ޕޭޕާލް އިން ވަނީ މިދިޔަ އަހަރު އެކުންފުނީގެ މިލިއަނަކަށްވުރެ ގިނަ ކަސްޓަމަރުންނަށް ބިޓްކޮއިން ގަނެ ވިއްކޭނެގޮތް ހަދާފައިއެވެ. ނަމަވެސް ޕޭޕާލް މެދުވެރިކޮށް އެހެންމީހުނަށް ބިޓްކޮއިން ނުފޮނުވޭތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ވަނީ ކޮށްފައިއެވެ.
ޕޭޕާލް އިން މި ޝަކުވާތައް އަޑުއަހައި މިކަމަށް ހައްލެއް ގެނައުމަށް ނިންމާފައިވާކަން އެކުންފުނީގެ ހެޑް އޮފް ބްލޮކްޗެއިން އެންޑް ކްރިޕްޓޯ ވަނީ ހާމަކޮށްފައިއެވެ. އެގޮތުން އެކުންފުނިން ތާޑް ޕާޓީ ވޮލެޓް ޓްރާންސްޕފާ ކުރެވޭނެގޮތް ހެދުމަށް ނިންމާފައިވާކަމަށް އޭނާވަނީ ހާމަކޮށްފައިއެވެ. މީގެ ސަބަބުން ޕޭޕާލް އަދި ވެންމޯ ބޭނުންކުރާ ފަރާތްތަކަށް އެހެން މީހުނަށް ބިޓްކޮއިން ފޮނުވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ނަމަވެސް މި ހިދުމަތް ޕޭޕާލް އިން ތައާރަފްކުރާނެ ދުވަހަކާއި އަދި ޕޭޕާލްގެ ކަސްޓަމަރުން ބިޓްކޮއިން ފޮނުވުމުންނާއި އެމީހުންނަށް ބިޓްކޮއިން ލިބުމުން އުފެދޭނެ ބްލޮކްޗެއިން މުއާމަލާތްތަކާއިމެދު އެކުންފުނިން އަމަލުކުރާނެ ގޮތަކާއިބެހޭގޮތުން މައުލޫމާތު ހިއްސާކުރަން އޭނާ ވަނީ ދެކޮޅު ހަދާފައިއެވެ.
ޕޭޕާލްގެ ބިޓްކޮއިން އޮޕަރޭޝަން މިހާރު ހިންގަމުންދަނީ ބްލޮކްޗެއިން އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޕެކްސޮސް ގެ އެހީތެރިކަމާއިއެކުއެވެ. މީގެ އިތުރުންވެސް އެކުންފުނީގެ އެކިއެކި މާލީ އޮޕަރޭޝަންތަކުގައި އެކި ފަރާތްތަކުގެ އެހީތެރިކަން އެކުންފުނިން ހޯދައެވެ. އެހެންކަމުން ޕެކްސޮސް ނުވަތަ މިފަދަ އެހެން ކުންފުންޏެއްގެ އެހީތެރިކަމާއިއެކު އެކުންފުނިން މި ހިދުމަތް ތައާރަފްކުރުމަށް ބޭނުންވާ މަސައްކަތްކޮށްފާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން އެކުންފުނިން ގަނެފައިވާ ކްރިޕްޓޯ ސެކިއުރިޓޯ ކުންފުނި ކާވް މެދުވެރިކޮށް އެކުންފުނިން އަމިއްލައަށް މި މަސައްކަތްކޮށްފާނެ ކަމަށްވެސް ބެލެވެއެވެ.
ޕޭޕާލް ގެ ސީއީއޯ ގަބޫލުކުރާގޮތުގައި ކްރިޕްޓޯ އަދި ބްލޮކްޗެއިން އަކީ އެކުންފުނީގެ ވިޔަފާރީގެ މުހިންމު ބައެކެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ފައިސާގެ މުއާމަލާތްތަކުގެ އަގުހެޔޮކޮށް ދުނިޔޭގެ އެކިކަންކޮޅުތަކަށް މިހިދުމަތް ފުޅާކުރުމުގެ ގާބިލުކަން މިފަދަ ޓެކްނޮލޮޖީ މެދުވެރިކޮށް ލިބިގެންދާނެއެވެ. މިކަން ހާސިލުކުރުމަށްޓަކައި އެކުންފުނީގެ އަމިއްލަ ސްޓޭބަލްކޮއިން އެއް އުފެއްދުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމުގެ އަޑުތަށްވެސް ވަނީ ފެތުރިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި