އިންޓަނެޓުގެ މިނިވަންކަމަށް ނުރައްކާ އެބައޮތް: ގޫގަލްގެ ބޮސް

ޝުޖާޢަތު ރަޝީދު 16 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސުންދަރު ޕިޗައި، ގޫގަލްގެ ބޮސް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ވަރަށް ގިނަ ޤަޢުމުތަކުން އިންޓަނެޓުގެ މިނިވަންކަމާއި އަދި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ގިނަ ހުރަސްތަކެއް ހުރިކަމަށެވެ.

އަދި އިންޓަނެޓުގެ ފަސޭހަކަމާއި، އިންޓަނެޓް ބޭނުންކޮށްގެން ކުރެވޭ ކަންތައްތަކަކީ ގިނަ ޤަޢުމުތަކުން މާބޮޑު އިސްކަމެއް ދީފައިނުވާކަމަށްވެސް މި އިންޓަވިއުގައި ސުންދަރު ޕިޗައި ވިދާޅުވިއެވެ.

މި އިންޓަވިއުގައި ސުންދަރު ޕިޗައި ފާހަގަކޮށްފައިވަނީ ކުރިއަށް އޮތް ޤަރުނުގެ ކުރީބައިގައި އާޓިފިޝަލް އިންޓަލިޖަންސް އަދި ކުއަންޓަމް ކޮމްޕިއުޓިން ބޮޑު ރޯލެއް ކުޅޭނެއެވެ. އާޓިފިޝަލް އިންޓަލިޖަންސް އުފެއްދުމުގައި އިންސާނުންގެ ވިސްނުމާއި ފިކުރު ބޭނުންކޮށް، ހަމަ މިގޮތައް މި ހިއުމަން އިންޓަލިޖަންސް ރޮބޮޓިކްސް ނުވަތަ އެނޫންވެސް ޓެކްނޮލޮޖީގައި ބޭނުންކުރުމުން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭ ޓެކްނޮލޮޖީއަކީ ވަރަށް މުއްސަދި ޓެކްނޮލޮޖީއަކަށް ވެގެންދާނެ ކަމަށްވެސް މި އިންޓަވިއުގައި އޭނާ ވިދާޅުވިއެވެ.

ކުއަންޓަމް ކޮމްޕިއުޓިންއާއި ބެހޭ ގޮތުން ވާހަކަ ހިއްސާކުރަމުން ޕިޗާއި ވިދާޅުވީ މިއީ ސަބް-އެޓޮމިކް ލެވެލްގައި މެޓާގެ އުޅުން ދަސްކޮށް ކޮމްޕިއުޓިން އިތުރަށް ފުޅާކުރުމަށް ބޭނުންކުރެވިދާނެ ކަމެއްކަމުގައެވެ.

މި އިންޓަވިއުގައި ޕިޗާއި ވިދާޅުވީ ގޫގަލްއަކީ މިހާރު ޓެކްސް ފައިސާ ނުދެއްކުމަށް އެއްވެސް އެހެނިހެން ގޮތްތަކެއް ބޭނުން ނުކުރާ ކުންފުންޔެއްކަމާއި އަދި ގޫގަލް އޮޕަރޭޓްކޮށް ޚިދުމަތްދޭ ކޮންމެ ޤަޢުމެއްގައިވެސް އެ ޤަޢުމެއްގެ ޓެކްސް ޤާނޫނުތަކަށް ގޫގަލް ތަބާވާނެކަމަށެވެ.

ޓެކްސާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ޕިޗާއި ވިދާޅުވެފައިވަނީ ގޫގަލްއިން މިހާތަނަށް ވޭތުވެދިޔަ ޤަރުނުގައި 20 އިންސައްތަ ޓެކްސް ދައްކާފައިވާނެ ކަމަށެވެ.

އަދި ޕިޗާއި ވިދާޅުވީ ގޫގަލްއަކީ އަބަދުވެސް ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އެންމެނަށް ހިލޭ ބޭނުންކުރެވޭނެ ޕްރޮޑަކްޓެއްކަމުގައެވެ.

މި އިންޓަވިއުގައި އިތުރަށް އިންޓަނެޓާއި ބެހޭގޮތުން ސުވާލުކޮށް އަދި ޗައިނާގެ އިންޓަނެޓް މޮޑެލްއާއި ބެހޭގޮތުން ސުވާލުކުރުމުން ޕިޗާއި ވިދާޅުވެފައިވަނީ އަބަދުވެސް ޤަބޫލުކުރަނީ އިންޓަނެޓަކީ ކޮންމެ މީހަކަށްވެސް ކޮންމެ ތަނެއްގައި ހުއްޓަސް ވަދެވޭގޮތަށް މަގުފަހިކޮށްފައިވާ ޚިދުމަތެއްކަމުގައި ދެކޭކަމުގައެވެ. އަދި، ޗައިނާގައި މިހާރު ގޫގަލްގެ އެއްވެސް ބޮޑު ޕްރޮޑަކްޓެއް ނުވަތަ ޚިދުމަތެއްވެސް ނުލިބޭނެކަމަށް ޕިޗާއި ވިދާޅުވިއެވެ.

މިހެން މިކަން އޮތީ ޗައިނާގެ އިންޓަނެޓް މޮޑެލްއަކީ ވަރަށް ބޮޑަށް އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ހައްގު ނަގާލެވޭ ފަދަ ގޮތަކަށް އިންޓަނެޓުގެ ހުއްދަ ދީފައިވާ ޤަޢުމަކަށް ވާތީވެއެވެ.

ޕިޗާއި އަކީ ގޫގަލްގެ ކްރޯމް އަދި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ހިޔާލު ފުރަތަމަ ގެނެސް ޑިވެލޮޕް ކުރަމުން ދިޔައިރު ޑިވެލޮޕްމަންޓް ޓީމް ބަލަހައްޓައި އަދި މަސައްކަތްތައް ކުރިއަށް ގެންދާގޮތް އިސްކަންދީގެން ބެލެހެއްޓި ޕްރޮޑަކްޓް މެނޭޖާއެވެ.

ގޫގަލްގެ ޕޭރަންޓް ކޮމްޕެނީ އަލްފަބެޓް އިންކް އަދި ގޫގަލްގެވެސް ސީ.އީ.އޯއެއްގެ މަގާމުގައި މިހާރު ހުންނެވީވެސް ސުންދަރު ޕިޗާއި އެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.