ޓްވިޓާ ވެރިފިކޭޝަން ޕްރޮގްރާމް އަނެއްކާވެސް ހުއްޓާލައިފި

އިސްމާއިލް އަލީ 16 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާއިން އެކުންފުނީގެ ވެރިފިކޭޝަން ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. އެކުންފުނިން މި ނިންމުން ނިންމާފައިވަނީ އެކުންފުންޏަށް އޮޅިގެން ފޭކް އެކައުންޓް ތަކެއް ވެރިފައި ކުރެވުމާއި ގުޅިގެންނެވެ. ނަމަވެސް މިޕްރޮގްރާމްގެ ދަށުން ފަހުން ވެރިފައިކުރުމަށް ހުށަހައަޅާފައިވާ ފަރާތްތަކަށް މި ނިންމުމާއި ގުޅިގެން އަސަރެއް ނުކުރާނެއެވެ.

ޓްވިޓާއިން މިފަދަ ނިންމުމެއް ނިންމާފައިވިޔަސް އެކުންފުނީގެ ވެރިފިކޭޝަން ޕްރޮސެސްއަށް އިތުރު ބަދަލުތަކެއް ގެނައިކަމަށް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ވެރިފައި ކުރާ އެކައުންޓުތަކުގެ ސައްހަކަން މިހާރަށްވުރެ ބޮޑަށް އެކުންފުނިން ބަލާނެކަމަށް ބެލެވެއެވެ.

މިކަމާއި ގުޅިގެން އެކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ޓްވިޓާއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މި ނިންމުމަކީ ވެރިފިކޭޝަން ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެކުންފުނިން ނިންމި ވަގުތީ ނިންމުމެކެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް ޓްވިޓާއިން ވަނީ މި ޕްރޮގްރާމް ހުއްޓާލާފައިއެވެ. އޭރު އެނިންމުން އެކުންފުނިން ނިންމާފައިވަނީ އެމެރިކާގެ ހައްދުފަހަނައެޅި ގްރޫޕެއް ވެރިފައި ކުރެވުމާއި ގުޅިގެންނެވެ. މިޔަށްފަހު 2021 ވަނަ އަހަރު އަލުން މި ޕްރޮގްރާމް ވަނީ ފަށާފައިއެވެ. އަލުން ފެށުމަށްފަހު ގިނަ އަދަދެއްގެ ވެރިފިކޭޝަން ރިކުއެސްޓް ލިބުމާއި ގުޅިގެން މި ޕްރޮގްރާމް ދުވަސްކޮޅަކަށް ޓްވިޓާއިން ހުއްޓާލާފައިވެސް ވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.