މެޝިނަކަށް ވިސްނޭނެތަ؟

ހިންދު ޢަލީ 17 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއީ 1950 ގައި ހިސާބު އިލްމުވެރިޔާ އެލަން ޓިއުރިންގ ޕަބްލިޝްކޮށްފައިވާ 'ކޮމްޕިޔުޓިންގ މެޝިނަރީ އެންޑް އިންޓެލިޖެންސް' ޕޭޕަރުގައި އޭނާ ކޮށްފައިވާ ސުވާލެކެވެ. މިއީ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ވާހަކަ ފެށުނު ހިސާބެވެ. މިއީ އޭނާ ބުނާގޮތުން އޭއައިގެ މައިގަނޑު އަމާޒެވެ. މެޝިނަކަށް ވިސްނަން ދަސްކޮށްދިނުމެވެ. އޭއައި އަކީ ޓިއުރިންގގެ މިސުވާލަށް ޕޮޒިޓިވްކޮށް ޖަވާބު ހޯދުމަށް މަސައްކަތްކުރާ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއެކެވެ. މިދާއިރާގައި މަސައްކަތް ކުރަނީ މެޝިނަކަށް އިންސާނެއް ފަދައިން ވިސްނަން ދަސްކޮށްދިނުމަށެވެ. ނުވަތަ އިންސާނެއްގެ ސިކުނޑި ވިސްނާ ގޮތާ ގާތްވާގޮތަކަށް ވިސްނާ މެޝިން ނުވަތަ އެޕްލިކޭޝަން އުފެއްދުމެވެ.

މީގެ 70 އަށް ވުރެ ގިނަ އަހަރު ކުރިން ތަޢާރަފުވެފައިވާ އާރޓިފިޝަލް އިންޓެލިޖެންސް މިއީ، މިހާރު ޓެކް ދާއިރާގައި މަސައްކަތް ކުރާ އަދި ކިޔަވާކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް ދާއިރާއެވެ.

އޭއައި އަކީ ކޮބާތޯ ބަލާލައިފިނަމަ ބުނެވޭނެ އެކައްޗަކީ، މިއީ ވަރަށް ފުޅާ ދާއިރާއެއްކަމެވެ. ޔަގީނުންވެސް މީގެ ޖަވާބުގައި އެކި ފަރާތްތަކުން ދޭނީ އެކި ޖަވާބެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ އިންސާނެއް ފަދައިން ވިސްނާ ނުވަތަ 'އިންޓެލިޖެންޓް'ކޮށް މަސައްކަތްކުރާ ސްމާޓް މެޝިން ނުވަތަ ސްމާޓް ސިސްޓަމް އުފެއްދުމުގެ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަށް ކިޔާ ނަމެކެވެ. އެންމެ ތިލަ މާނައިގައި އޮތީ، ކޮމްޕިޔުޓަރެއް ނުވަތަ މެޝިނެއް އިންސާނެއް ފަދައިން ވިސްނަން ދަސްކޮށްދޭ އެޕްލިކޭޝަން ތަކަކީ އޭއައިކަމަށެވެ. ދިވެހި ބަހުން ތަރުޖަމާ ކޮށްފިނަމަ އޭއައި ގެ މާނައަކީ މަސްނޫޢީ ތޫނުފިލިކަމެވެ.

1950 ގައި ޓިއުރިންގ މިކޮންސެޕްޓްގެ ވާހަކަ ދެއްކި ނަމަވެސް އޭއައި މި ބަސް އެންމެ ފުރަތަމަ އުފެދިގެން އައީ 1956 ގައި އެމެރިކާގެ ޑާރޓްމަތް ކޮލެޖްގައި ބޭއްވި ކޮންފަރެންސްއެއްގައި ޑަރޓްމަތް ސަމަރ ރިސަރޗް ޕްރޮޖެކްޓްގެ ނަމުގައި ހުށަހެޅުނު ޕްރޮޖެކްޓެއްގައެވެ. އޭރު ޑަރޓްމަތް ކޮލެޖްގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖޯން މެކަރތީ އަކީ އޭއައި ފީލްޑް އުފެއްދުމުގައި ހިމެނުނު، ކޮމްޕިޔުޓަރ ސައިންސް އަދި އިންސާނުން ވިސްނާގޮތާއި ސިކުނޑީގައި މަޢުލޫމާތު ރައްކާކުރުމާބެހޭ ދިރާސާ ކުރި ސައިންޓިސްޓެކެވެ. މެކަރތީއާއެކު މަސައްކަތް ކުރި މާރވިން މިންސްކީ، އާރތަރ ސެމުއެލް، އެލެން ނުވެލް އަދި ހަރބަޓް ސިމޯން އަކީ މިދާއިރާ އުފެއްދުމުގައި ބައިވެރިވި ފާހަގަކޮށްލެވޭ ފަރާތްތަކެވެ.

ފޮޓޯ: ޕޮސިބިލިޓީ މެގަޒިން


އޭރުން ފެށިގެން އެމެރިކާގައި މިދާއިރާގައި މަޑުމަޑުން މަސައްކަތްތަކެއް ކުރެވެއެވެ. އެހެން ނަމަވެސް މާ ފައިދާ ހުރި ޕްރޮޖެކްޓެއް ނެތްކަމަށް ނިންމާ، މިދާއިރާއަށް ކުރަމުން އައި ފަންޑު ހުއްޓާލުމުން، 1974 އިން ފެށިގެން ދާއިރާއަށް މަޑުޖެހުމެއް އައެވެ.

އޭގެ ފަހުން 1980ގައި ޖަޕާނާއި ޔޫކޭގެ ވާދަވެރިކަމުގެ ތެރޭގައި އޭއާއި އާއި ގުޅޭ އެކަޑަމިކް ރިސަރޗް އަދި އުފެއްދުންތަކަށް އިތުރަށް ފަންޑްކުރެވިގެން ދިޔަތަން ފެނުނެވެ. އޭއައި އެޕްލިކޭޝަންތައް އޭރު ތައްޔާރުކުރަމުން އައީ ވަރަށް ސައިޒުން ބޮޑެތި ކޮމްޕިޔުޓަރުތައް ބޭނުންކޮށްގެނެވެ. އެޕަލް އަދި އައިބީއެމް ގެ ކޮމްޕެކްޓް (ކުދި ސައިޒުގެ) އެހެން ނަމަވެސް ޕަވަރފުލް ކޮމްޕިޔުޓަރު އުފެއްދުމުގެ ސަބަބުން ކުރިން ބޭނުންކުރި ބޮޑެތި ކޮމްޕިޔުޓަރތަކުގެ ޑިމާންޑް ދަށަށްގޮސް 1987 ގައި އޭއައިގެ ކުރިއެރުން އަނެއްކާވެސް މަޑުޖެހިގެން ދިޔައެވެ. ދެން މިދާއިރާ ކުރި އަރަންފެށީ 1993 އިން ފެށިގެންނެވެ. މިދާއިރާއަށް މީހުންގެ ޝައުގުވެރިކަން އިތުރު ވެގެން ދިޔައީ 1997 ގައި އައިބީއެމްގެ ޑީޕްބްލޫ ނަމަކަށް ކިޔާ އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް ރަޝިޔާގެ ޗެސް ގްރޭންޑް މާސްޓަރ ގެރީ ކެސްޕެރޯވް ބަލިކޮށްލި ހިސާބުންފެށިގެންނެވެ.

ފޮޓޯ: https://rarehistoricalphotos.com


އޭގެ ފަހުން 2011 ގައި އައިބީއެމްގެ ވޮޓްސަން ނަމަކަށް ކިޔުނު ސިސްޓަމަކުން ޖެޕަރޑީ ކުއިޒް ޝޯ ގެ ޗެމްޕިއަނުން ބަލިކޮށްލިއެވެ. ޖެޕަޑީ އަކީ އެކިއެކި މަޢުލޫއުތަކުން ސުވާލުކޮށް ރަގަޅަށް ޖަވާބު ދޭ ފަރާތްތަކަށް ފައިސާގެ އިނާމުތަކެއް ލިބޭ ކުއިޒް ޝޯ އެކެވެ.

ފޮޓޯ: https://www.cbsnews.com


އޭއައި އަކީ އިންސާނުންނަށް ހުރި ބިރެއްތަ؟

އޭއައި އޭ ބުނުމުން މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުގައި ފެނިފައިވާ ރޮބޮޓުތައް އައިސް ދުނިޔެ ހިފާ، އިންސާނުންގެ މައްޗަށް ވެރިވެ ގަންނަ މަންޒަރު ސިފަވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިންސާނުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމުގައި ރޮބޮޓު ނުވަތަ މެޝިނު ފަދަ ތަކެތި ބޭނުން ކުރެވޭވަރު ގިނަވުމުން، ގިނަ ބައެއްގެ ވަޒީފާ ގެއްލި އިންސާނުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައިވެސް ބައެއް މީހުން އޭއައި ސިފަކުރެއެވެ. އެހެން ނަމަވެސް 2020 ގައި އެމްއައިޓީއިން ހަދާފައިވާ ދިރާސާ ރިޕޯޓެއްގައި ބުނާގޮތުން އޭއައިގެ ސަބަބުން މީހުންނަށް ވަޒީފާ ނުލިބިދާނެކަމުގެ ބިރެއް އަދި ނެތެވެ. އޭގެ ބަދަލުގައި އޭއައިގެ ސަބަބުން އިންސާނުންނަށް ބުރަ ބޮޑު އުނދަގޫ މަސައްކަތްތައް އެތަށް ގުނައަކަށް ފަސޭހަ ވެގެންދާނެކަމަށް މިރިޕޯޓުގައި ބުނެއެވެ. އަދި އޭއައިގެ ސަބަބުން ގިނަ އިންޑަސްޓްރީތައް ކުރިއެރުމަށް އެތައް ގުނައަކަށް އަވަސްކޮށްދޭނެއެވެ. މީގެ އިތުރުން މުސްތަގްބަލުގައި، އިންސާނުންނާއި ކޮމްޕިޔުޓަރ އެކީގައި "ސުޕަރ މައިންޑް" އެއްގެ ގޮތުގައި މަަސައްކަތްކޮށް މިހާރު ނުކުރެވޭ އެތައްކަމެއް އޭއައިގެ ސަބަބުން ކުރެވޭނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އޭއައިގެ ސަަބަބުން މިހާރުވެސް އަދި މުސްތަގުބަލުގައިވެސް އިންސާނުންކުރާ ކަންތައްތައް ފަސޭހަކޮށްދީ، އިންސާނުން ކުރިއަރައި ތަރައްގީވުމުގެ ގިނަ ފުރުސަތު ހުޅުވައިދޭނެކަމެވެ. 2015 އާއި އަޅާބަލާއިރު 2019 ގައި އޭއައި ބޭނުންކޮށްގެން އެކި އެކި އިންޑަސްޓްރީ ކުރިއަރާފައިވާ މިންވަރު %270 އަށް އިތުރުވެފައިވާކަމަށް ގާރޓްނަރ ގެ ދިރާސާ ރިޕޯޓެއްގައި ބުނެފައިވެއެވެ. 2021 އާއި ހަމައަށް ހަމަ ޔަގީނުންވެސް މިއަދަދު އެތަށް ގުނައަކަށް ވާނީ އިތުރުވެފައެވެ. ދުނިޔޭގެ ގިނަ ކުންފުނިތަކުން ބުނާގޮތުގައި އޭއައި އަކީ މިހާރުގެ އެންމެ ޑިސްރަޕްޓިވް (އިންގިލާބީ) ޓެކްނޮލޮޖީއެވެ. ބިޒްނަސް އިންސައިޓް 2020 ގެ ދިރާސާއަކުން ދައްކާ ގޮތުގައި 2027 ވަނަ އަހަރާއި ހަމައަށް އޭއައި މާރކެޓަކީ 267 ބިލިއަން ޑޮލަރުގެ މާރކެޓަކަށް ވާނެ ކަމަށް ލަފާކުރެއެވެ. މިއީ 2020 އަޅާ ބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ.

މަޢުލޫމާތު: https://www.oberlo.com


އޭއައިގެ ބާވަތްތައް

އޭއައިގެ ދެ ބާވަތެއް ހުރެއެވެ. އެއީ ނެރޯ އޭއައި އަދި ޖެނެރަލް އޭއައި އެވެ. ނެރޯ އޭއަައި ނުވަތަ 'ބަލިކަށި' އޭއައި އޭ ބުނާ ކެޓަގަރީގެ އެޕްލިކޭޝަންތައް ފޯކަސް ކުރަނީ ވަކި ހާއްސަކަމެއް ކުރާށެވެ. މިފަދަ އެޕްލިކޭޝަން އޮޕަރޭޓްކުރަނީ ލިމިޓެއްގެ ތެރޭގައެވެ. ބަލިކައްޓޭ ބުނި ނަމަވެސް މިއީ އެއްގޮތަކަށް ވެސް ބަލިކަށި އެޕްލިކޭޝަންތަކެއް ނޫނެވެ. މިކަހަލަ ޓެކްނޮލޮޖީތަކަށް މިގޮތަށް ނަން ދެވިފައިވަނީ އޭގައި ލިމިޓޭޝަންތަކެއް ހުންނާތީއެވެ. އަހަރުމެންނަށް މިހާރު ފެންނަ ގިނަ އޭއައި އެޕްލިކޭޝަންތަކަކީ ނެރޯ އޭއައިގެ މިސާލުތަކެވެ.

ސިރީ، އެލެކްސާ ފަދަ ޕަރސަނަލް އެސިސްޓަންޓް، ގޫގުލް ސަރޗް، އަމިއްލައަށް ދުއްވާ ކާރު އަދި ކުރިން ދެންނެވުނު އައިބީއެމްގެ ވޮޓްސަން އަކީ ނެރޯ އޭއައި ގެ މިސާލުތަކެވެ. މިތަކެތިން ކުރާނީ ހަމަ އެކަނި އެ ޕްރޮގްރާމްކޮށްފައިވާ މަސައްކަތްތައް އެކަންޏެވެ. އޭގެން ބޭރަކަށް މިތަކެއްޗަށް ނުވިސްނޭނެއެވެ.

އޭއައިގެ ދެވަނަ ކެޓަގަރީއަކީ ބާރުގަދަ ކަމަށް ބުނާ ކެޓަގަރީއެވެ. މިކެޓަގަރީގައި ހިމެނެނީ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) އަދި އާޓިފިޝިއަލް ސުޕަރ އިންޓެލިޖެންސް (އޭއެސްއައި) ކިޔާ ދެބާވަތެކެވެ. އޭޖީއައި މިއީ އިންސާނުން ވިސްނާހެން ވިސްނާ ތަކެއްޗެވެ. މިފަދަ އެޕްލިކޭޝަންތަކަކީ އަދި ތިއަރީ ލެވެލްގައި ހުރި ތަކެއްޗެވެ. އޭގެ މާނައަކީ މިފަދަ ތަކެތި އަސްލަށް އަދި އުފެއްދިފައެއް ނެތެވެ. މިފަދަ ތަކެތި ފެނިފައި ހުންނާނީ ފިލްމުތަކުންނެވެ. މިސާލަކަށް 1999 ވަނަ އަހަރު ނެރުނު ބައިސެންޓެނިއަލް މޭން ގެ އެންޑްރޫ، 2013 ވަނަ އަހަރު ނެރުނު ފިލްމް "ހަރ" ގެ ސަމަންތާ އަދި ޑިސްނީގެ ވޯލް-އީ ފަދަ ކެރެޓަރ ތަކަކީ ޖެނެރަލް އޭއައި ގެ މިސާލުތަކެވެ.


މީގެ މިސާލުތަކުން ފެނިފައިވާ ފަދައިން މިލެވެލްގެ އެޕްލިކޭޝަން ތަކަކީ އިންސާނުންހެން އެހެން މީހެއްގެ އެހީއާއި ނުލާ އަމިއްލަ މާހައުލުން ކަންތައްތައް ދަސްކޮށް، މައްސަލަ ހައްލުކުރާ އަދި ކުރިއަށް ކަންތައްތައް ޕްލޭންވެސް ކުރާނެ ތަކެއްޗެވެ.

