30 އަހަރަށް ފަހު ނާސާއިން ވީނަސްއަށް ދަތުރު ފަށަނީ

އިސްމާއިލް އަލީ 07 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

30 އަހަރަށް ފަހު ނާސާއިން ވީނަސްއަށް ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެއެވެ. އެގޮތުން އެއިދާރާއިން ވަނީ 2 ރޮބޮޓިކް މިޝަން ވީނަސް އަށް ފޮނުވުމަށް ނިންމާފައިވާކަން ހާމަކޮށްފައިއެވެ. ޑާވިންޗީ+ އަދި ވެރިޓަސް ގެ ނަމުން ނަންދީފައިވާ މި މިޝަންތަކަކީ ނާސާގެ ޑިސްކަވަރީ ޕްރޮގްރާމަށް ހުށަހެޅުނު 4 ޕްރޮޕޯސަލްގެ ތެރެއިން 2 ޕްރޮޕޯސަލްއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މި މިޝަންތަކުގެ މަސައްކަތަކަށް ވާނީ ވީނަސްގެ ސަތަހަ ހޫނުގަދަވެ ތިމަރަ ފަދަ ބާވަތްތައް ވިރުވާލެވޭ ވަރަށް ހޫނުގަދަވިގޮތް ދެނެގަތުމެވެ. އެއިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މިޝަންތަކުގެ ސަބަބުން ސައިންސްވެރިންނަށް މިދިޔަ 30 އަހަރު ތެރޭގައި ދިރާސާކުރުމުގެ ފުރުސަތު ލިބިފައިވާނުވާ ޕްލެނެޓެއް ދިރާސާ ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ޑާވިންޗީ+ ވީނަސް އަށް ދިއުމަށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ 2029 ވަނަ އަހަރުގައިއެވެ. މިއީ 1978 ވަނަ އަހަރުގެ ފަހުން ނާސާއިން ވީނަސްއަށް ފޮނުވާ ފުރަތަމަ އުޅަނދެވެ. އަދި ވެރިޓަސް ވީނަސް އަށް ދިއުމަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ 2028 ގައިއެވެ.

ވެރިޓަސް އަކީ ނާސާގެ މެގެލަން ޕްރޯބް ގޮތަށް ވީނަސްގެ ސަތަހަ ޗާޓުކުރުމުގެ މަސައްކަތްކުރުމަށް ފޮނުވާ އުޅަނދެކެވެ. މިއުޅަނދުގައި ހަރުކުރެވިފައިވާ ކެމެރާތަކާއި ރާޑަރުގެ އެހީގައި މިއުޅަނދުން ވިނަސްގެ ސަތަހައިގެ 3ޑީ ޗާޓެއް އެކުލަވާލާނެކަމަށް ނާސާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މި ދެ އުޅަނދުގެ މައިގަނޑު އެއް މަސައްކަތަކަށް ވާނީ ވީނަސްގައި އެއްވެސް އިރަކު ދިރުން ހުރިތޯ ޔަގީންކުރުމެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.