ކުޑަކުދިން އަތަށް ފޯނު ދިނުމަކީ ކޮންކަހަލަ ކަމެއްބާ؟

23 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްކްރީނަށް ދެވިހިފުމުން ކުރާ ގެއްލުން އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ގާތުން މިދަނީ ފެންނަމުންނެވެ. ކޮންމެ ވެސް ސޯޝަލް މީޑިޔާ އެޕެއްގެ ތެރޭގައި އަބަދުހެން އުޅެވެނީއެވެ. އާއިލާގެ މެމްބަރުންނާ އެކު ހޭދަކުރަން ޖެހޭ ވަގުތުގައި ފޯނުން ވީޑިޔޯއެއް ބަލާލެވެނީއެވެ. ގެއްލިގެން މިދަނީ އެތައް ވަގުތެކެވެ. އެހެންކަމުން ކޮންމެ ބެލެނިވެރިޔެއްގެ އަމާޒަކަށް ވެފައި މިއޮންނަނީ ކުޑަ ދަރިފުޅު ވީހާ ވެސް ބޮޑަށް ސްކްރީނާއި ދުރުކުރުމެވެ. ބޮޑެތި މީހުންނަށް ގެއްލުން ކުރަންޏާ ކުޑަ ދަރިފުޅަށް ކުރާނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ނަމަވެސް ކަމުގެ ހަޤީގަތަކީ، ކުއްޖާ ސްކްރީނާ މުޅިން މަޙުރޫމް ކުރުމަކީ އެ އިން ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑު ކަމެކެވެ.

ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ޓެކްނޮލޮޖީގެ ބޭނުން މި ވަނީ ޖެހިފައެވެ. ކޮވިޑް 19ގެ ބަލިމަޑު ކަމުން ދައްކުވާދިން އެއް ހަޤީޤަތަކީ ކުޑަ ކުދިން ވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރަން ޖެހޭ ކަމެވެ. ސަރުކާރުން ކޮންމެ ދަރިވަރަކަށް ޓެބްލަޓެއް ދީފާ ނެތް ނަމަ ނިމިގެން ދިޔަ ދިރާސީ އަހަރު އެއް އަހަރާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަން ޔަޤީނެވެ. ކުޑަ ކުދިން ވަކި އުމުރެއް ވަން ދެން ޓެކްނޮލޮޖީއާ ދުރުގައި ގެންގުޅެވޭ ކަށެއް ނެތެވެ. އެންމެ ކުޑަ އިރުއްސުރެ ފެށިގެން އެކި އެކި ވަސީލަތްތަކަށް އަހުލުވެރިކޮށް، މި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭން މި ވަނީ ޖެހިފައެވެ.

އެކި އެކި ކަންކަމާއި ހުނަރު ދަސްކޮށްދިނުމުގެ ބޭނުމުގައި ފަރުމާކޮށްފައިވާ އެޕްލިކޭޝަންސް ތަކުގެ އަދަދު މަދެއް ނޫނެވެ. މިކަހަލަ އެޕްލިކޭޝަނަކަށް ބަލާލަމާ ހިނގާށެވެ. ކިޑްސް އެކެޑެމީ އަކީ އުމުރުން ދެ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ލިޔެކިޔުން ފަދަ ހުނަރުތައް ދަސްކޮށް ދިނުމަށް ޓަކައި ފަރުމާކުރެވި ފައިވާ އެޕްލިކޭޝަނެކެވެ. އެކި އެކި ވޯރކްޝީޓާއި، ވީޑިޔޯތަކާއި އެކްޓިވިޓީގެ ޒަރިއްޔާއިން ކުއްޖާއަށް ތަފާތު އެތައް ހުނަރެއް މި އެޕްލިކޭޝަނުން އުނގަންނާދެއެވެ.

ގިނަ ބެލެނިވެރިންނަށް ވީޑިޔޯ ގޭމް ކުޅުން ސިފަވެފައި އޮންނަނީ ކުދިން ވަގުތު ބޭކާރުކުރުމަށް ކޮށް އުޅޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީގަތަކީ، ވީޑިޔޯ ގޭމް ކުޅުމަކީ ކުއްޖާއަށް އެކި އެކި ހުނަރުތައް އުނގަންނާދޭ ކަމެކެވެ. ގިނަ ވީޑިޔޯ ގޭމްތައް ފަރުމާކޮއްފައި ހުންނަނީ ކުއްޖާގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ކޮންމެވެސް މައްސަލައެއް ހައްލުކުރުމުގެ މައްޗަށެވެ. މީގެ ސަބަބުން ކުއްޖާގެ މައްސަލަތައް ހައްލުކުރުމުގެ ހުނަރު ތަރައްޤީވެ އުފެއްދުންތެރިކަމުގެ ހުނަރު ހަރުދަނާވެއެވެ.

ސްކްރީން ޓައިމްއަކީ ކުޑަ ކުދިންނަށް ފައިދާހުރި އެއްޗެއް ނަމަވެސް އެއިން ފައިދާ ލިބެން އޮތީ ކުދިންނަށް ކޮންމެ ވެސް ލިމިޓަކާ އެކު ސްކްރީން ބޭނުންކުރަން ދީގެންނެވެ. ކުރިންވެސް ދެންނެވުނު ފަދައިން ސްކްރީނަށް ދެވިހިފުމުން ބޮޑެތި މީހުންނަށް ގެއްލުން ކުރާ ފަދައިން ކުޑަ ކުދިންނަށް ވެސް ގެއްލުންކުރެއެވެ. ކުއްޖާ ފޯނުން ނުވަތަ ޓެބްލެޓުން ކުރަނީ ނުކުރަނީ ކޮން ކަމެއްކަން ބަލަންޖެހެއެވެ. ކޮންމެ ދުވަހަކުވެސް ސްކްރީން ބޭނުންކުރުމަށް ވަކި މިންގަނޑެއް ކަނޑައަޅަންވާނެއެވެ. އަދި މީގެ އިތުރުން، ހެޔޮގޮތުގައި ސްކްރީން ބޭނުންކުރަން ދަސްކޮށްދޭން ވާނެއެވެ. މިހެން މިގޮތަށް ކަންތައް ކުރެއްވިއްޖެނަމަ ސްކްރީން ޓައިމްވެގެން ދާނީ ކުޑަ ކުދިންނަށް ނުހަނު ފައިދާހުރި ކަމަކަށެވެ.


* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރު އައިމިނަތު ޔުމްނު ހަސަަން ގެ ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.