މެލްވެއާ ފަތުރާ ފޭކް ވިންޑޯޒް 11 އިންސްޓޯލާތައް އާންމުވަނީ

ޝުޖާޢަތު ރަޝީދު 24 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓުން ޖޫން 28 ވަނަ ދުވަހު ވިންޑޯޒް އިންސައިޑާ ޕްރީވިއުއަށް ވިންޑޯޒް 11 ވަނީ ރިލީޒް ކޮށްފައެވެ. މިއާއި އެކީ އިރުތު އަޕްޑޭޓްތައްވެސް މިދިއަ މަސްތެރޭގައި މި ޕްރީވިއުއަށް މައިކްރޮސޮފްޓުން ދަނީ ދޫކުރަމުންނެވެ.

އިންސައިޑާ ޕްރޮގްރާމްގެ ބައިވެރިންނަށް މި ޕްރީވިއު މެދުވެރިކޮށް ވިންޑޯޒް 11 އަށް އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކުރުން މިހާރު މިއާއި ގުޅިގެން މިވަނީ ފަސޭހަވެފައެވެ. އިންސައިޑާ ޕްރޮގްރާމްގެ ޑެވް ޗެނަލް މެދުވެރިކޮށް ސިސްޓަމް އެންރޯލްކޮށްގެން ވިންޑޯޒް 11 ޕްރީވިއު ނަގާލެވެން އޮތްއިރުވެސް، އެހެން ވެބްސައިޓްތައް މެދުވެރިކޮށް ގިނަ ބަޔަކު ދަނީ ވިންޑޯޒް 11 އަޅަމުންނެވެ.

މިފަދަ އިންސްޓޯލާތަކުގެ އެއްބަސްވުން (ޓާމްސް އެންޑް ކޮންޑިޝަންސް) ކިއާނުލައި އިންސްޓޯލް ކުރުމުން ސިސްޓަމަށް އޯ.އެސްގެ އިމޭޖްގެ އިތުރުން، ނޭގި މެލްވެއާވެސް އެޅެމުން އެބަދެއެވެ.

ފޭކް ވިންޑޯޒް 11 އިންސްޓޯލާ ސެޓަޕްތަކެއްގެ ފޮޓޯ - ކެސްޕާސްކީ ވެބްސައިޓުން

ކެސްޕާސްކީއިން ބުނާގޮތުގައި "86307_windows 11 build 21996.1 x64 + activator.exe" ކިއާ އިންސްޓޯލާ ފައިލެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އެބަދެއެވެ. މި ފައިލްގެ ސައިޒަކީ 1.75 ޖީބީއެވެ، އަދި މިފައިލްގެ ނަމުގައި ވިންޑޯޒް 11 ބިލްޑް 21996.1 ޖަހާފައިވެއެވެ. މިއީ މައިކްރޮސޮފްޓުން ވިންޑޯޒް 11 ނެރުމުގެ ކުރިން ލީކްވެފައިވާ ބިލްޑެއްގެ ފައިލެކެވެ. އަދި މިއާއި އެކީ ދެމުންދާ އެކްޓިވޭޓާ ކީ އަކީ ތާކުންތާކު ނުޖެހޭ ގޮތައް ތައްޔާރުކޮށްފައިވާ ޑީ.އެލް.އެލް ފައިލެކެވެ.

މިފައިލް މެދުވެރިކޮށް ވިންޑޯޒް 11 އިންސްޓޯލް ކުރަން އުޅުމުން އިންޓަނެޓު މެދުވެރިކޮށް އެހެން އެކްޒެކިއުޓެބަލް ފައިލެއް ޑައުންލޯޑްވާކަން ފާހަގަވެއެވެ. އަދި މިއާއި އެކީ ސްޕޮންސާ ކޮށްފައިވާ ޕްރޮގްރާމްތައް އެޅޭނެކަމަށް އެގްރީމަންޓްގެ ކޮންޑިޝަންތަކުގައި އެކުލަވާލާފައިވެއެވެ. މި އެގްރީމަންޓް ބަލާނުލައި ގަބޫލުކޮށް ކުރިއަށް ދިއުމަށް ފިތާލައި އިންސްޓޯލް ކުރުމުން ސިސްޓަމަށް ނޭނގި މެލްވެއާ އިންސްޓޯލް ކުރެވޭނެ ކަމަށް ކެސްޕާސްކީއިން ބުނެއެވެ.

މެލްވެއާ އެކުލެވޭ ވިންޑޯޒް 11 އިންސްޓޯލް ކުރުމަށް އެއްބަސްވާ އެގްރީމަންޓްއެއްގެ ފޮޓޯ - ކެސްޕާސްކީ ވެބްސައިޓުން

ކެސްޕާސްކީއިން އާންމުކޮށް އެންމެނަށްވެސް އަންގާފައިވަނީ ކޮންމެހެން މިހާރު ވިންޑޯޒް 11 ބޭނުންވާނަމަ މައިކްރޮސޮފްޓްގެ އިންސައިޑާ ޕްރޮގްރާމް މެދުވެރިކޮށް، މައިކްރޮސޮފްޓްގެ އޮފިޝަލް ވެބްސައިޓްތަކުން އޯ.އެސް އެޅުމަށެވެ. އެއީ މިގޮތައް އެޅުމުން އިތުރު އެއްވެސް ނުރައްކަލަކާއި ނުލައި، ކުރިއަށް އޮތްތާގައި މައިކްރޮސޮފްޓުން ނެރޭ ވިންޑޯޒް 11 އަޕްޑޭޓްތައްވެސް ފަސޭހަކަމާއެކީ ލިބޭނީ މިގޮތައް ކުރިއަށް ދިއުމުން ކަމަށްވާތީވެއެވެ.

މެލްވެއާއަކީ، ގެއްލުންވާފަދަ ސޮފްޓްވެއާ ވައިރަސްތަކަށް ދެވިފައިވާ ނަމެކެވެ. މީގެ ތެރޭގައި ރެންސަމްވެއާ އަދި ސްޕައިކުރާ ވައިރަސް ޕްރޮގްރާމްތައްވެސް ހިމެނެއެވެ. މިފަދަ ވައިރަސްތަކުގެ އެހީގައި ސިސްޓަމްގައި ހުންނަ މުހިންމު ފައިލްތަކާއި ފޮޓޯތައް ނަގައި އިންޓަނެޓުގައި ލީކްކޮށް ނުވަތަ ވިއްކާލުމަށް މިކަންތައްތައް ކުރާ މީހުން މަސައްކަތްކުރެއެވެ.

އެހެންކަމުން ވިންޑޯޒް 11 ނުވަތަ އެހެނިހެން ސޮފްޓްވެއާ ޑައުންލޯޑް ކުރުމުގައިވެސް އިތުރު ހުޝިޔާރުކަމެއް ބަހައްޓައި އެތަކެތި ނެރެފައިވާ ސަޕްލަޔަރުން ނުވަތަ ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް އޮރިޖިނަލް ސޮފްޓްވެއާ ލައިސަންސްކޮށް ގަތުމަކީ ނުވަތަ ޑައުންލޯޑް ކުރުމަކީ މުހިންމު ކަމެކެވެ. އަދި ގެންގުޅޭ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ސިސްޓަމަށް އިންޓަނެޓް ސެކިއުރިޓީ، އެންޓި ވައިރަސް ސޮފްޓްވެއާއެއް އަޅާފައި ބެހެއްޓުމަކީ ބޭނުންތެރިކަމެއް ކަމުގައި ފެނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.