މައިކްރޯސޮފްޓުން ވިންޑޯޒް އަވަހަށް އަޕްޑޭޓްކުރުމަށް އެދިއްޖެ

އިސްމާއިލް އަލީ 09 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިންޑޯޒް ގެންގުޅޭ ފަރާތްތަކުން ވީއެންމެ އަވަހަށް ވިންޑޯޒް އަޕްޑޭޓްކުރުމަށް މައިކްރޯސޮފްޓްއިން އެދިއްޖެއެވެ. އެކުންފުނިން މިގޮތަށް އެދިފައިވަނީ ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކަށް މި އޮޕަރޭޓިން ސިސްޓަމްއިން ކަންބޮޑު ވާންޖެހޭފަދަ ސެކިއުރިޓީ މައްސަލަތަކެއް ފެނުމާއި ގުޅިގެންނެވެ. އެގޮތުން ޕްރިންޓްނައިޓްމެއާގެ ގޮތުގައި ނަންދެވިފައިވާ މި މައްސަލައަކީ ވިންޑޯޒް ޕްރިންޓް ސްޕޫލާ ސާވިސްގެ ހިދުމަތްތަކަށް އަސަރުކުރުވާ މައްސަލައެކެވެ. މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ ސައިބާސެކިއުރިޓީ ކުންފުންޏެއްގެ ދިރާސާކުރާ ފަރާތްތަކަކަށް އޮޅިގެން މި މައްސަލައިގެ ނާޖާއިޒްފާއިދާ ނަގާނެގޮތް ހާމަކުރެވުމާއި ގުޅިގެންނެވެ.

އެގޮތުން އެ ފަރާތްތަކުން މެއި މަހުގައި ވަނީ ޕްރިންޓް ސްޕޫލާގައި މައްސަލަތަކެއް އުޅޭކަމަށާއި އެކަމުގެ ސަބަބުން ގިނަބަޔަކަށް ޕްރިންޓަރަށް އެއްފަހަރާ އެކްސެސްވެވޭނެކަމަށް ހާމަކޮށް ޓްވީޓްކޮށްފައިއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެފަރާތްތަކުން ވަނީ އޮޅިގެން ޓްވީޓްކޮށްފައިއެވެ. ފަހުން މި ޓްވީޓް ވަނީ ޑިލީޓްކޮށްފައިއެވެ. ނަމަވެސް މިމައުލޫމާތު ވަނީ ގިޓްހަބް އާއި އަދިވެސް މިފަދަ އެހެނިހެން ޕްލެޓްފޯމްތަކުގައި ޕަބްލިޝްކޮށްފައިއެވެ.

މައިކްރޯސޮފްޓްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ނާޖާއިޒްފައިދާ ނަގައި ހެކަރުންނަށް ޕްރޮގްރާމްތައް އިންސްޓޯލް ކުރުމާއި އައު ޔޫޒާ އެކައުންޓް ހުޅުވުމާއި ޑޭޓާ ޑިލީޓްކުރުން ފަދަ އެތައްކަމެއް ކުރެވިދާނެއެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ވިންޑޯޒް 10 އަށް އެކަންޏެއްނޫނެވެ. އެގޮތުން އެކުންފުނީގެ ވިންޑޯޒް 7 އަށްވެސް މި މައްސަލަ ވަނީ ކުރިމަތި ވެފައިއެވެ. އެހެންކަމުން މައިކްރޯސޮފްޓްއިން އެދިފައިވަނީ މިކަން ހައްލުކުރުމަށް އެކުންފުނިން ނެރެފައިވާ އަޕްޑޭޓްތައް ވީއެންމެ އަވަހަކަށް އިންސްޓޯލްކުރުމަށެވެ.

ޕްރިންޓްނައިޓްމެއާގެ ނުރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދަނީ މައިކްރޯސޮފްޓްއިން އަޕްޑޭޓް ދިނުން ހުއްޓާލާފައިވާ ވިންޑޯޒް 7 އަށްވެސް މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ ޕެޗްއެއް އެކުންފުނިން ތައްޔާރުކޮށްފައިވުމުނެނެވެ. މައިކްރޯސޮފްޓްގެ އުފެއްދުމަކަށް މިކަހަލަ މައްސަލަތަކެއް ދިމާވެފައި މިވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކުންފުނީގެ އުފެއްދުންތަކަށް އެކިކަހަލަ ސެކިއުރިޓީ މައްސަލަތައް ދިމާވެފައިވާ ދަނޑިވަޅެއްގައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.