ޗައިނާއިން އެޑްވާންސްޑް ކޮމްޕިއުޓިންގެ ގެ ރޮނގުން އެމެރިކާއަށްވުރެ ކުރި ހޯދައިފިއެވެ. އެގޮތުން އެމެރިކާގެ ޑިފެންސް ކޮންޓްރެކްޓަރަކު ހާމަކޮށްފައިވާ ގޮތުގައި މި ރޮނގުން އެމެރިކާގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިއެވެ.
ނޯތްރެޕް ގްރާމްމަން ގެ ޗީފް އެގްޒެކެޓިވް ކެތީ ވާރޑެން ހާމަކޮށްފައިވާ ގޮތުގައި މިއީ އެމެރިކާގެ ގައުމީ ސަލާމަތަށްއޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން އޭނާހާމަކޮށްފައިވާ ގޮތުގައި މިނޫން ޓެކްނޮލޮޖީތަކުގެރޮނގުން މިދެގައުމުގެ ފަރަގު ވަރަށް ބޮޑެވެ. ނަމަވެސް މިނޫން ދާއިރާތަކުގެ ކުރީގައި އުޅެނީ އެމެރިކާކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިން އެމެރިކާގެ ދިފާއީ ދާއިރާގައި ބޭނުންކުރާ ޓެކްނޮލޮޖީ އާއި ބެހޭގޮތުން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައިއެވެ.
މި ފޯރަމްގައި އޭނާ ފާހަގަކޮށްފައިވާ ގޮތުގައި އެޑްވާންސްޑް ކޮމްޕިއުޓިންގެ ރޮގުން ޗައިނާ ކުރީގައި އޮތުމުގެ ސަބަބުން އެގައުމަށް އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިން ފަދަ ދާއިރާތަކުން ކުރިހޯދޭނެއެވެ.
އެހެން ނަމަވެސް އޭނާ ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ބައިޑެންގެ ސަރުކާރުން ވަނީ ޓެކްނޮލޮޖީގެ ދާއިރާތަކުން ޗައިނާ އާއި ވާދަކުރުމަށް ރަނގަޅު ބަޖެޓެއް އެކުލަވާލާފައިއެވެ. އެގޮތުން އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއިން ވަނީ އެއިދާރާގެ 2022 ވަނަ އަހަރުގެ ބަޖެޓުގައި އެޑްވާންސް ކޮމްޕިއުޓިންގެ ދާއިރާއަށް ހާއްސަކޮށް 2.3 ބިލިއަން އަދި މައިކްރޯއިލެކްޓްރޯނިކްސްއަށް ހާއްސަކޮށް 398 މިލިއަން ޑޮލަރު ހިމަނާފައިއެވެ.
މީގެ އިތުރުން ބައިޑެން ވަނީ އެގައުމުގެ ކުރީގެ ސަރުކާރުން ޗައިނާ އާއި ދެކޮޅަށް ޓެކްނޮލޮޖީގެ ރޮނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާފައިއެވެ. އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ޗައިނާ ސަރުކާރުން ވަނީ އެގައުމުގެ ޓެކްނޮލޮޖީ ދާއިރާއިން އެމެރިކާގެ އުފެއްދުންތައް އެއްކޮށް ބޭނުންކުރުން ހުއްޓާލާނެކަމަށް ވައުދުވެފައިއެވެ.
މީގެ އިތުރުން ކުރިއަށްއޮތް 5 އަހަރަށް ޗައިނާ ހިންގާނެ ގޮތުގެ ޕްލޭންގައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 7 އިންސައްތަ އިތުރަށް ހަރަދުކުރުމަށްވެސް އެގައުމުން ވަނީ ނިންމާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި