އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބޭން ކުރުމާއި ގުޅިގެން މިދިޔަމަހު އުފެއްދި ބްލޮގް ހުއްޓާލައިފިއެވެ. މި ބްލޮގް މިހާރުވަނީ ޓްރަމްޕްގެ ވެބްސައިޓުންވެސް ނަގާފައިއެވެ. މިކަމާއި ގުޅިގެން ޓްރަމްޕްގެ ތަރުޖަމާނު ޖޭސަން މިލާ ހާމަކޮށްފައިވާ ގޮތުގައި ފްރޮމް ދި ޑެސްކް އޮފް ޑޮންލްޑް ޖޭ ޓްރަމްޕް ގެ ނަމުގައި ހިންގި މި ބްލޮގް ދެން އަލުން ނުފެންނާނެއެވެ.
ޓްރަމްޕް އައު ސޯޝަލް މީޑިއާ މަންސައެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ރޮއިޓާޒް އަށް ފޮނުވާފައިވާ އީމެއިލް އެއްގައި މިލާ ހާމަކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ބްލޮގް އަކީ މިކަން ހާސިލުކުރުމަށް އެންމެ ފުރަތަމަ އެޅުނު ފިޔަވަޅެވެ. ނަމަވެސް މިލާ ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް މުޅިން ނިންމާލެވޭނެ ދުވަހެއް އަދި ނޭގެއެވެ.
މިނިވަންކަމާއި ރައްކާތެރިކަމާއިއެކު ވާހަކަ ދެއްކޭނެ ތަނެއްގެ ގޮތުގައި އިޝްތިހާރު ކުރެވުނު މި ބްލޮގް ވެގެންދިޔައީ ހަމައެކަނި ޓްރަމްޕްއަށް ލިޔެވޭގޮތަށް ފަރުމާކުރެވިފައިވާ ބްލޮގްއަކަށެވެ. އަދި މި ބްލޮގްގައި ޓްރަމްޕް ޕޯސްޓްކުރާ ލިޔުންތަކަށް ލައިކްކޮށް ފޭސްބުކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާތަކަށް މި ތަކެތި ޕޯސްޓްކުރެވެއެވެ.
ޖެނުއަރީ 6 ގައި އެމެރިކާގައި ހިނގާދިޔަ ހަމަނެޖުހުންތަކަށްފަހު މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ ޓްރަމްޕް އަށް އެކުންފުނިތަކުގެ މަންސަތައް ބޭނުންނުކުރެވޭގޮތް ހަދާފައިއެވެ. އެގޮތުން ޓްވިޓާ އިންވަނީ އެކުންފުނީގެ މަންސައިން ޓްރަމްޕް އުމުރުދުވަހަށް ބޭންކޮށްފައިއެވެ. އަދި މުސްތަގްބަލުގައި އޭނާ އެމެރިކާގެ ރައީސްކަމަށް ވާދަކުރިޔަސް މިނިންމުމަށް ބަދަލެއް ނުގެންނާނެކަމަށް އެކުންފުނިންވަނީ ހާމަކޮށްފައިއެވެ.
ފޭސްބުކްއިން ވެސް މިދަދަ ފިޔަވަޅުތަކެއް ޓްރަމްޕްއާއި ދެކޮޅަށް އަޅާފައިވާއިރު އެކުންފުނި ޒިންމާދާރުކުރުވުމަށް އުފައްދާފައިވާ މިނިވަން ބޯޑަކުން ވަނީ ނިންމުމަށް ފާޑުކިޔާފައިއެވެ. އަދި މިނިންމުން މުރާޖައާކުރުމަށް އެކުންފުންޏަށް މި ބޯޑުން ވަނީ 6 މަސްދުވަހުގެ މުއްދަތެއް ދީފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި