މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ، މިއަދު ޓެކް ކޮމިޔުނިޓީގެ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގެ މަގުސަދަކީ އައީސީޓީ ދާއިރާ ކުރިއެރުވުމަށްޓަކައި މިނިސްޓްރީއާއި ކޮމިޔުނިޓީ ގުޅިގެން ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުމެވެ.
އައިސީޓީގެ ދާއިރާގެ އެކިއެކި މަސައްކަތްތައް ކުރާ 70 އަށް ވުރެ ގިނަ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި އިތުރު ސިޔާސީ ބޭފުޅުން ވެސް ބައިވެރިވިއެވެ.
މަޝްވަރާގައި އަލިއަޅުވާލެވުނީ ދާއިރާ ކުރިއެރުވުމަށް އެންމެ އިސްކަންދީގެން ކުރެވިދާނެ ކަންތައްތަކަށެވެ. އަދި ނޭޝަނަލް ރިސިލިއަންސް އެންޑް ރިކަވަރީ ޕޮލިސީ 2020-2022 ގައި ޓެކް ދާއިރާއިން ކަޑައެޅިފައިވާ ޕްރައޯރިޓީ އޭރިޔާތަކުގެ ޙުލާސާއެއް މިނިސްޓްރީއިން ދެއްވިއެވެ. މަޝްވަރާ ކުރެވުނު ބައެއްކަންތައް ތިރީގައި ފާހަގަކޮށްލީމެވެ.
- ދިވެހިރާއްޖެ ޓެކް ދާއިރާގެ ގާނޫނުތަކާއި ގަވާއިދު އަދި ޕޮލިސީތައް އެކުލަވާލުން
- ސަރުކާރުން ފައްޓަވާފައިވާ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް އަވަސްކުރުން
- ޓެކް ދާއިރާއިން ކަނޑައަޅާފައިވާ އެކިއެކި ކަންކަން ކުރުމަށް ގްލޯބަލް އޮގަނައިޒޭޝަންތަކުގެ އެހީ ހޯދުމަށް މަސައްކަތްކުރުން
- ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް އުފެއްދުމުގައި ކުދި އަދި މެދު ފަންތީގެ ޓެކް މަސައްކަތް ކުރާ ކުންފުނިތަކަށް އައުޓްސޯސްކުރުން
- ސަރުކާރުގެ ޚިދުމަތްތަކުގައި ނަގާ ރައްޔިތުންގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުން
- ސަރުކާރުގެ އިދާރާތަކުން އެއްކުރެވޭ ޑޭޓާ ބޭނުންކުރުމުގައި ޓްރާންޕޭރެންސީ ހިފެހެއްޓުން
- އިދާރާތަކުން ޖެނެރޭޓް ކުރާ ޑޭޓާތަކުގައި އޯނަރޝިޕް އާއި ޕްރައިވަސީ ނުގެއްލޭފަދަ ގޮތަކަށް ހުޅުވާލުން
- ޑޮޓް އެމްވީ ޑޮމެއިން ހޯދުމުގައި ހަމައެކަނި ދިރާގަށް ބަރޯސާ ނުވާނެގޮތަކަށް ބަދަލުކުރުން
މިބައްދަލުވުމުގައި، ޓެކް ކަންތައްތައް ކުރިއެރުވުމަށް މިހާރުވެސް ޓެކް ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށްވެސް މިފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދާއިރާއިން ވާހަކަ ދެއްކެވި ގިނަ ފަރާތްތަކުން ސަރުކާރާއި ގުޅިގެން ދާއިރާ ކުރިއެރުވުމަށް އަބަދު ވެސް އެހީތެރިވެދޭން ތައްޔާރަށް ތިބިކަމަށާއި، މިފަދައިން ދާއިރާ ކުރިއެރުވުމުގެ މަސައްކަތުގައި ބައިވެރިވުމަށް ސަރުކާރުން ދެއްވާ ފުރުސަތަކަށް މަރުހަބާކިޔެވެ.
ޓެކް ފަރާތްތައް ދެކޭގޮތުގައި ދެމެހެއްޓެނިވި ގޮތަކަށް މިފަދަ މަޝްވަރާތައް ބޭއްވުން މުހިއްމެވެ. މީގެ ކުރިންވެސް މިނިސްޓްރީ އާއި ސީޓީއޯ ލެވެލްގައި ދެކެވިފައިވާހެން ހަމައެކަނި ވާހަކަތަކެއް ދައްކާލައިގެން ނިންމާލުމުގެ ބަދަލުގައި އަމަލީކޮށް މިމަސައްކަތްތައް ފުރިހަމަވެގެން ދިއުމާއި، އެކަމުގައި ޓެކް ދާއިރާގެ އެކިއެކި ފަންނީ ފަރާތްތަކުގެ ބައިވެރިވުން ފެނުމަކީ އަޅުގަނޑުމެން އެންމެންގެ އުންމީދެވެ.
އައިސީޓީ ދާއިރާގައި އެކި ރޯލްތަކުގައި 15 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސޮފްޓްވެއަރ އެނަލިސްޓެއް. މައިގަނޑުކޮށް ކުރާ މަސައްކަތަކީ އީގަވަރމަންޓް ޚިދުމަތްތަކުގެ ޕްރޮޑަކްޓް މެނޭޖްމަންޓް މަސައްކަތް. މިދާއިރާއަށް އަންހެނުން އިތުރުކުރުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރަން.