ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ރައްކާކުރުމަށް ވަޢުދުވަމާ

ޝުޖާޢަތު ރަޝީދު 04 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުގެން މާހައުލީ ނިޒާމުތައް އިޔާދަކުރުމަށް (އީކޯސިސްޓަމްތައް ރީސްޓޯކުރުމަށް) މަސައްކަތްކުރަން ފެށުމައްޓަކައި އ.ދ. އިން މަސައްކަތް ފަށައިފިއެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުންވެސް ވަޢުދުވެގެން ކުރިއަށް އޮތް ޖީލުތަކަށް ކުރާ ކަމެއްގެ ގޮތުގައި މިކަންތައްތައް ކުރުމަށް ޔޫއެންއިން ވަނީ ގޮވާލާފައެވެ.

މީގެ ތެރެެގައި ހިމެނޭ އެއްކަމަކީ، ތިމާވެށީގެ ދުވަހާއި ގުޅިގެން އޮފިޝަލް ބްރޯޑްކާސްޓެއް އޮންލައިންކޮށް ގެނެސްދިނުމެވެ. މި ބްރޯޑްކާސްޓު ކުރިއަށް ގެންގޮސްފައިވަނީ 04 ޖޫންއިން ފެށިގެންނެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މި ބްރޯޑްކާސްޓް ކުރިއަށްގެންދާއިރު މިފަހަރުގެ ތިމާވެށީގެ ދުވަސް ހޯސްޓު ކުރަނީ ޕާކިސްތާނުންނެވެ.

މިއަދަށް ޙާއްސަކޮށްގެން ސައުތު އެފްރިކާގެ ސުކޫލްތަކުގައި އޮންލައިން ކްލާސްރޫމް ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ ވީޑިއޯ އަދި އެނިމޭޝަންގެ ޒަރިއްޔާއިން ދަރިވަރުންނަށް ސައުތު އެފްރިކާގެ ޖައްވީ މާހައުލު ދައްކާލުމަށް ޔޫއެން ތިމާވެށީގެ ޕްރޮގްރާމްގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ.

ޔޫއެންއިން ކުރިއަށް އޮތް ދިހައަހަރަށް އަމާޒުކޮށްގެން ޚާސިލްކުރުމަށް ވަޢުދުވާން ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ގޮވާލާފައިވާ ކަންތައްތަކުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީންވެސް ވަނީ އާންމުކޮށް އިޢުލާން ކޮށްފައެވެ.

މިއަދު މިފާހަގަ ކުރަމުންދާ ތިމާވެށީގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޤައުމާއި މުޙާތަބުކޮށް ހިތޯބެއް ފޮނުވާފައެވެ.

މި ހިތޯބުގައި ރައީސް ވިދާޅުވީ "ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، އަޅުގަނޑުމެންނަކީ، މިދެންނެވި ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލު ކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ ހަލާކުވަމުންދާ މާހައުލީ ނިޒާމު އިއާދަކުރުމަށްޓަކައި، މިއަދު މިތިބަ ހާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ" ކަމަށެވެ.

ދިވެހިރާއްޖެއިން ތިމާވެށި ރައްކާކޮށް ގުދުރަތީ މާހައުލުތައް ރައްކާތެރިކުރުމަށް 2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަނޑާއި ގުޅިފައިވާ ސަރަހައްދުތަކުގެ މަދުވެގެން 20 އިންސައްތަ ހިމާޔާތްކުރުމަށާއި، ގްލޯބަލް އޯޝަން އެލައަންސުގައި ބައިވެރިވެ، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތް ކުރުމުގައިވެސް ބައިނަލްއަގުވާމީ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށްވެސް މި ހިތޯބުގައި ވިދާޅުވެފައިވެއެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައި ވެމްކޯއިން ކުރި ޓްވީޓެއް


ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރޯ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިންވެސް ޚާއްސަ އޮންލައިން ރަސްމިއްޔާތެއް މިއަދު 14:30 ގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ލައިވް ބްލޮގް ކިޔާލުމަށް



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.