މާލެ ވައިފައި ކުރުމުގެ މަޝްރޫއެއް ފަށަނީ

އަޙްމަދު އަޙްސަން 01 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މާލެ ވައިފައި ކުރުމުގެ މަޝްރޫއެއް ފަށަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ޚިއްސާކުރައްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގާއެކު ކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަށޭ ހަފުތާގެ ތެރޭގައި އެ ދެކުންފުނީގެ ޕްރޮޕޯސަލް ލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ މާލެ ވިލިމާލެ އަދި ހުޅުމާލެ ވައިފައި ކުރުން ކަމަށެވެ. އެންމެ ފުރަތަމަ މަސައްކަތް ފަށާނީ މާލެ ވައިފައި ކުރަން ކަމަށާއި އެމަސައްކަތް ނިމުމުން ވިލިމާލެ ވައިފައި ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. ހުޅުމާލެ ވައިފައި ކުރުމުގެ މަސައްކަތް ފެށޭނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މާލޭގެ މަގުތަކާއި، އާންމު މައިދާންތަކާއި، ޕަބްލިކް ސްޕޭސްތައް ވަކި ލިމިޓަކާ ހަމައަށް ފްރީ އެކްސެސް ވައިފައިގެ ޚިދުމަތް ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުން ކަމަށެވެ. އެކަމާ ގުޅޭ މަސައްކަތްތައް ވެސް ދަނީ ހިނގަމުން ކަމަށް ވިދާޅުވުއެވެ. މާލެ ވައިފައި ކުރާއިރު ބައެއް ޚާއްސަ ސަރަަހައްދުތަކަށް އިންޓަނެޓް ސްޕީޑް ލިބޭ މިންވަރު ތަފާތު ވާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މާލެ ވައިފައި ކުރުމަކީ ސިޓީ ކައުންސިލުން މިދައުރަށް ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.