މިކެޓަގަރީގެ ސުޕަރ އިންޓެލިޖެންސް ބަޔަކީ އަދި އިންސާނުންގެ ވިސްނުމަށް ވުރެވެސް ކުރިއަރާނެ ލެވެލްގެ ތަކެއްޗެވެ. މިފަދަ އެޕްލިކޭޝަންތައް އަދި އުފެއްދިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރުވެސް މިފަދަ ތަކެތި އުފެއްދުމުގެ ދިރާސާކުރެވެއެވެ. މިއީ ގިނަބަޔަކު ކަންބޮޑުވާ ލެވެލްގެ އޭއައިއެވެ. އިލޯން މަސްކް ފަދަ ފަރާތްތަކުން ބުނާގޮތުގައި ދުރު މުސްތަގްބަލެއްގައި އިންސާނުންގެ ނަސްލު ނެތި ދިޔުމުގެ ސަބަބަކަށް މިފަދަ ތަކެތި ވެދާނެއެވެ.


އާންމުކޮށް އަހަރުމެން ބޭނުންކުރާ ނުވަތަ ތަޖުރިބާކުރާ ތަކެތީގެ ތެރޭގައި ވެސް އޭއައި ހިމެނެއެވެ. ތިރީގައި ބައެއް މިސާލު ހިމަނާލީމެވެ.

* ސްމާޓް ފޯންގައި ބޭނުންކުރާ ސިރީ، އެލެކްސާ ފަދަ ޑިޖިޓަލް އެސިސްޓަންޓުން.

* މެޕް އަދި ނެވިގޭޝަންގައި ބޭނުންކުރާ އޭއައި ޓެކްނޮލޮޖީ - އެޕަލް ނުވަތަ ގޫގުލް މެޕް، އޫބަރ ނުވަތަ ފްލައިޓް ޓިކެޓް ގަތުމަށް ބޭނުންކުރާ ސިސްޓަމް ފަދަ ތަކެތީގައި މިފަދަ ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

* އީމެއިލްގައި ހުންނަ އޭއައި ފީޗަރސްތައް - މިސާލަކަށް އެއްވައްތަރުގެ މެއިލްތައް ގްރޫޕްކުރެވުން، މީޓިންގ ރިކުއެސްޓެއް ފޮނުވާ އީމެއިލްއަކުން އޮޓޯއިން ކަލަންޑަރުގައި ބުކިންގ ހެދުން، އީމެއިލްގެ ޖަވާބު ދިނުމަށް ހުންނަ ފަސޭހަ އޮޕްޝަންތައް އަދި ސްޕޭމް އީމެއިލް ފިލްޓަރ ކުރުން ފަދަ ކަންކަން ހިމެނެއެވެ.

* ސްޕޮޓިފައި، ނެޓްފްލިކްސް ނުވަތަ ޔޫޓިއުބް އިން ދޭ ރެކޮމެންޑޭޝަން.

* ގޭގައި ބޭނުންކުރާ ސްމާޓް ޑިވައިސްތައް - އެއަރކޮންޑިޝަނަރ، ދޮންނަ މެޝިން، އަވަން އަދި ފްރިޖް ފަދަ ތަކެތީގައި މިހާރު އޭއައިގެ އެކި އެޕްލިކޭޝަންތައް ބޭނުންކުރެއެވެ.

* އިމާރާތުގެ ސެކިޔުރިޓީ - ސީސީޓީވީ ކެމެރާތަކުގައި މީހުންގެ މޫނު ނުވަތަ ތަކެތި ދެނެގަނެވޭ ފަދަ އޭއައި ފީޗަރސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

* ސްމާޓް ކީބޯޑު - މޯބައިލް ޑިވައިސްތަކުގައި ޓައިޕްކުރުމުގެ ބަދަލުގައި ކީބޯޑު މަތީގައި އިނގިލީގެ މޫވްމަންޓުން (ސްވިފްޓް ކީ ކީބޯޑް) ޓައިޕްކުރަން އުޅޭ ބަސް ދެނެގަތުމަށް ވެސް ބޭނުންކުރަނީ އޭއައި އެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.