މިއަހަރުގެ އޭޕްރީލް މަހުގައި ފޭސްބުކްއިން ވަނީ އެކުންފުނިން ޕޮޑްކާސްޓް ހިދުމަތެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައިއެވެ. ފޭސްބުކްއިން ހާމަކުރާ ގޮތުގައި މިހިދުމަތް ކުރިއަށްއޮތް ހަފްތާގެ އަންގާރަ ދުވަހު އެކުންފުނިން އާންމުނަށް ހުޅުވާލާނެއެވެ.
ދި ވާޖްއިން ރިޕޯޓްކުރާ ގޮތުގައި ފޭސްބުކް އިން ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު ތައާރަފުކުރުމަށް ތައްޔާރުވަމުންދާ އައު ޕޮޑްކާސްޓް ޕޭޖެއްގެ ވާހަކަ ޕޮޑްކާސްޓް އުފައްދާ ފަރާތްތަކަށް އީމެއެލް މެދުވެރިކޮށް އަންގާފައިއެވެ. މި އީމެއިލް ތަކުގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް ކުރިއަށްއޮތްތަނުގައި ޕޮޑްކާސްޓަށް އަޑުއަހާލެވޭނެއެވެ. އަދި މީގެ އިތުރަށް ފޭސްބުކް އެޕްގައި ހިމެނޭ ޕޮޑްކާސްޓް ޓެބްއަކުންވެސް ޕޮޑްކާސްޓްތައް އަޑުއަހާލެވޭނެކަމަށް މި އީމެއިލްތަކުގައި ލިޔެފައިވެއެވެ.
އެޕަލް ޕޮޑްކާސްޓްސް، ސްޕޮޓިފައި އަދި އެހެނިހެން ޕޮޑްކާސްޓް މަންސަތަކެކޭ އެއްފަދައިން ފޭސްބުކް ޕޮޑްކާސްޓްސްގައިވެސް ކޮންމެ މީހަކަށްވެސް އާރްއެސްއެސް ފީޑެއް މެދުވެރިކޮށް ޕޮޑްކާސްޓްސް އުފެއްދޭނެއެވެ. އަދި މި ޕޮޑްކާސްޓްތަކަށް ހުއްދަ ލިބުމާއިއެކު އައު އެޕިސޯޑުތައް އޮޓޯއިން ފެނިގެންދާނެއެވެ.
މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކް އިން ހުށަހަޅާފައިވާ ޓާމްސް އޮފް ސާވިސްގައި އެކުންފުނިން ބަޔާންކޮށްފައިވާ ގޮތުގައި ފޭސްބުކް ޕޮޑްކާސްޓްސް އަށް އަޕްލޯޑުކުރާ ޕޮޑްކާސްޓްތައް އެކުންފުނީގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ. ނަމަވެސް ސީދާ ފޭސްބުކްއިން މި ކޮންޓެންޓް ބޭނުންކޮށްގެން ކުރާނެ ކަމެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.
މީގެ އިތުރުން ޕޮޑްކާސްޓްތައް އިތުރަށް ފޭސްބުކްގައި އިޝްތިހާރުކުރުމަށް ކްލިޕްސް ގެ ނަމުގައި އައު ފީޗާއެއް ޕޮޑްކާސްޓް އުފައްދާ ފަރާތްތަކަށް އެކުންފުނިން ފޯރުކޮށްދޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި