ކުއަލްކޮމް އާއި އަސުސް ގުޅިގެން އައު ފޯނެއް ބާޒާރަށް ނެރެނީ

އިސްމާއިލް އަލީ 09 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަސުސް އާއި ގުޅިގެން ކުއަލްކޮމްއިން ސްމާޓް ފޯނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ސްމާޓްފޯން ފޯ ސްނެޕްޑްރެގަން އިންސައިޑާޒް ގެ ނަމުން ނަން ދީފައިވާ މި ފޯނަކީ ކުއަލްކޮމްގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ތައްޔާރުކުރަމުންދާ ފޯނެކެވެ.

ކުއަލްކޮމްގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން އެކުންފުނިން އަސުސް އާއި ގުޅިގެން އުފައްދާ މި ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ އަސުސްގެ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން މި ފޯނުގެ އަގަކީ 1،499 ޑޮލަރެވެ. އެހެންކަމުން މި ފޯނު ވެގެންދާނީ މިހާރު ބަޒާރުގައި ހުރި އެންމެ ވަރުގަދަ ބްރޭންޑްތައް ކަމަށްވާ ސެމްސަންގް އަދި އެޕަލް ގެ ފަހުގެ ފޯނުތަކަށްވުރެ އަގުބޮޑު ފޯނަކަށެވެ.

ސްމާޓް ފޯން ފޮ ސްނެޕްޑްރެގަން އިންސައިޑާޒް އަކީ ސްނެޕްޑްރެގަން 888 ޕްރޮސެސާ އަކާއި 5ޖީ އަދި 16 ޖީބީ ރެމް އާއި 512 ޖީބީ ސްޓޯރޭޖް ހިމެނޭގޮތަށް ފަރުމާކުރެވޭ ފޯނެކެވެ. މި ފޯނަށް 5ޖީ ކަނެކްޝަން ދިނުމަށް ބޭނުންކޮށްފައިވަނީ އެކްސް60 ތާޑް ޖެނެރޭޝަން މޮޑެމްއެކެވެ. މީގެ ސަބަބުން ދުނިޔޭގައި 5ޖީ ލިބޭ ކޮންމެތާކުވެސް މި ފޯނުމެދުވެރިކޯށް އެހިދުމަތް ބޭނުންކޮށްލުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން މި ފޯނުގައި ވައިފައި 6 އަދި 6އީ އާއި ބްލޫޓޫތް 5.2 އަދި އެންއެފްސީ ޓެކްނޮލޮޖީ ހިމެނޭނެއެވެ. މިފޯނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންޑްރޮއިޑް 11 އެވެ.

މި ފޯނުގެ ސްކްރީންގައި ބޭނުންކޮށްފައި ވަނީ ސެމްސަންގްއިން އުފައްދާފައިވާ އެމޯލެޑް ސްކްރީނެކެވެ. އެގޮތުން މި ޑިސްޕްލޭއަކީ 2448 x 1080 ޕިކްސެލް ރިޒޮލޫޝަންގެ ޑިސްޕްލޭއެކެވެ. މީގެ އިތުރުން މި ޑިސްޕްލޭ ފަރުމާކުރެވިފައި ވަނީ ގޮރިއްލާ ގްލާސް ބޭނުންކޮށްގެންނެވެ. މި ފޯނުގައި ކުއަލްކޮމްގެ ސެކަންޑް ޖެނެރޭޝަން 3ޑީ ސޮނިކް ސެންސާތައްވެސް ހިމެނޭނެއެވެ. މީގެ އިތުރުން ފަހުގެ ގިނަ ފޯނުތަކާއި ހިލާފަށް މި ފޯނުގެ ޕިންގާޕްރިންޓް ސެންސާ ހަރުކުރެވިފައިވަނީ ފޯނުގެ ފަހަތުގައިއެވެ.

މި ފޯނުގައި ހިމެނޭ ކެމެރާތަކަށް ބަލާލާއިރު ފޯނުގެ ފަހަތުގައި 3 ކެމެރާ ހިމެނިފައިވެއެވެ. މިކެމެރާ ތަކަކީ ސޮނީގެ އައިއެމްއެކްސް686 64 މެގަޕިކްސެލް ކެމެރާއަކާއި، ސޮނީ އައިއެމްއެކްސް383 ވައިޑް އޭންގަލް 12 މެގަޕިކްސެލް ކެމެރާއަކާއި 8 މެގަޕިކްސެލްގެ ކެމެރާއެކެވެ. މި ފޯނުން 4ކޭ އަދި 8ކޭ ވީޑިއޯ ނަގާލެވޭނެއެވެ. މީގެ އިތުރުން މި ފޯނުގައި އޭއައި އޮޓޯ ޒޫމް ފީޗާއެއް ހިމެނެއެވެ.

މި ފޯނުގައި ކުއަލްކޮމްގެ އެލީޓް ގޭމިން ފީޗާތަކާއި، ސްޕެޓްރާ 580 އިމޭޖް ސިގްނަލް ޕްރޮސެސާ އަކާއި ކުއިކް ޗާޖް 5 ހިމެނެއެވެ. މީގެ އިތުރުން މި ފޯނުގައި އެކުންފުނީގެ ސްނެޕްޑްރެގަން ސައުންޑްވެސް ހިމަނާފައިވާނެއެވެ.

ކުއަލްކޮމްއިން ހާމަކޮށްފައިވާ ގޮތުގައި މި ފޯނަކީ އެހެން ފޯނުތަކާއި ވާދަކުރުމަށް އެކުންފުނިން އުފައްދާ ފޯނެއް ނޫނެވެ. މި ފޯނު ބާޒާރަށް ނެރޭނީ އޯގަސްޓް މަހުގައިއެވެ. އަދި ފޯނު ލިބެންހުންނާނީ އަސުސްގެ އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޖަޕާން، ސައުތްކޮރެއާ އަދި ޖަރުމަނުގެ އޮންލައިން ސްޓޯއިންނެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.