓްވެއަރއެކެވެ. އަދި މީގެ މޯބައިލް އެޕްވެސް ހަމަ އެހާމެ ފުރިހަމައެވެ. ލައިޓްރޫމް ކޮމްޕިއުޓަރ ސޮފްޓްވެއަރގައި ހިމެނޭ ގިނަ ފީޗާސްތައް މޯބައިލް އެޕްއިންވެސް ލިބެންހުރެއެވެ. ފޮޓޯއެއް ރިޓަޗްކޮށްލަން ބޭނުންނަމަ މީ ވަރަށް ސަޅިއެޕެކެވެ.
3. ފޮޓޯޝޮޕް އެކްސްޕްރެސް
މިއެޕް ޕްލޭސްޓޯރ އަދި އެޕްސްޓޯރުން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ. ލައިޓްރޫމްގައި ހިމެނޭ ގިނަފީޗަރސް ހިމެނެއެވެ. ނަމަވެސް ބައެއް ޕްރޯޓޫލް ހިމަނާފައެއް ނުވެއެވެ. ފީޗަރތައް މަދުނަމަވެސް މިއީ މުޅިން ހިލޭ ބޭނުންކޮށްލެވޭ އެޕެކެއެވެ. މިއެޕް އިން ފޮޓޯތައް އެޖަސްޓް ކޮށްލެވުމުގެ އިތުރުން ރަނގަޅު ފިލްޓަރ އަދި ޓެކްސްޗަރ ހިމެނެއެވެ. އަދި ފޮޓޯ ކޮލާޖްވެސް ހަދާލެވެއެވެ.
4. ޕްރިޒްމާ
މިއީ ގަނެގެން ބޭނުންކުރެވޭ އެޕެކެވެ. އަގަކީ މަހަކު 8 ޑޮލަރު ނުވަތަ އަހަރަކު 30 ޑޮަލަރެވެ. ޕްލޭސްޓޯރ އަދި އެޕްސްޓޯރުންވެސް ލިބެންހުރެއެވެ. މިއެޕްގައި ބޮޑަށް ހިމެނިފައިވަނީ ތަފާތު އާޓިސްޓިކް ފިލްޓަރތަކެކެވެ. މި ފިލްޓަރތަކަކީ މަޝްހޫރު ކުރެހުންތެރިން ކަމުގައިވާ ޕިކާސޯ އަދި ސަލްވަޑޯރ ޑާލީފަދަ މީހުންގެ ފަރާތުން އިންސްޕަޔާ ވެފައިވާ ތަކެއްޗެވެ.
5. ބަޒާޓް
މިއެޕް ލިބެންހުރީ އެޕްސްޓޯރުން މަހަކު 8 ޑޮލަރަށެވެ. މިއެޕްގެ މޮންޓާޖް އަދި ކޮލާޖް ފީޗަރ ބޭނުންކޮށްގެން އެކިވައްތަރުގެ ފޮޓޯ، ލިއުން އަދި ގްރެފިކްސް އެއްކޮށްގެން ކުރެހުންތައް ހަދާލެވެއެވެ. މިއެޕްގައި ޕޮޓޯތަކުގެ ބެކްގްރައުންޑް ޑިލީޓްކުރާ ހާއްސަ ފީޗަރއެއް ހުރެއެވެ. އަދި މިފީޗަރ ފުދޭވަރަކަށް ރަނގަޅަށް މަސައްކަތްވެސް ކުރެއެވެ. މީގެ އިތުރުން އިސްޓަގަރާމް ސްޓޯރީސް އަށް ލެވޭ ގޮތަށް ކޮލާޖް ހަދާލަން ޓެމްޕްލޭޓްވެސް ހުރެއެވެ. ބަޒާޓްގެ އިންސްޓަގްރާމް ޕޭޖްގައި އެޕްބޭނުންކޮށްގެން ހަދާފައިހުންނަ ސަޅިފޮޓޯތައް ލާފައިހުރެއެވެ.
6. ފޮޓޯފޮކްސް
ހިލޭ ބޭނުންކޮށްލެވޭ މިއެޕް ޑައުންލޯޑްކުރެވޭނީ އެޕަލް އެޕްސްޓޯރުން އެކަންޏެވެ. މިއެޕްގައިވެސް ބެކްގްރައުންޑް ރިމޫވްކުރާ ފީޗަރ އެއް ހިމެނެއެވެ. މިއެޕްގެ ޑިސްޕާޝަން އިފެކްޓް އަދި ގްލިޗް އިފެކްޓްސް އަދި ދެފޮޓޯ އެއްކޮށްލެވޭ ޑަބަލް އެކްސްޕޯޝަރ އިފެކްޓް ފާހަގަކޮށްލެވެއެވެ.
7. ވިސްކޯ
މިއެޕްގެ ލިމިޓެޑް ވާރޝަނެއް ހިލޭ ޕްލޭސްޓޯރ އަދި އެޕްސްޓޯރުން ޑައުންލޯޑްކުރެވެއެވެ. ފުލްވާޝަން ލިބެނޭ އަހަރަކު 20 ޑޮލަރު ދައްކާގޮތަށެވެ. ވިސްކޯ އަކީ ފުރަތަމަ ލައިޓްރޫމް ޕްރިސެޓް އުފެއްދި ބައެކެެވެ. އެކަން މިހާރު މިއެޕްއިންވެސް ފެންނަން ހުރެއެވެ. މިއެޕްގައި ފިލްމީ ލުކް އަންނަކަހަލަ ކުލަ ފިލްޓަރ ހުރެއެވެ. ވަރަށް ގިނަ ޕްރިސެޓް ހިމަނާފައިހުރިއިރު ކުރީގެ ފުޖީފިލްމް، ކޮޑަކް އަދި އިލްފޯޑްގެ ފިލްރޯލް ގެ ލުކް ގެނެސްދޭ ޕްރިސެޓްވެސް ހިމެނެއެވެ. މޮނޮކްރޯމް ފޮޓޯތަކަށް ގަޔާވާ ފަރާތްތަކަށް ހާއްސަ ކަޅާއި ހުދުގެ ފިލްޓަރ ހިމަނާފައިވެއެވެ.
8. ޕިކްސްއާޓް
ޕްލޭސްޓޯރ އަދި އެޕްސްޓޯރ އިން ލިމިޓެޑް ވަރޝަންއެއް ހިލޭ ޑައުންލޯޑްކޮށްލެވޭ އިރު ފުލްވާޝަން ލިބެނީ އަހަރަކު 48 ޑޮލަރު ދައްކައިގެންނެވެ. މިއެޕްގައި ފޮޓޯއެޑިޓް ކުރަން ބޭނުންވާނެ ވަރަށް ގިނަ ބައިތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އާންމުކޮށް ހުންނަ އެކްސްޕޯޝަރ އަދި ކޮންޓްރާސްޓް އިން ފެށިގެން ސިނެމެޓިކް ކަލަރ ގްރޭޑިންގް އަދި ފޮޓޯ ރީތި ކުރެހުމަކަށް ބަދަލުކޮށްލަދޭ ފިލްޓަރުތައް ހިމެނެއެވެ. މީގެ އިތުރުން މިއެޕްގައި އިންސްޓަގަރާމް ގޮތަށް ހުންނަ ފޮޓޯ ޝެއަރކޮށްލެވޭ ބައެއްވެސް ހުރެއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް