ފަހި ކެޕްލާ އެޗްއާރު ސިސްޓަމް؛ ދިވެހިންގެ އުފެއްދުމެއް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޗްއާރު ސިސްޓަމް ނުވަތަ ސޮފްޓްވެއާ ސޮލިއުޝަނަކީ ކޮންމެ މުވައްސަސާއަކަށްވެސް ވަރަށް މުހިންމު އެއްޗެކެވެ. މުވައްޒަފުންގެ ހާޒިރީ ބެލުމާއި، މުސާރައިގެ ކަންތައްތައް ފަދަ މުހިންމު ކަންކަން ފަސޭހަ ގޮތެއްގައި ބެލެހެއްޓުމަށް މިފަދަ ސިސްޓަމް ބޭނުންކުރެވެއެވެ.

އެޗްއާރު ސިސްޓަމް ބޭނުންކުރުމުން އެޗްއާރު މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަކަން ފާހަގަވެއެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނާއި އަދި ސިވިލް ސާވިސްގެ އޮނިގަނޑުތައް މިފަދަ ސިސްޓަމެއްގެ ތެރޭގައި ހިމަނައި މިއާއި ގުޅިގެން މަސައްކަތް އޮޓޮމޭޓް ކުރުމަކީ ދިވެހި މަސައްކަތުގެ މާހައުލަށް ފަސޭހަވެގެންދާނެ ކަމެއްކަން ޔަޤީނެވެ.

ފަހި ކެޕްލާ (fahiKEPLAR) އަކީ ދިވެހި ޕްރައިވެޓް ކުންފުންޔެއް ކަމުގައިވާ ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ އެޗްއާރު ސިސްޓަމެކެވެ. މި ސިސްޓަމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނުގައިވާ ހުރިހާ ކަމެއްވެސް ބަލަހައްޓައި ރެކޯޑުކުރެވޭނެ ގޮތައް އުފައްދާފައިވާ ސިސްޓަމެކެވެ.

މި ސިސްޓަމްގެ އެހީގައި ކުރެވެން ހުންނަ ކަންތަކަށް ބަލާއިރު ތިރީގައި މިވާ ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

- މުވައްޒަފުންގެ ކޮލިފިކޭޝަންއާއި ބެހޭ މަޢުލޫމާތު ރެކޯޑުކޮށް ބެލެހެއްޓުން،

- މުވައްޒަފުންގެ މަޢުލޫމާތުތައް، މީގެ ތެރެގައި އާންމު މަޢުލޫމާތު، ވަޒީފާގެ ކޮންޓްރެކްޓްގެ މަޢުލޫމާތު، ވާކް ޕާމިޓް އަދި ވާކް ވިސާގެ މަޢުލޫމާތުތައް ރެކޯޑުކޮށް ބެލެހެއްޓުން،

- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން، މީގެ ތެރޭގައި ބްރޭކް ވަގުތުތަކާއި، ލަސްވާ ދުވަސްތައް އަދި އޯވާޓައިމް ބެލެހެއްޓުން،

- މުވައްޒަފުންގެ އަހަރީ ޗުއްޓީ އަދި އެނޫންވެސް ޗުއްޓީއާއި ބެހޭ މަޢުލޫމާތު ރެކޯޑުކޮށް ބެލެހެއްޓުން،

- ސުޕަވައިޒަރުންގެ ރޯލު ބަހައި ކޮންމެ މުވައްޒިފެއްގެ ސުޕަވައިޒަރު ވަކިކޮށް ހަމަޖެއްސުން،

- މުވައްޒަފުންގެ މުސާރައާއި ބެހޭ ކަންތައްތައް ރެކޯޑުކޮށް ބެލެހެއްޓުން،

- މުވައްޒަފުންނަށް ތަމްރީނު ދޭގޮތް ހަމަޖައްސައި މަޢުލޫމާތުތައް ރެކޯޑުކޮށް ބެލެހެއްޓުން، އަދި،

- މުވައްޒަފުން އަމިއްލައަށް ވަދެ އެކި ކަންތައްތަކަށް އެދޭނެ ޕޯޓަލްއެއްވެސް މި ސިސްޓަމްގައި އެކުލެވިފައިވެއެވެ.

