ރާއްޖޭގެ ފުރަތަމަ އޭ.އާރު ސްޓްރީޓް ވޯލް އާޓް

ޝުޖާޢަތު ރަޝީދު 30 ޖުލައި 2021

އޮގްމެންޓެޑް ރިއަލިޓީ (އޭ.އާރު) ގެ އެހީގައި ބަލާލެވޭ ކުރެހުންތަކެއް ދިވެހިރާއްޖޭގެ ކުރެހުންތެރިންތަކެއް އުފައްދައިފިއެވެ.

މި ކުރެހުމަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނު މަގުގައި ސްޓެލްކޯ ބޮޑު ފާރުގައި މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީ ( އެމް.އޭ.ސީ) އިން އުފައްދާފައިވާ ކުރެހުންތަކެކެވެ.

ދިވެހިރާއްޖޭގެ ސަގާފަތާއި އަދި ތާރީޚީ އެކި ކަންތައްތައް މި ކުރެހުންތަކުން ދައްކުވައިދެއެވެ. މި ކުރެހުންތައް އޮގްމެންޓެޑް ރިއަލިޓީގެ އެހީގައި އާޓްވައިވް އެޕް ބޭނުންކޮށްގެން ސްކޭންކޮށް ބަލާލުމުން ކުރެހުންތައް އެނިމޭޝަންއަކަށް ބަދަލުވެއެވެ.

އޮގްމެންޓެޑް ރިއަލިޓީއަކީ ކުރެހުން، ފޮޓޯ، ގޭމް އަދި މިނޫންވެސް ތަކެއްޗާއި ފޯނު / އެހެނިހެން ސްމާޓް ލެންސްފަދަ ޑިވައިސް ބޭނުންކުރާ މީހުންނަށް އެނިމޭޓެޑްކޮށް މިތަކެއްޗާއި އިންޓަރެކްޓް ވެވޭފަދަ ޓެކްނޮލޮޖީއެކެވެ. އެންމެ މަޤުބޫލު މިސާލެއް ގޮތުގައި ފާހަގަ ކޮށްލެވެނީ ޕޮކިމޮން ގޯ ގޭމެވެ.

ގޭމްތަކުގެ އިތުރަށް މިހާރު އޭ.އާރު ޓެކްނޮލޮޖީ ބޭނުންކުރާ ދާއިރާތަކާއި ތަކެތި އިތުރުވަމުން އެބަދެއެވެ. މީގެތެރެއިންވެސް ފާހަގަ ކޮށްލެވެނީ މަގުތަކުގައި ނުވަތަ ކަނޑުގެ ނެވިގޭޝަން ސިސްޓަމް އެޕްލިކޭޝަންފަދަ އޭ.އާރު އެޕްލިކޭޝަންތަކެވެ.

ބައެއްފަހަރު ސިކުނޑީގެ ތްރީޑީ ސްކޭނެއް ހެދުމަށްވެސް އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީއެއް ގޮތުގައި ބޭނުންކުރެވެއެވެ.

އޮގްމެންޓެޑް ރިއަލިޓީ ކޮމްޕިއުޓިންގެ ދުނިޔޭގައި ތަޢާރަފްކުރުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ 1990 ގައި، އެމެރިކާގެ އިންވެންޓަރެއް ކަމުގައިވާ ލުއިސް ރޯސެންބާގެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ކަންތައްތަކުގައި އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ ބޭނުންކުރަމުން ދެއެވެ. މިފަދަ ފަހުގެ ސްމާޓް ޓެކްނޮލޮޖީތައް ދިވެހިރާއްޖެއިން ފެނިގެން ދިއުމަކީ ފަޚުރުވެރިވެވޭ ވަރުގެ ކަމެއްކަން ޔަޤީނެވެ.

މި އަހަރު އުރީދޫ މޯލްޑިވްސް ގެ ކަލަންޑަރުގައިވެސް އޯގްމެންޓެޑް ރިއަލިޓީ މެދުވެރިކޮށް ތަފާތު ތާރީހީބސަފުހާތަކަށް ދިރުންގެނުވާފައި ވެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.