ޖަވާބުން ބިގް ބްލޫ ބަޓަން ދިވެހި ބަހަށް ބަދަލުކޮށްލައިފި

ހިންދު ޢަލީ 16 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަވާބު ޕްރައިވެޓް ލިމިޓެޑްއިން ބިގް ބްލޫ ބަޓަންގެ އެޕްލިކޭޝަން ދިވެހިބަހަށް ބަދަލު ކޮށްފިއެވެ. ޖަވާބަކީ ވެބްޑިޒައިނިންގ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ގްރެފިކްސް ޑިޒައިން ފަދަ ގިނަ މަސައްކަތްތަކެއް ކުރާ މަޝްހޫރު ދިވެހި ޓެކް ކުންފުންޏެކެވެ.

ބިގް ބްލޫ ބަޓަން އަކީ އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. މިއީ ޒޫމްއާއި ގޫގުލް މީޓް ފަދަ އޮންލައިން މީޓިންގ އެޕްލިކޭޝަނެކެވެ. އެހެން ނަމަވެސް ބިގް ބްލޫ ބަޓަން އަކީ ހިލޭ ބޭނުންކުރެވޭނެ އޯޕަންސޯސް ޕްލެޓްފޯމެކެވެ.

ބިގް ބްލޫ ބަޓަންއަކީ ލޯކަލް ސެޓަޕެއްގައި ހޯސްޓް ކުރެވޭ އެޕްލިކޭޝަނެއް ކަމުން އިންޓަރނެޓް ލިބުން ދަތި ރަށްރަށުގައި އަމިއްލަ ނެޓްވޯކެއްގައި މިއެޕްލިކޭޝަން ހޯސްޓްކޮށް އިންޓަރނެޓާއި ނުލާވެސް ކުދިންނަށް ކިޔަވާދިނުމަށް މިއެޕްލިކޭޝަން ބޭނުންކުރެވިދާނެއެވެ. މިއީ މިއެޕްލިކޭޝަނުން ލިބޭ ބޮޑު ފައިދާއެކެވެ.

އާންމުކޮށް އޮންލައިން މީޓިންގ ސޮފްޓްވެއަރތަކުގައި ހުންނަ ފީޗަރސްތައް މީގައިވެސް ހިމެނެއެވެ. މިސާލަކަށް ވީޑިއޯ، އޯޑިއޯ އަދި ޗެޓް ފީޗަރތަކެވެ. އޭގެ އިތުރުން ސްކްރީން ޝެއަރު ކުރުމާއި، ބްރޭކްއައުޓް ރޫމް ހެދުމާއި، މީޓިންގ ރެކޯޑް ކުރުމާއި، ޕޯލް ނެގުމާއި، ވަރޗުއަލް ވައިޓްބޯޑު ފަދަ ފީޗަރސްވެސް ހިމެނެއެވެ.

ދިވެހި ބަސް ހިމަނައިގެން ބިގް ބްލޫ ބަޓަން މިހާރު 65 އަށް ވުރެ ގިނަ ބަހަށް ވަނީ ތަރުޖަމާކުރެވިފައެވެ. މިހާރު ވެސް ބޭނުންކުރަމުންދާ ވަރަށް ގިނަ ލަރނިންގ މެނޭޖްމަންޓް ސޮފްޓްވެއަރ (އެލްއެމްއެސް) ތަކާއި ބިގް ބްލޫ ބަޓަން އިންޓަރގްރޭޓް ކުރެވެއެވެ. މިސާލަކަށް މޫޑްލް، ކެންވަސް، ސްކޫލޮޖީ ފަދަ އެޕްލިކޭޝަންތަކެވެ. ބިގް ބްލޫ ބަޓަންގެ ވެބްސައިޓްގައި ވާގޮތުން، މި އެޕްލިކޭޝަނަކީ ޓީޗަރުންގެ ފަރާތުން ޓީޗަރުންނަށްޓަކައި އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މިޕްލެޓްފޯމް ތަފާތު ވަނީ މިއީ ސްކޫލެއްގެ ތެރޭގައި ޓީޗަރުންގެ ބޭނުންތައް ދެނެގަތުމަށްފަހު ޑިވެލޮޕްކުރެވިފައިވާ އެޕްލިކޭޝަނަކަށް ވާތީއެވެ.

