20 އަހަރުވީ ދިގު ހަނގުރާމައަށްފަހު ތާލިބާނުންވަނީ މިދިޔަ އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ. އެގައުމުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކޮށް ފިލުމާއި ގުޅިގެން ތާލިބާނުން ހަމަ އެދުވަހު ވަނީ ކާބުލްގައި ހުރި ރިޔާސީ ގަނޑުވަރަށް ވަދެ އެތަން ވެސް ހިފާފައެވެ. ތާލިބާނުން މިގޮތަށް އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމަށް ހަރަކާތްތެރިވާން ފެށީ އެމެރިކާގެ ރައީސް ޖޯ ބައިޑެން، އަފްގާނިސްތާނުން އެމެރިކާގެ އަސްކަރީ ފުލުހުން ފައިބާނެކަމަށް އެޕްރީލް 2021 ގައި އިޢުލާނުކުރި ހިސާބުންނެވެ.
ތާލިބާނުންނަކީ ކުރިން ވެސް ސޯޝަލް މީޑިޔާގެ ޗެނަލްތައް ބޭނުންކޮށްގެން އެމީހުންގެ މެސެޖުތަކާއި ޚަބަރުތައް ފަތުރަމުންގެންދާ ޖަމްޢިއްޔާއެކެވެ. އާދީއްތަ ދުވަހުން ފެށިގެންވެސް އެޖަމްޢިއްޔާއިން ދަނީ ސޯޝަލް މީޑިއާ ޗެނަލްތައް ބޭނުންކޮށްގެން ދުނިޔެއަށް އަފްގާނިސްތާނުގައި ހިނގާ ކަންތައްތައް ހިއްސާކުރުމުގައި ޕޮސިޓިވް ކުލައެއް ޖެއްސޭތޯ މަސައްކަތް ކުރަމުންނެވެ. މިޖަމްއިއްޔާއިން އަންނަނީ އަމާންކަމާއެކު ރައްކާތެރި އައު ސަރުކާރެއް އެކުލަވާލާނެކަަމަށާއި ރައްޔިތުންގެ ފުރާނައާއި، މުދަލަށާއި ޝަރަފަށް ގެއްލުމެއް ނުދޭނެކަމަށް ބުނަމުންނެވެ.
ގިނަބަޔަކު ގަބޫލުކުރާނެ ގޮތުގައި ސޯޝަލް މީޑިޔާއަކީ ސިޔާސީ ހަރަކާތްތަކުގައި ވަރަށް ބާރު ހުރި ހަތިޔާރެކެވެ. މީގެ ކުރިންވެސް މިފަދަ ކަންތައްތަކުގައި ސޯޝަލް މީޑިއާ އެކި ގޮތްގޮތަށް ބޭނުންކުރެވިފައި އެބަހުއްޓެވެ. މިވަގުތު ސޯޝަލް މީޑީއާ ކުންފުނިތަކުން އަޅާ ފިޔަވަޅުތައް މުހިއްމު ވަނީ އެސަބަބާ ހެދިއެވެ.
ފޭސްބުކް
ފޭސްބުކްއިން ވަނީ ތާލިބާނުންގެ އޮފިޝަލް ޗެނަލްތަކާއި އެމީހުންގެ ހަރަކާތްތައް ރަމްޒުކޮށްދޭ އަދި އެކަމަށް ހިތްވަރުދޭ މަންޒަރާއި މެސެޖު އެކުލެވޭ ޗެނަލްތަކާއި ޕޯސްޓްތައް ބްލޮކްކުރާނެކަމަށް މިދިޔަ އަންގާރަ ދުވަހު އިޢުލާނުކޮށްފައެވެ. ތާލިބާނުންގެ ވެރިންނާއި އެޖަމްއިއްޔާއާއި ގުޅުން އޮންނަ އެހެން ފަަރާތްތަކުގެ ނަމުގައި ރަޖިސްޓަރކޮށްފައިވާ އެކައުންޓްތަކާއި އެފަދަ ފަރާތްތަކަށް ތަޢުރީފުކޮށް ވާހަކަ ދައްކާ ފަރާތްތައްވެސް ބްލޮކްކުރާނެކަމަށް ފޭސްބުކްއިން ބުނެއެވެ.
އެމެރިކާގެ ގާނޫނުގައި ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ނިންމާފައިވާ ގްރޫޕެއްކަމަށާއި، އެކުންފުނިންވެސް އެގޮތަށް ގަބޫލު ކުރާކަމަށް ފޭސްބުކްއިން ބުނެއެވެ. ފޭސްބުކްގެ ނުރައްކާތެރި އޮގަނައިޒޭޝަންސް ޕޮލިސީގެ ދަށުން މީގެ ކުރިންވެސް އެކުންފުނީގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި އެގްރޫޕް ވާނީ ބްލޮކްކޮށްފައިކަމަށް އެކުންފުނިން ހާމަކުރިއެވެ.