މި ހުރިހާ ކަންތައްތަކުގެ އިތުރަށް، ފާހަގަ ކޮށްލެވެނީ އޮފީހެއްގެ މެނޭޖްމަންޓަކަށް މުވައްޒަފުންގެ ކަންތައްތަކާއި ގުޅިގެން ބޭނުންވާނެ ރިޕޯޓުތައްވެސް މި ސިސްޓަމްގެ ޒަރިއްޔާއިން ފޯރުކޮށްދެއެވެ.

ފަހި ކެޕްލާގައި ހިމެނޭ ކަންތައްތައް ކިޔާދެމުން ޓެރަބައިޓްގެ މެނޭޖިން ޑިރެކްޓާ އަޙުމަދު ނާޒިމް ވިދާޅުވެފައިވަނީ "މި ސިސްޓަމްގެ ޕެރޯލް މޮޑިއުލްއަކީ ބޭނުންކުރާ އޮފީހެއްގެ މުސާރަ އޮނިގަނޑާއި އެއްގޮތައް އެއޮފީހަކުން އަމިއްލައަށް ފޯމިއުލާތައް ސެޓްކޮށް މުޅިން އޮޓޮމޭޓް ކުރެވިފައިވާ މޮޑިއުލްއެއް ކަމަށާއި އަދި މިމޮޑިއުލްއިން ޖެނެރޭޓްކުރެވޭ ރިޕޯޓުތަކުގެ ތެރޭގައި މުސާރަ ޝީޓް، ޕެންޝަން ޝީޓް ފަދަ މުހިންމު ރިޕޯޓުތައްވެސް ހިމެނޭ" ކަމުގައެވެ.

ފަހި ކެޕްލާ މިވަގުތު ރާއްޖޭގައި ބޭނުންކުރާ ބައެއް ކުންފުނިތަކުގެ ތެރޭގައި، ނަލަހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، ކްލަބްމެޑް ކަނި ރިސޯޓް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްޑީޕީ އޮފީސް، ހާ އަލިފް އަދި ތާ އަތޮޅު ކައުންސިލް އޮފީސް، ވެމްކޯ، އައިކެއާ، އަދި މީގެ އިތުރަށްވެސް އެކި މުވައްސަސާ ހިމެނެއެވެ.

ފަހި ކެޕްލާގެ ބައެއް ކަސްޓަމަރުން - ޓެރަބައިޓްގެ ވެބްސައިޓްއިން

މީގެއިން ފާހަގަވަނީ މި ސިސްޓަމަކީ ރިސޯޓުތަކަށް، ކިޔަވައިދޭ މަރުކަޒުތަކަށް ނުވަތަ ސަރުކާރުގެ އޮފީސްތަކަށް، ނުވަތަ އެނޫންވެސް ތަންތަނަށް ބޭނުންކުރެވޭ ގޮތައް ފަރުމާކޮށް އުފެދިފައިވާ ސިސްޓަމެއް ކަމުގައެވެ.

މީގެ އިތުރަށް އެންމެ ފާހަގަވަނީ މި އެޗްއާރު ސިސްޓަމަކީ ދިވެހި ސޮފްޓްވެއާ ޑެވެލޮޕަރުންތަކެއް އުފައްދައި، ބަލަހައްޓަމުންދާ އެއްޗެއްކަމެވެ.

ފަހި ކެޕްލާގެ މޮބައިލް އެޕް އެންޑްރޮއިޑަށް އަދި އައި.އޯއެސްއަށްވެސް ރިލީސް ކޮށްފައިވެއެވެ. މިއީ މުވައްޒަފުންނަށް މޮބައިލް އެޕް މެދުވެރިކޮށް ހާޒިރީ ބަލައި، ޗުއްޓީއަށް އެދި އަދި އިތުރު އެޕްރޫވަލްވެސް ކުރެވޭ ގޮތައް އުފައްދާފައިވާ މޮބައިލް އެޕެކެވެ.

ދިވެހި އުފެއްދުމެއް ގޮތުގައި މިފަދަ ބޮޑެތި ސޮފްޓްވެއާތައް ޚާއްސްކޮށް ދިވެހި ޤާނޫނުތަކަށް ފެތޭ ގޮތައް އުފެއްދިފައި ހުރުމަކީ ވަރަށް މުހިންމު އަދި އުފާކުރަންޖެހޭ ކަމެކެވެ.

ގިނަ ފަހަރަށް ބޭރު ބަޔެއްގެ އަތުން މިފަދަ ސޮފްޓްވެއާއެއް ގަނެ، ބަދަލުކުރުމަކީ ވަރަށް ގިނަ ވަގުތާއި ޚަރަދުވެސް ދާ ކަމެކެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.