ޖަވާބުން ކުރެއްވި މިމަސައްކަތުން ބިގް ބްލޫ ބަޓަންގެ ޔޫސަރ އިންޓަފޭސްއިން ފެންނަ ހުރިހާ ބައެއް ދިވެހިބަހަށް ވަނީ ބަދަލުކުރެވިފައެވެ. އަދި އެޕްލިކޭޝަންގައި ދިވެހިބަހުން ލިޔެވޭނެއެވެ. މިގޮތަށް އެޕްލިކޭޝަން ދިވެހިބަހަށް ބަދަލު ކުރެވުމުން އިނގިރޭސި ބަހަށް ނުފަރިތަ ފަރާތްތަކާއި އުުމުރުން ދުވަސް ވީ ފަރާތްތަކަށް ވެސް އޮންލައިންކޮށް ކިޔަވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޖަވާބުން ފާހަކުރެއްވިއެވެ.

މިމަސައްކަތް އެންމެ ފުރަތަމަ ފެށުނީ އެހެން ޕްރޮޖެކްޓަކަށް ބޭނުން ވެގެން ދިވެހި ބަހުން ޔޫސަރ އިންޓަފޭސް ތައްޔާރުކުރުގެ ތެރެއިން ކަމަށް ޖަވާބުން މަޢުލޫމާތު ދެއްވައެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން ދިރާސާ ކުރެވި، ބިގް ބްލޫ ބަޓަންއަކީ މިފަދައިން އެކި ބަސްބަހަށް ބަދަލުކޮށްލެވެން ހުރި ޕްލެޓްފޯމެއް ކަމުން، މިމަސައްކަތް ކުރަން ފެއްޓީކަމަށް ވިދާޅުވިއެވެ. އަދި ޓްރާންސްލޭޓް ކުރުމަށް ފަހު ކޮމިޔުނިޓީގެ އެހެން ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ގޮތަށް ހިއްސާކުރެއްވީކަމަށް ޖަވާބުގެ ސީޓީއޯ އަރުޝަދު އަޙުމަދު ވިދާޅުވިއެވެ. އަރުޝަދު ވިދާޅުވިގޮތުގައި އެޕްރިލް 2021 އިން ފަށައިގެން ޓީމުގެ 2 މެންބަރަކު ވެގެން މަސައްކަތްކޮށް ނިންމާލުމަށް ހޭދަވީ 1 މަހެވެ.

ދިވެހި ބަހަކީ ކަނާތުން ވާތަށް ލިޔެވޭ ބަހެއް ކަމުން މަސައްކަތް ކުރުމުގައި ކުޑަކޮށް ދަތިކަމެއް ދިމާވެ ބަގްފިކްސްއެއް ބޭނުންވިއެވެ. އެހެން ނަމަވެސް ބިގް ބްލޫ ބަޓަންގެ ދެން ނެރޭ ރިލީސްގައި އެކަމަށް ހައްލު ލިބޭނެކަމަށް ޖަވާބުން މަޢުލޫމާތު ދެއްވިއެވެ. މިހާރު އެޕްލިކޭޝަންގައި ފެންނަނީ ބޮލި ފޮންޓެވެ. އެހެންކަމުން އަވަސް މުއްދަތެއް ތެރޭގައި ކަސްޓަމައިޒްޑް ފޮންޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ޓްރާންސްލޭޓް ކުރެވިފައިވާ ބައިތަކުގައި ހުރި ކުށް ރަނގަޅު ކުރުމަށް އެހީތެރިވުމަށް ކޮމިޔުނިޓީއަށް މިހާރު ހުޅުވާލާފައިވާނެ ކަމަށާއި މިހާރުވެސް މިކަމުގައި ބައެއް ފަރާތްތަކުން އެހީތެރިވަމުންދާކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި އެފަރާތްތަކަށް ޖަވާބުން ޝުކުރު އަދާކުރެއްވިއެވެ. މިމަސައްކަތުގައި އެހީތެރިވުމަށް މިލިންކު ބޭނުންކުރައްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.