މިމަސައްކަތަށް ފޭސްބުކްގައި ހާއްސަ ޓީމެއް ހަރަކާތްތެރިވާކަމަށް ވެސް އެކުންފުނިން ބުނެއެވެ. މިޓީމުން އެފަދަ ކޮންޓެންޓް މޮނިޓަރކޮށް ނަގަން ޖެހޭ ހަލަތުގައި ނަގަމުންދާނެއެވެ. އަފްގާނިސްތާނުގައި ބޭނުންކުރާ ދެބަސް ކަމަށްވާ ދާރީ އަދި ޕަޝްޓޯ ބަހުން ވާހަކަ ދައްކާ، ފޭސްބުކް ޓީމުގެ މެންބަރުންގެ ފަރާތުން އެފަދަ ޕޯސްޓްތަކާއި ގްރޫޕްތައް ދެނެގަތުމަށާއި އިތުރަށް އެކަން ކޮންޓްރޯލް ކުރުމުގައި އެހީހޯދަމުން ދާކަމަށް އެކުންފުނިން ބުންޏެވެ. ތާލިބާނުން ނަގާފައިވާ ކޮންޓްރޯލް އަކީ ރަސްމީ ސަރުކާރެއްކަމަށް ބަލައި ނުގަންނަކަމަށް ވެސް ފޭސްބުކް އިން ފާހަގަކޮށްފައިވެއެވެ. އެކުންފުނީގެ މިސްރާބު ހުންނާނީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޚިޔާލުތައް ހުރި ދިމާލަށްކަމަށާއި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށްކަމަށް ވެސް ފާހަގަކުރިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި ތާލިބާނުންގެ ފަރާތުން ވާހަކަދައްކަމުން ގެންދާ ޒަބީހުﷲ މުޖާހިދު ވަނީ ފޭސްބުކް އިން އެޖަމްއިއްޔާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުން ގެންދާކަމަށް ބުނެ ފާޑު ކިޔާފައެވެ. އެއީ ނިޔު ޔޯކް ޓައިމްސްގެ ރިޕޯޓަރުންތަކެއް ރިޕޯޓްކޮށްގެން ފޭސްބުކްއިން މުޖާހިދާއި އޭނާއާއި ގުޅިފައިވާ އެތަށް އެކައުންޓްތަކެއް މިހަފްތާތެރޭގައި ބަންދުކޮށްފައިވާތީއެވެ.
ވަޓްސްއެޕް
ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އިންސްޓަގްރާމާއި ވަޓްސްއެޕަށްވެސް އެކުންފުނީގެ ޕޮލިސީ ހިނގާނެތީ އެ ޕްލެތްފޯމްތަކުގައިވެސް ތާލިބާނުންނަށް ނިސްބަތްވާ ކޮންޓެންޓް ބްލޮކްކުރާނެކަމަށް ފޭސްބުކްއިން ބުނެއެވެ. ނަމަވެސް ވަޓްސްއެޕް ބޭނުންކޮށްގެން އަދި ވެސް ތާލިބާނުން ކޮމިޔުނިކޭޓް ކުރާކަމަށް ބައެއް ފަރާތްތަކުން ރިޕޯޓު ކުރެއެވެ. ވަޓްސްއެޕުގައި މެސެޖުތައް ބަދަލު ކުރެވޭނީ އެންކްރިޕްޓެޑް ފޯމެޓްގައި ކަމުން އޭގައި ކުރެވެނީ ކޮން މެސެޖުތަކެއްކަން ނޭގޭނެތީ އެކަން ނުކުރެވޭނެކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި ވަކިވަކި މެސެޖުތަކުގެ ކޮންޓެންޓް ނޭގުނު ނަމަވެސް، އެޖަމްއިއްޔާއަށް ނިސްބަތްވާ މީހަކު ނުވަތަ އެފަދަ އެހެން ގްރޫޕަކުން އެޕްލެޓްފޯމްގައި އުޅޭކަން އެނގޭ ހިސާބުން އެކަމަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.
