ސާޗް އެންޑް ރެސްކިއު ގައި ބޭނުންކުރުމަށްޓަކައި މީހުން ހަޅޭއް ލަވާ އަޑު ދެނެގަންނަ ޑްރޯން އެއް ޖަރުމަނުގެ ސައިންޓިސްޓުން އުފައްދައިފިއެވެ. އެގޮތުން ޑްރޯންތަކުގައި މައިކްރޯފޯން ހަރުކޮށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މި މައިކްރޯފޯންތަކަށް ނަގައިގަނެވޭ އަޑުތަކުގެ ތެރެއިން ހަޅޭކުގެ އަޑު ވަކިކޮށް އެއަޑު އަންނަ ސީދާ ތަން ދެނެގަނެވޭނެއެވެ.
މި ޓީމުން މިވަގުތު މި ތަހުލީތަކުގައި ބޭނުންކުރަމުން އަންނަނީ ޑީޖޭއައި މެޓްރިކް އެމް600 ޑްރޯންއެވެ. ނަމަވެސް މި މަސައްކަތައް ބޭނުންވާ ގާތްގަނޑަކަށް 1 ކިލޯގެ ތަކެތި އުފުއްލޭނެ ގާބިލުކަން ލިބިފައިވާ ކޮންމެ ޑްރޯންއެއްވެސް މިކަމަށް ބޭނުންކުރެވިދާނެއެވެ.
މި ތަހުލީތުތައް ކުރިއަށްގެންދާ ޓީމުން ހާމަކުރާ ގޮތުގައި މި ޓެކްނޮލޮޖީއަކީ ކުރިއަށްއޮތް ތަނުގައި ހިނގާ ކާރިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެކެވެ. މިހާރުވެސް ޑްރޯންތަކަކީ ކާރިސާތަކުގައި އެތަންތަން ސާވޭ ކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް މިއާއި ހިލާފަށް މި ޓެކްނޮލޮޖީ މެދުވެރިކޮށް ކާރިސާ ހިނގާ ސަރަހައްދު ސާވޭކުރުމުގެ އިތުރަށް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭނެއެވެ.
މި މަސައްކަތަކީ ގާތްގަނޑަކަށް 8 އަހަރު ދުވަހުގެ ދިރާސާއެވެ. މީގެ ކުރިން މި ޓީމުން ވަނީ އަޑުގަދަ ތަނަކުން ވަކިވަކި އަޑު ދެނެގަނެ އެއަޑުތައް ވަކިކުރެވޭގޮތް ދިރާސާކޮށްފައިއެވެ. ނަމަވެސް މިކަމަށް ބޭނުންވާ މައިކްރޯފޯންތަކާއި ޕްރޮސެސާތަކަކީ މިހާރުގެ ތަހުލީލުގައި ބޭނުންކުރާ ތަކެއްޗަށްވުރެ ބަރު ތަކެއްޗެވެ. މި ތަހުލީތުގައި ބޭނުންކުރަނީ ޑިޖިޓަލް މައިކްރޯ އިލެކްޓްރޯ މެކޭނިކަލް ސިސްޓަމް މައިކްރޯފޯންތަކެވެ. މިތަކެއްޗަކީ ފޯނުތަކުގައި ވެސް ބޭނުންކުރާ ފަދަ މައިކްރޯފޯންތަކެވެ.
މި ޓީމުން ހާމަކޮށްފައިވާ ގޮތުގައި އަދިވެސް މި ޑްރޯންއިން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން ކުރިއަށްއޮތް ތަނުގައި މި ޑްރޯން އަމިއްލައަށް ކާރިސާތަށް ހިނގާ ތަންތަނަށް ދެވޭނެ ގާބިލުކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެޓީމުން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މި ޑްރޯންގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ސެންސާތައް ހަރުކުރުމަށްވެސް އެޓީމުންވަނީ ނިންމާފައިއެވެ.
މި ޓެކްނޮލޮޖީ ވަނީ އެކޯސްޓިކަލް ސޮސައިޓީ އޮފް އެމެރިކާގެ 180 ވަނަ ބައްދަލުވުމުގައި ވާޗުއަލްކޮށް ދައްކާލާފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް