އެލް ސަލްވަޑޯއިން ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރަނީ

އިސްމާއިލް އަލީ 10 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެލް ސަލްވަޑޯގައި ގާނޫނީގޮތުން ބާރުލިބިގެން ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރުމަށް ނިންމައިފިއެވެ. އެގޮތުން އެމެރިކާ ޑޮލަރާއިއެކު ބިޓްކޮއިން ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފައިއެވެ. މިއާއި އެކު އެގައުމު ވެގެންދާނީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ގައުމަށެވެ.

ބިޓްކޮއިން 2021 ކޮންފަރެންސްގައި ވާހަކަދައްކަމުން އެގައުމުގެ ރައީސް ވަނީ ޑިޖިޓަލް ވޮލެޓް ކުންފުނި ސްޓްރައިކް އާއި އެކު އެލް ސަލްވަޑޯގެ މާލީ ނިޒާމުގައި ބިޓްކޮއިން ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިއެވެ.

އެގައުމުން ބިޓްކޮއިން ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާ އިރު އެގައުމުގެ 70 އިންސައްތަ މީހުންނަކީ ބޭންކް އެކައުންޓެއް ނުވަތަ ކްރެޑިޓް ކާޑެއް ގެންގުޅޭ ބައެއްނޫނެވެ. އަދި އެގައުމުގެ ޖީޑީޕީގެ ބޮޑު ބައެއް ބަރޯސާ ވެފައި ވަނީ ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުން ފޮނުވާ ރެމިޓެންސް ފައިސާއަށެވެ. އެގައުމުން ހާމަކުރާ ގޮތުގައި މިހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުވުމާއި ފައިސާ ޓްރާންސްފާ ކުރުމަށް ނަގާ ދުވަސް ގިނަވުމުން ގިނަ މައްސަލަތަކެއް ދިމާވެއެވެ. އެލް ސަލްވަޑޯގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ބިޓްކޮއިން ލީގަލް ޓެންޑާއެއްގެ ގޮތުގައި ތައާރަފްކުރުމުން މިކަމަށް ހައްލެއް ލިބި މާލީ ނިޒާމުގައި މީހުންގެ ބައިވެރިވުން އިތުރުވާނެއެވެ.

އެލް ސަލްވަޑޯ އިން މީގެ ކުރިންވެސް ވަނީ ބިޓްކޮއިން އަށް އެގައުމުގެ މާލީ ނިޒާމު ހުޅުވާލުމަށް ނިންމުންތަކެއް ނިންމާފައިއެވެ. އެގޮތުން މާޗް މަހު ސްޓްރައިކް އިން ވަނީ އެގައުމުގައި އެކުންފުނީގެ މޯބައިލް ޕޭމަންޓް އެޕް ތައާރަފްކޮށްފައިއެވެ. މިއާއިއެކު މި އެޕް ވެގެން ގޮސްފައިވަނީ އެގައުމުގައި އެންމެ ގިނައިން ޑައުންލޯޑު ކުރެވުނު އެޕްލިކޭޝަނަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.