ފޭސްބުކްއިން ބުނާގޮތުގައި އޭއައި ޓެކްނޮލޮޖީއެއް ބޭނުންކޮށް އެންކްރިޕްޓް ނުކުރާ ގްރޫޕްތަކުގައި ދެކެވޭ ވާހަކަ އެނަލައިޒްކުރަމުން ގެންދާނެއެވެ. މިކަން ކުރާއިރު ގާނޫނީ ގޮތުން އެކުންފުންޏަށް ލިބިދޭ ބާރުގެ ދަށުން، ތާލިބާނުންނަށް ނިސްބަތްވާ މީހުންގެ ނަމާއި ފޮޓޯ އަދި ގްރޫޕްތަކުގެ ޑިސްކްރިޕްޝަންގައި ހިމެނޭ ޓެކްޓްތައް އެނަލައިޒް ކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޓިކްޓޮކް
ޓިކްޓޮކުންވެސް ވަނީ ފޭސްބުކްއެކޭ އެއްފަދައިން، ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކެޓަގަރައިޒްވެފައިވާ ގްރޫޕެއްކަމަށާއި، އެޕްލެޓްފޯމުގެ ޕޮލިސީތަކާއި އެއްގޮތަށް ޓެރަރިސްޓް ޖަމާއަތަކަށް ހިއްވަރުދީ ވާހަކަ ދައްކާ އަދި ޕްރޮމޯޓް ނުވަތަ ސަޕޯޓްކުރާ ކޮންޓެންޓްތައް ބްލޮކްކުރާނެކަމަށް ބުނެފައެވެ.
ޔޫޓިއުބް
އެލްފަބެޓް ކުންފުނިން ހިންގާ ޔޫޓިއުބްއިން ހާމަކުރިގޮތުގައި އެޕްލެޓްފޯމްގެ ޕޮލިސީއާއި ގައިޑްލައިންތަކުގައިވާ ކަންތައްތައް ހުރިހާ ފަރާތްތަކަށް އެއް ހަމައެއްގައި ކުރިން ވެސް ދެވޭގޮތަށް މިހާރު ވެސް ދެވެމުންދާނެއެވެ. އަދި ޔޫޓިއުބްގެ ހިމަނަން އެކަށީގެން ނުވާ ކޮންޓެންޓް ބްލޮކް ކުރެވޭނެއެވެ. އެހެން ނަމަވެސް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޑޮކިޔުމެންޓަރީ ނުވަތަ ސައިންޓިފިކް ކޮންޓެންޓް ގެނެސްދެވިފައިވާ ގޮތަށް ބަލާ ހުއްދަ ކުރެވޭނެކަމަށް ވެސް ޔޫޓިއުބުން ބުނެއެވެ.
ޓްވިޓަރ
ޓްވިޓަރއިން އާންމުކޮށްފައިވާ މެސެޖުގައިވާ ގޮތުން އަފްގާނިސްތާނުގައި ތިބި ވަރަށް ގިނަ ފަރާތްތަކެއް ދަނީ އެހީއަށް އެދި އެޕްލެޓްފޯމް ބޭނުން ކުރަމުންނެވެ. ޓްވިޓަރ އިން އެންމެ މުހިއްމު ކަމެއް ދޭނީ އެފަރާތްތަކަށް ދެވެން އޮތް ރައްކާތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި ޓްވިޓަރގެ ގަވާއިދުތަކަށް މިވަގުތު ވެސް އަމަލު ކުރަމުން ދާނެކަމަށާއި، ޙާއްސަކޮށް އަނިޔާވެރިކަމާއި، ސްޕޭމްކުރުމާއި، ޕްލެޓްފޯމްގެ ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާމެދު އާދައިގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުންޏެވެ.
ޔުނިވަރސިޓީ އޮފް އޮކްސްފޯޑުގެ ޕޮލިޓިކަލް ކޮމިޔުނިކޭޝަން ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރ ނީލްސަން ހާމަކުރިގޮތުގައި މިފަދަ ހާލަތެއްގައި ސޯޝަލް މީޑިޔާ ކުންފުނިތަކުން އަޅާ ފިޔަވަޅުތައް އެއްގޮތެއްގައި ދެމެހެއްޓުން މުހިއްމެވެ. އެއީ އޭގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލިދާނެ ކަމަށްވާތީ ނުވަތަ އަނިޔާވެރިކަމަށް މަގުފަހިވެދާނެތީއެވެ. ދެ ފަރާތަށްވެސް ވިސްނުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ. މިކުންފުނިތަކުން އަޅާފިޔަވަޅުގައި ތަފާތު ނުގެންގުޅުން މުހިއްމުވާ ސަބަބަކީ ހަމަ ހަގީގަތުގައިވެސް ރަނގަޅު ބޭނުމުގައި ޕްލެޓްފޯމްތައް ބޭނުންކުރާ ބަޔަކަށް އެތަކެތި ބްލޮކްވެދާނެތީއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް