މައިކްރޯސޮފްޓްގެ މާކެޓް ވެލިއު 2$ ޓްރިލިއަންއަށް އަރައިފި

އިސްމާއިލް އަލީ 23 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގައި 2 ޓްރިލިއަން ޑޮލަރަށް މާކެޓް ވެލިއު އުފުލުނު ދެވަނަ ކުންފުންޏަށް މައިކްރޯސޮފްޓް ވެއްޖެއެވެ. އެގޮތުން އަންގާރަ ދުވަހު ނިއުޔޯކްގައި އެކުންފުނީގެ ހިއްސާގެ އަގުވަނީ 2 ޓްރިލިއަން ޑޮލަރަށް އުފުލިފައިއެވެ. މީގެ ކުރިން އެޕަލް ކުންފުނީގެ މާކެޓް ވެލިއު 2020 ގައި ވަނީ 2 ޓްރިލިއަންއަށް އަރާފައިއެވެ. މި ދެކުންފުނި ފިޔަވައި ދެން މިފަދަ ކާމިޔާބެއް ހާސިލުކޮށްފައިވަނީ ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯ އިންނެވެ. އެކުންފުނީގެ މާކެޓް ވެލިއު 2 ޓްރިލިއަންއަށް އަރާފައިވަނީ 2019 ވަނަ އަހަރުގައިއެވެ.

ކްލައުޑް ކޮމްޕިއުޓިން އަދި ސޮފްޓްވެއާ އުފެއްދުމުގައި މައިކްރޯސޮފްޓްއިން ވަނީ މިދިޔަ މަސްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިއެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި އެކުންފުނިން ވަނީ އެކުންފުނީގެ ސީއީއޯ ސަޓްޔާ ނަޑެއްލާ އެކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް އިންތިހާބުކޮށްފައިއެވެ. އޭނާ އަކީ ކޮވްޑް-19 ޕެންޑަމިކްތެރޭގައި އެކުންފުނިން ހޯދާފައިވާ ކާމިޔާބީގެ އެންމެބޮޑު ހިއްސާއެއް އޮތްއެއް ފަރާތެވެ.

އެގޮތުން އޭނާގެ ބެލުމުގެ ދަށުން އެކުންފުނިން ވަނީ އެކުންފުނީގެ ވާޗުއަލް މީޓީންގް ސޮފްޓްވެއާތަކާއި ކްލައުޑް ބޭސްޑް އެޕްލިކޭޝަންތައް އަޕްޑޭޓްކޮށް ގޭގޭގައި މަސައްކަތްކުރާ ފަރާތްތަކާއި ހަމަޔަށް ފޯރުކޮށްދީފައިއެވެ. މީގެ ސަބަބުން ރިމޯޓްކޮށް މަސައްކަތްކުރުމަށް ގިނަބަޔަކަށް ފަސޭހަ ދޮރުތަކެއް ހުޅުވިގެން ގޮސްފައިވެއެވެ.

މާލީ ނިޒާމު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މައިކްރޯސްފްޓްގެ ކާމިޔާބީ ގުޅިފައިވަނީ އެކުންފުނިން ކްލައުޑް، ގޭމިން، އާޓިފިޝަލް އިންޓެލިޖެންސް އަދި މިފަދަ ތަފާތުގިން ދާއިރާތަކުގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުމެވެ.

މިވަގުތު މައިކްރޯސޮފްޓާއި އެޕަލްއަކީ އެމެރިކާގައި 2 ޓްރިލިއަން ޑޮލަރަށް މާކެޓް ވެލިއު އަރާފައިވާ ހަމައެކަނި ކުންފުނިތަކަށް ވިޔަސް ބެލެވޭ ގޮތުގައި މާގިނަ ދުވަހެއްނުވެ އެމޭޒަން އަދި ގޫގަލް ނިސްބަތްވާ އަލްފަބެޓް ވެސް މި ގްރޫޕަށް ވަންނާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.