އިލެކްޓްރޯނިކް އާޓްސްގެ ސާވާތަށް ހެކްކޮށްފި

އިސްމާއިލް އަލީ 15 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) ގެ ސާވާތައް ހެކްކޮށް ގިނައަދަދެއްގެ ޑޭޓާ ވަގަށް ނަގައިފިއެވެ. މީގެ ތެރޭގައި އެކި ގޭމްތަކުގެ ސޯސްކޯޑު ތަކާއި އެކުންފުނީގެ އެހެން ބައެއް މައުލޫމާތުވެސް ހިމެނެއެވެ.

މި ހަމަލާގެ ފަހަތުގައިވާ ހެކަރުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން ވަނީ ފީފާ 21 ގެ ސޯސްކޯޑާއި އެގޭމާއި ގުޅޭ ސާވާތަކުގެ ކޯޑުތައް ވަގަށް ނަގާފައިއެވެ. މީގެ އިތުރުން ބެޓުލްފީލްޑް އާއި އީއޭގެ ގިނަ ގޭމްތަކުގައި ބޭނުންކުރާ ފްރޮސްޓްބައިޓް އިންޖީންގެ ސޯސްކޯޑުވެސް އެމީހުން ނަގާފައިވާކަން އެމީހުން ވަނީ ހާމަކޮށްފައިއެވެ. މި ޑޭޓާގެ އިތުރުން މުޅިއަކު 780 ޖީބީގެ ޑޭޓާ ވިއްކުމަށްޓަކައި މި ފަރާތްތަކުންވަނީ އެކި ފޯރަމްތަކުގައި އިއުލާންކޮށްފައިއެވެ.

އީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ސާވާތައް ބަޔަކުވަނީ ހެކްކޮށްފައިއެވެ. އަދި މިހާރު އިންޓަނެޓުގެ އެކި ފޯރަމްތަކުގައި ވިއްކުމަށް އިއުލާންކޮށްފައިވަނީ މި ހަމަލާ ދިން ފަރާތްތަކުން ވަގަށްނަގާފައިވާ ތަކެތިކަން އެކުންފުނިން ވަނީ ކަށަވަރުކޮށްދީފައިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިހާރުދަނީ މި ހަމަލާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން އީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާގައި އެކުންފުނީގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހެކަރުންނަށް ލިބިފައިނުވެއެވެ.

އީއޭ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަނީ މިހާރު އެކުންފުނީގެ ސާވާތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިއެވެ. އަދި މި ހަމަލާގެ ސަބަބުން އެކުންފުނީގެ ގޭމްތަކަށް އަދި ވިޔަފާރިއަށްވެސް އަސަރެއް ނުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން މި ހަމަލާގެ ތަހުގީގު ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.