ޒޫމްގެ ކަސްޓަމަރުންގެ މައުލޫމާތު އެމީހުންގެ ހުއްދަ ނުހޯދައި ފޭސްބުކް އާއި ގޫގަލްއަށް ދިނުމުގެ ސަބަބުން އެކުންފުންޏާއި ދެކޮޅަށް ބަޔަކުކޮށްފައިވާ ދައުވާތަކަށް ހައްލެއް ހޯދުމަށް 85 މިލިއަން ޑޮލަރު ދެއްކުމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ. މި ދައުވާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޒޫމްއިން ވަނީ އެކުންފުނީގެ އެންޑް ޓު އެންޑް އެންކްރިޕްޝަން ހިދުމަތާއިގުޅޭ ގޮތުންވެސް މައުލޫމާތު އޮޅުވާލާފައެވެ.
އެމެރިކާގެ ކޯޓެއް މެދުވެރިކޮށް ވެވުނު މި އެއްބަސްވުމުގެ ސަބަބުން އެގައުމުގައި ޒޫމް ބޭނުންކުރާ ފަރާތްތަކަށް 15 ނުވަތަ 25 ޑޮލަރު ލިބިގެންދާނެއެވެ. މީގެ ކުރިން އެކުންފުނިން ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަނާއިއެކުވެސް އެކުންފުނީގެ ހިދުމަތްތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށާއި މިފަދަ މައުލޫމާތު އޮޅުވާނުލާނެކަމަށް އެއްބަސްވުމެއް ހަދާފައިއެވެ.
އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން 2016 އަދި 2017 ގައި ހާމަކޮށްފައިވާ ގޮތުގައި ޒޫމްގެ ހިދުމަތްތަކަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ލިބޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. ނަމަވެސް ފަހުން ހާމަވެފައިވާ ގޮތުގައި ޒޫމްގެ ކަނެކްޓާ ޕްރޮޑަކްޓްގެ ބޭނުންނުކުރާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ހިދުމަތެއް ނުލިބެއެވެ. އެގޮތުން ޒޫމްގެ ސާވާތަކުގައި ކަސްޓަމަރުންގެ ކޮންޓެންޓަށް އެކްސެސް ވެވޭނެ ކްރިޕްޓޯގްރެފިކް ކީޒް ހުރިކަން ވަނީ ހާމަވެފައިއެވެ. ނަމަވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން ހަގީގަތުގައި މަސައްކަތްކުރާނަމަ ކަސްޓަމަރުން ފިޔަވައި އެހެން ބައެއް އަތުގައި މި ކީތަށް ހުރެގެން ނުވާނެއެވެ.
މީގެ އިތުރުން ޒޫމްއިން ވަނީ އެކުންފުނީގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްވެސް އެއްބަސްވެފައިއެވެ. އެގޮތުން އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށާއި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު މިހާރަށްވުރެ ފުރިހަމައަށް ރައްކާތެރކުރުމަށް އެކުންފުނިން ވަނީ އެއްބަސްވެފައިއެވެ.
އެކުންފުނިން މިފަދަ ބޮޑު އަދަދެއް ދެއްކުމަށް އެއްބަސްވެފައިވާ އިރު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ލޮކްޑައުންތަކާއިއެކު ޒޫމްގެ ވިޔަފާރީގެ ފައިދާ ވަނީ 4 ގުނަ އިތުރުވެފައިއެވެ. އެގޮތުން އެކުންފުނީގެ އާމްދަނީ ވަނީ 622.7 މިލިއަން ޑޮލަރުން 2.7 ބިލިއަން ޑޮލަރަށް އިތުރުވެފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި