ޓެކްނޮލޮޖީ އަހުލުވެރިވި ނަމަވެސް އޮންލައިން ސްކޭމްތަކަށް ބޮޑެތި މީހުންނަށް ވުރެން ގިނައިން ފުރާވަރުކުދިން ހެއްލޭކަމުގައި އައު ދިރާސާތަކުން ދައްކައެވެ.
ގިނައިން ސްމާޓްފޯނާއި އެހެނިހެން އިލެކްޓްރޯނިކް ތަކެތި ބޭނުންކުރަމުން ބޮޑެތިވި ފުރާވަރު ކުދިން ސައިބާ ފްރޯޑްތަކަށް ހެއްލޭކަމުގައި ސޯޝަލް ކެޓްފިޝްއިން ކުރިއަށް ގެންދިއަ ދިރާސާއަކުން ދައްކައެވެ. މި ރިޕޯޓުން ދައްކާގޮތުގައި ވޭތުވެ ދިޔަ 3 އަހަރު ތެރޭގައި އެކިއެކި އޮންލައިން ސްކޭމްތަކުގައި ޖެހިފައިވާ ފުރާވަރުކުދިންގެ އަދަދު 156 އިންސައްތަ މައްޗަށް ޖެހިލައިފިއެވެ.
މިއީ އުމުރުން ދުވަސްވީ މީހުން، 60 އަހަރުން މަތީގެ މީހުންނާއި އަޅާ ބަލާއިރު 112 އިންސައްތަ ގިނަ އަދަދެކެވެ.
ޑޭވިޑް މެކްކްލެލަން، ސޯޝަލް ކެޓްފިޝްގެ ރައީސް ވިދާޅުވާގޮތުގައި މިއީ ވަރަށްވެސް ހައިރާންވާ ކަމެކެވެ. އަދި މި ޖެެނެރޭޝަނަށް ބަލާލާފައި ޓެކްނޮލޮޖީއާއި ރައްޓެހި، އެންމެ ގިނައިން ބޭނުންކުރާ ބަޔަކަށް ވެފައި މިކަމުގައި ފުރާވަރު ކުދިން މަޅި ޖެހުމަކީ ބަލައިގަންނަން ވަރަށް ހައިރާން ކަމެކެވެ.
މިގޮތައް ކަންތައްތައް ދިމާވާ އެއް ސަބަބެއް ކަމުގައިވަނީ ގިނަފަހަރަށް މި އުމުރުފުރައިގެ ކުދިންނަކީ އޮންލައިންކޮށް ހުރިހާ މަޢުލޫމާތެއްވެސް ހިއްސާކުރާ ބައެއްކަމުގައި ވުމުންކަމަށްވެސް މިދިރާސާއިން ދައްކައެވެ. މިދިޔަ އަހަރު (2020) ގައި އެމެރިކާގައި 105،300 ޝަކުވާ ހުށަހެޅިފައިވަނީ އޮންލައިން ސްކޭމްތަކާއި ގުޅިގެންކަމުގައި އެފް.ބީ.އައިގެ ރިޕޯޓުތަކުންވެސް ދައްކައެވެ.
ޖުމްލަކޮށް މިފުރާވަރުގެ ކުދިން އަތުން 4.2 ބިލިއަން ޔޫ.އެސް ޑޮލަރު 2020 ގައި ގެއްލިފައިވާކަންވެސް އެފް.ބީ.އައިގެ މި ރިޕޯޓުތަކުން ހާމަވެއެވެ.
މިފަދަ އޮންލައިން ސްކޭމްތަކުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި ސޯޝަލް ކެޓްފިޝްއިން ހާމަކުރަނީ ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަށެވެ.
ވަޒީފާއާއި ގުޅޭ ސްކޭމްތައް: ގިނަ ފަހަރަށް އޮންލައިންކޮށް ވަޒީފާއެއް ހޯދާނަމަ، އަމިއްލަ އަތުން މަޢުލޫމާތާއި އަދި ޓްރެއިނިން ފަދަ ކަންތައްތަކަށް ފައިސާ ދިނުމަށް ބުނާ ވެބްސައިޓްތަކަކީ ސައްޚަނޫން ވެބްސައިޓްތައްކަން ފާހަގަވެއެވެ.
އޮންލައިން އިންފްލުއެންސާ ސްކޭމްތައް: އިންސްޓަގްރާމް ނުވަތަ އެނޫންވެސް މީސްމީޑިއާ އެޕްލިކޭޝަންތަކުގެ އެހީގައި އިންފްލުއެންސާއަކަށްވެ، މޮޅުވުމުން ޕޭމަންޓެއް ލިބޭނެކަމަށް ބުނާ ކަންތައްތަކަށް ސަމާލުވުން އެއީ މުހިންމު ކަމެކެވެ. ގިނަ ފަހަރަށް މިކަންތައްތައް ވަނީ އޮންލައިންކޮށް މީހުން ހައްދާލުމަށް ބޭނުންކުރާ އުކުޅަކަށެވެ.
އޮންލައިން ވިޔަފާރިތައް: ރަނގަޅު ވެބްސައިޓެއް ގޮތުގައި ފަރުމާކޮށް މީހުން ހައްދާލުމަށްޓަކައި މިހާރު ވަރަށް ގިނަ އޮންލައިން ވިޔަފާރިކުރާ ވެބްސައިޓް ހުރެއެވެ. މިއީވެސް ސަމާލުކަމެއްދީގެން ކުރަންޖެހޭ ކަމެކެވެ.
މި ދިރާސާތަކުން ދެއްކި ހެކީގައި އެނގިގެންދަނީ، އޮންލައިންކޮށް މީސްމީޑިއާ އަދި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކުރާ ކަންތައްތަކަކީ އަބަދުވެސް ހުޝިޔާރުވެ ތިމާގެ އަމިއްލަ ސަލާމަތް ކުރިއަށްލައިގެން ކުރާކަމެއްކަމުގައި އެންމެންވެސް ދަންނަންޖެހޭކަމެވެ.
އަބަދުވެސް އޮންލައިން ސްކޭމްތަކެއް ހުރެދާނެކަމަށް ބަލައި ވަރަށް ސަމާލުކަންދީގެން އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ބަލައިގަންނަންޖެހޭނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.