ދުނިޔޭގެ ކަނޑުތަކުގެ ލިސްޓަށް އާ ކަނޑެއް

27 ޖޫން 2021

ދުނިޔޭގެ ކަނޑުގެ ދުވަސް ކަމުގައިވާ ޖޫން 8 ވީ ދުވަހު ދުނިޔޭގެ 5 ވަނަ ކަނޑު ރަސްމީކޮށް ނެޝަނަލް ޖިއޮގްރަފިކް ސޮސައިޓީ އިން ކަނޑައަޅާފިއެވެ. ދުނިޔޭގެ އެންމެ ދެކުނުގައިވާ އެންޓަރޓިކާ ވަށައިގެންވާ މި ކަނޑަށް ދީފައިވާ ނަމަކީ ސަދަން އޯޝަން އެވެ. މިއީ ދުނިޔޭގެ ތިން ކަނޑަކާއި (އިންޑިއާ ކަނޑު، ޕެސިފިކް ކަނޑު، އެޓްލާންޓިކް ކަނޑު) ގުޅިފައިވާ އަދި މުޅި އެއް ކޮންޓިނެންޓް އެއްކޮށް ވަށައިގެންވާ ފުރަތަމަ ކަނޑެވެ.

ސަދަން އޯޝަން އަކީ ވަކި ކަނޑެއް ކަމުގައި ކުރި ދިރާސާތަކުގެ އަލީގައި ސައިންޓިސްޓުން ގަބޫލުކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް، އެއީ އެ ކަނޑާއި ގުޅިފައިވާ ކަނޑުތަކުގެ ދެކުނަށް އޮތް ފިނި ސަރަހައްދެއްތޯ ނޫނީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ވަކި ނަމެއް ކިޔުން ހައްގު ކަނޑެއްތޯ އެކަން ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ވަކި ކަނޑެއްގެ ގޮތުގައި ހަމަނުޖެހި، އެންޓާރޓިކާ ވަށައިގެންވާ ސަރަހައްދުގެ ގޮތުގައި މި ކަނޑު އޮންނަން ޖެހުނު މައިގަނޑު އެއް ސަބަބެވެ.

ސަދަން އޯޝަން ވަކި ކަނޑެއް ކަމުގައި ކަނޑައެޅުމަށް މެދުވެރިވި ސަބަބު އެހެން ކަނޑުތަކާއި ތަފާތެވެ. އެޓްލާނޓިކް، އާރކްޓިކް، އަދި އިންޑިއާ ކަނޑަށް ވެސް ނަން ދީފައިވަނީ އެ ކަނޑު ވާ ކޮންޓިނެންޓަށް ނިސްބަތް ކޮށްފައެވެ. ނަމަވެސް، ސަދަން އޯޝަން ވަކި ކަނޑެއް ކަމުގައި ކަނޑައެޅީ އެންޓާރޓިކާ ހިސާބުގައިވާ އޮއެވަރެއް ކަމުގައިވާ އެންޓާރކްޓިކް ސާރކިއުމްޕޯލާރ ކަރަންޓް އަށް ނިސްބަތްކޮށްފައެވެ.

ސަދަން އޯޝަންގައިވާ އޮއެވަރުގައިވާ ލޮނުގަނޑު އެހެން ކަނޑުތަކުގެ ލޮނުގަނޑަށްވުރެ ފިނިވެފައި، ލޮނު މަޑެވެ. މިއޮއެވަރަކީ ދުނިޔޭގެ ފިނި ހޫނުމިން ހިފެހެއްޓުމަށް ހޫނު ފެން ދުނިޔެ ވަށައި ދައުރު ކޮށް، އަދި ކާބަން ސްޓޯރ ކުރުމަށް މުހިންމު ދައުރެއް އަދާކުރާ އޮއެވަރެކެވެ. ހަމަ އެއާއެކު މި ކަނޑަކީ އެ ކަނޑަށް ޚާއްސަ އެތަކެއް ކަނޑުގެ ދިރުންތަކެއް އުޅޭ ކަނޑެއް ވެސް މެއެވެ.

* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގެ ދަރިވަރު އައިޝަތު އަނާ މުޙައްމަދު ގެ ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.