ޓާގެޓެކޮށްގެން ގެންނަ އިޝްތިހާރުތައް މަނާކުރަން ފެނޭތަ؟

ޝުޖާޢަތު ރަޝީދު 16 ޖުލައި 2021

ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެހެނިހެން މީސްމީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރާއިރު ތަފާތު ވައްތަރުގެ އިޝްތިހާރު މިހާރު ފެނެއެވެ. މި އިޝްތިހާރުތަކުން ގިނަ ފަހަރަށް ފާހަގަވަނީ ތިމާ ބަލާހިތްވާ ކަހަލަ ނުވަތަ ކުރިން ބަލައިފައިވާ ޕޯސްޓަކާ ވައްތަރު އިޝްތިހާރު ފެންނަކަމެވެ.

މިގޮތައް އިޝްތިހާރު ގެނެވެނީ ކިހިނެއްތޯ ސުވާލު އުފެދޭ މީހުން މަދެއްނުވާނެއެވެ.

އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އުޅުން ބަލައި، އެމީހުންގެ ޝައުގު ހޯދުމަށް ވަކިން ޚާއްސަކޮށްގެން އިޝްތިހާރު ކުރުމަކީ މާކެޓިންގެ އުކުޅެކެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި މިހާރު ވަރަށް ފަސޭހަކޮށް ކުރެވޭ ކަމެކެވެ.

ދާދިފަހުން ނޯވޭޖިއަން ކޮންސިއުމާ ކައުންސިލްއިން ޕަބްލިޝްކުރެވުނު ރިޕޯޓަކުން މިފަދަ އިޝްތިހާރުތައް މަނާކުރުމަށް ވަނީ ގޮވާލާފައެވެ. މިހެން ގޮވާލާފައިވަނީ އޮންލައިންކޮށް ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތުތަކަށް ރައްކަލެއް ނެތި، އޮންލައިންކޮށް އުޅޭ ގޮތް ބަލަން ފަސް ނުޖެހުމަކީ ރަނގަޅު ކަމެއް ކަމުގައި ނުދެކޭތީވެއެވެ.

މިނިންމުމާއި އެއްގޮތަށް ދުނިޔޭގެ އެންމެ ފުރަތަމަ އުފެއްދުނު އެންކްރިޕްޓެޑް މެއިލް ޚިދުމަތެއް ކަމުގައިވާ ޓުޓަނޯޓާއިންވެސް ވަނީ އެއްބަސްވެ ނިންމާފައެވެ. އީ.ޔޫ އަދި ޔޫ.އެސްގެ ރެގިއުލޭޝަން އޮތޯރިޓީތަކަށް މިކަމާއި ގުޅިގެން 7 ޖުލައި 2021 ގައި ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ގިނަބައެއްގެ ކޯލިޝަންއަކާއިއެކު، މީގެ ތެރޭގައި ސިވިލް ރައިޓްސް ގުރޫޕްތައް، އެން.ޖީ.އޯސް، އެކެޑެމެކިސް، ރިސާޗް ކުރާ މީހުން، ޕްރައިވެސީ އެކްސްޕާޓްސް އަދި މިކަމަށް ޝައުގުުހުރި އެހެން މީހުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އިޝްތިހާރުތައް މަނާކުރުމަށް ގޮވާލިއެވެ. ތަކެތި ގަންނަ މީހުންގެ ޕްރައިވެސީ ނިގުޅައިލެވޭ ގޮތައް ޚިދުމަތްތަކާއި ތަކެތި އިޝްތިހާރު ނުކުރެވޭނެ ކަމަށްވެސް މިހުރިހާ ތަންތަނުން ގޮވާލައެވެ.

ސާވައިލަންސް ބޭސްޑް އެޑްވަޓައިޒިން އަދި ޓާގެޓެޑް އެޑްވަޓައިޒިން ބޭނުންކުރާ ގިނަ ވިޔަފާރިތަކުން މީސް މީޑިއާ ބޭނުންކުރާ މީހުންގެ އަމިއްލަ މަޢުލޫމާތު ޓެކްނޮލޮޖީގެ އެހީގައި ނަގައި އެކި ޑިމޮގްރަފީތަކަށް ޚާއްސަކޮށްގެން މީހުން ތަކެތި ގަންނަން ބޭނުންވާނޭހެން ޚިދުމަތާއި ތަކެތި އިޝްތިހާރު ކުރުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ.

ޕްރައިވެސީ މައްސަލަތަކުގެ އިތުރަށް އޮންލައިންކޮށް ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޢުލޫމާތުތައް ވިޔަފާރިތަކުން ރައްކާ ކުރުމަކީވެސް މިކަމުގެ ތެރޭގައި ބޮޑު މައްސަލައެއް ކަމުގައި ފެންމަތިވެގެން ދެކެވެމުންދާ ވާހަކައެކެވެ.

ބޮޑެތި ވިޔަފާރިތަކުން ފަހުގެ ކޮންސިއުމާ ބިހޭވިއާ ދަނެގަންނަ ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ މޮޑެލްއަކަށް އިޝްތިހާރުކުރުމުން ކުދި ވިޔަފާރިތަކަށާއި އަދި އޮންލައިންކޮށް ކޮންޓެންޓް ހަދާ މީހުންނަށް ގެއްލުން ލިބި ކޮމްޕެޓިޝަން އުވާލުމަށް ތަންދޭކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ޓެކްނޮލޮޖީގެ އެހީގައި ޓާގެޓުކޮށްގެން ވަކި ބަޔަކަށް ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީ ގިނައެވެ. މިފަދަ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޒާތީ މަޢުލޫމާތުތަކާއި އަދި ކޮންމެހެން ބޭނުންކުރަން ނުޖެހޭ ޕްރައިވެޓް ތަކެތި ނުބަލައިވެސް އިޝްތިހާރު ކުރެވޭނެ މަގު މިހާރު މިވަނީ ފަހިވެފައެވެ.

އެހެންކަމުން، ޕްރައިވެސީ ނިގުޅާލެވޭގޮތައް ކުރެވޭ އިޝްތިހާރުތައް ކުރުން މިއީ ހުއްޓުވަން ޖެހިފައިވާ ކަމެއްކަމުގައި ވަރަށް ގިނަ މީހުން ދެކެއެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.