ޓެލެގްރާމްގެ އެންޑްރޮއިޑް، އައިއޯއެސް އަދި ޑެސްކްޓޮޕް ވާޝަންތަކަށް ޖޫން 25 ވަނަ ދުވަހު ތައާރަފްކޮށްފައިވާ އަޕްޑޭޓާއިއެކު މިހާރު ޓެލެގްރާމްގެ ގްރޫޕް ޗެޓްތަކުގައި ވީޑިއޯ ކޯލް ކުރެވޭނެއެވެ. އެގޮތުން މިގްރޫޕްތަކުގައި ހިމެނޭ އޯޑިއޯ ޗެޓްތައް މިހާރު ވީޑިއޯ ކޮންފަރެންސް ކޯލްތަކަށް ބަދަލުކޮށްލެވޭނެއެވެ.
ޓެލެގްރާމްއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި ފީޗާ ބޭނުންކުރެވޭނީ ހަމައެކަނި ވޮއިސްޗެޓްއަށް އެންމެ ފުރަތަމަ ވަންނަ 30 މީހުންނަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މި ފީޗާ އިތުރަށް ފުޅާކޮށް މިއަދަދު އިތުރުކުރެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެގޮތުން މި އަދަދު އިތުރުވިގެންދާއިރު ލައިވް އިންވެންޓްތަކާއި އިތުރު އައު ފީޗާތައްވެސް ފެނިގެންދާނެކަމަށް ޓެލެގްރާމްއިން ހާމަކޮށްފައިވެއެވެ.
ޓެލެގްރާމްގެ ވީޑިއޯ ޗެޓް ފީޗާއަކީ މޯބައިލް ފޯނު، ޓެބްލެޓް އަދި ޑެސްކްޓޮޕްތަކުންވެސް ބޭނުންކޮށްލެވޭނެ ފީޗާއެކެވެ. ޓެލެގްރާމްގެ މި އަޕްޑޭޓްގައި ތައާރަފްކޮށްފައިވާ މި ފީޗާއާއިއެކު ނޮއިޒް ސަޕްރެޝަން އާއި ސްކްރީން ޝެއާރިން އަދި އެނިމޭޓެޑް ބެކްގްރައުންޑް އާއި މެސެޖް އެނިމޭޝަންސް ވެސް ވަނީ ތައާރަފްކޮށްފައިއެވެ.
މިފީޗާގައި ހިމެނޭ ސްކްރީން ޝެއާރިން ފީޗާ މެދުވެރިކޮށް ކެމެރާ ފީޑް އަދި ސްކްރީންވެސް އެއްފަހަރާ ވީޑިއޯ ކޯލްގެ ބައިވެރިންނަށް ދައްކާލެވޭނެއެވެ. މީގެ އިތުރުން ޓެބްލެޓްތަކާއި ޑެސްކްޓޮޕްތަކުން ސްޕްލިޓް ސްކްރީން މެދުވެރިކޮށް ވީޑިއޯ ގްރިޑް އަދި ކޯލްގެ ބައިވެރިންގެ ލިސްޓެއް ފެނިގެންދާނެއެވެ.
ޓެލެގްރާމް އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ތައާރަފްކުރެވިގެން މިދިޔަ ފީޗާތަކާއިއެކު އެއެޕްލިކޭޝަންގެ ޗެޓް ފީޗާ މުޅިން އައު ހަރުފަތަކަށް ގެންދެވިއްޖެއެވެ. އެގޮތުން މިހާރު މި ފީޗާއަކީ އޮންލައިން ކްލާސްތަކާއި، ވިޔަފާރި އަދި އާއިލީ ބައްދަލުވުންތަކަށް އެންމެ އެކަށޭނެ ފީޗާއެއްކަމަށްވެސް އެކުންފުންނިން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި