އޭޑީކޭއިން އޮންލައިން ފާމަސީގެ ޚިދުމަތް ފައްޓައިފި

ހިންދު ޢަލީ 31 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޭޑީކޭ ފާމަސީއިން އޮންލައިން ފާމަސީ ޕޯޓަލެއް ތައްޔާރުކޮށްފިއެވެ. މެއި މަހުގެ 29 ވަނަ ދުވަހު ތަޢާރަފްކުރެވުނު މިޕޯޓަލް މެދުވެރިކޮށް އޭޑީކޭގެ ބޭސްފިހާރަތަކުން ބޭހަށް އޯޑަރު ބަލައިގަތުމާއި ގެއާއި ހަމައަށް ޑެލިވަރ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ދިގު ކިޔުތަކުގައި ގިނަވަގުތު މަޑުނުކޮށް ފަސޭހަކަމާއެކު ބޭސް ހޯދުމަށް މިއީ ރަނގަޅު ގޮތެކެވެ. ޑޮކްޓަރުގެ ބޭސް ސިޓީއަށް އަދި ބޭސް ސިޓީއާއި ނުލާ އާންމުކޮށް ކައުންޓަރުން ނެގޭ ފަދަ ބޭސްވެސް މިގޮތަށް ގަނެވެއެވެ.

ބޭހަށް އޯޑަރު ދިނުމަށްޓަކައި ޕޯޓަލްގެ ލިންކަށް ވަޑައިގެން ފުރަތަމަ ޖެހެނީ ޓޯކަނެއް ނަގާށެވެ. ޓޯކަން ދޫކުރަނީ ހުކުރުދުވަސް ފިޔަވާ ހަފްތާގެ ބާކީ ދުވަސްތަކުގެ ހެނދުނު 9 އިން ފެށިގެން އެދުވަހަކަށް ކަނޑައެޅިފައިވާ ޓޯކަން ހުސްވަންދެކަށެވެ. ޓޯކަން ނެގުމަށް ފަހު، ބޭނުންވާ ހިދުމަތާއި، ބޭސް ޑެލިވަރ ކުރަން ބޭނުންވާ ވަގުތެއް ޚިޔާރު ކުރައްވަން ޖެހެއެވެ. އެއަށް ފަހު ނަމާއި ފޯނު ނަންބަރު ޖެހުމުން ބުކިންގ ކޯޑެއް ލިބެއެވެ.

އެއަށް ފަހު އޭޑީކޭއިން ފޯނަށް ގުޅާއިރު، ބޭސް ސިޓީއާއި އައިޑީ ކާޑާއި ބުކިންގ ނަންބަރު ބޭނުންވާނެކަމަށް އޭޑީކޭއިން މަޢުލޫމާތު ދެއްވައެވެ. ބޭސް ސިޓީގެ ފޮޓޯއާއި އައިޑީ ކާޑުގެ ފޮޓޯ ވައިބަރ މެދުވެރިކޮށް ހޯދުމަށް އެދޭނެ ކަމަށް އޭޑީކޭ އިން ވިދާޅުވިއެވެ. އަދި ބޭހަށް ފައިސާ ދައްކަންޖެހޭ ހާލަތުގައި ފައިސާ ދައްކާނެގޮތުގެ މަޢުލޫމާތު ހޮސްޕިޓަލުން ދެއްވާނެއެވެ. އެދުނު ބޭހުގެ ސްޓޮކް ހުރިތޯ ޗެކްކޮށް އާންމުކޮށް ބޭސް ފިހާރަތަކުން ބޭސްތައް ޖަމާކުރާ ފަދައިން ތައްޔާރުކޮށް ގެޔާއި ހަމައަށް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ. ބޭސް ޑެލިވަރ ކުރަން ކަނޑައެޅިފައިވާ ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ 3 އިން 11 ޖަހަންދެކަށެވެ.

މުޅި ޕްރޮސެސް އޮންލައިން ނުވި ނަމަވެސް މިއީ ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައިވާ މިދުވަސްވަރު، ބޭސް ހޯދުމަށް ލިބިގެންދާ ފަސޭހައެކެވެ. އޭޑީކޭއިން މަޢުލޫމާތު ދެއްވާފައިވާ ފަދައިން ރައްކާތެރިވާންޖެހޭ ވަގުތު ގޭގައި ތިބެގެން ޚިދުމަތް ހޯއްދެވުމަށް ޚިޔާރުކުރައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.