މައިކްރޯސޮފްޓްގެ މުވައްޒަފުންނަށް ޕެންޑަމިކް ބޯނަސް ދެނީ

އިސްމާއިލް އަލީ 10 ޖުލައި 2021

މައިކްރޯސޮފްޓްއިން އެކުންފުނީގެ މުވައްޒަފުންނަށް 1،500 ޑޮލަރުގެ ޕެންޑަމިކް ބޯނަސްއެއް ދިނުމަށް ނިންމައިފިއެވެ. އެގޮތުން އެކުންފުނީގެ އެތެރޭގެ މެމޯއެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ބޯނަސްއަކީ އެކުންފުނީގެ މުވައްޒަފުން މިނިމުނު ދަތި އުނދަގޫ އަހަރުގައި ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެއްޗެކެވެ.

މައިކްރޯސޮފްޓްގެ ޗީފް ޕީޕަލް އޮފިސާ ކެތްލީން ހޯގަން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާ އާއި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަރަކާތްތެރިވާ އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މި ބޯނަސް ލިބިގެންދާނެއެވެ. އެކުންފުނިން މި ބޯނަސް ދިނުމަށް ނިންމާފައިވަނީ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް އަށްވުރެ ދަށުގެ މަގާމުތަކުގައި 2021 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކުންފުނީގައި ހަރަކާތްތެރިވެފައިވާ މުވައްޒަފުންނަށެވެ. މީގެ ތެރޭގައި ޕާޓްޓައިމް މުވައްޒަފުންނާއި ގަޑީ ލާރިއަށް މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނިގެންދާނެއެވެ.

ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މައިކްރޯސޮފްޓްގެ 175،508 މުވައްޒަފުން ހަރަކާތްތެރިވެއެވެ. ނަމަވެސް އެކުންފުނިން ހިންގަމުންދާ ލިންކްޑްއިން، ގިޓްހަބް އަދި ޒެނިމެކްސްގެ މުވައްޒަފުންނަށް މި ބޯނަސްއެއް ނުލިބޭނެއެވެ. އެހެންކަމުން މި ބޯނަސްއަކީ ގާތްގަނޑަކަށް އެކުންފުނީގެ ފައިދާގެ ތެރެއިން 2 ދުވަހުގެ އާމްދަނީއެވެ.

މައިކްރޯސޮފްޓްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަނީ ކޮވިޑް-19 ޕެންޑަމިކްއާއި ދެކޮޅަށް މަސައްކަތްކުރުމަށް 98 މިލިއަން ޑޮލަރުގެ ހަދިޔާކޮށްފައިއެވެ. މި ޕެންޑަމިކް ފެށުނުފަހުން މައިކްރޯސޮފްޓްގެ އެކިއެކި ވިޔަފާރިތަކުން އެކުންފުންޏަށް ވަނީ 160 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިއެވެ.

މައިކްރޯސޮފްޓްއިން އެކުންފުނީގެ މުވައްޒަފުންނަށް ބޯނަސްއެއް ދިނުމަށް ނިންމާފައިވާއިރު ފޭސްބުކް އިން ވަނީ އެކުންފުނީގެ 45،000 މުވައްޒަފުންނަށް 1000 ޑޮލަރުގެ ހަދިޔާއެއް ދީފައިއެވެ. މީގެއިތުރުން އެމޭޒަން އިންވަނީ އެކުންފުނީގެ ފްރަންޓްލައިން މުވައްޒަފުންނަށް 300 ޑޮލަރުގެ ޗުއްޓީ ބޯނަސްއެއް ދީފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.