2019 ވަނަ އަހަރު ޗައިނާ އިން ފެނުނު ކޮރޯނާ ވައިރަހަކީ މުޅި ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނެސްފައިވާ އާފާތެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ބޮޑެތި ބައްރުތަކާއި ކުދި ޖަޒީރާތައްވެސް ވަނީ މިބަލީގެ ޝިކާރަޔަކަށްވެފައެވެ. ކަންބޮޑުކަމާއި ބިރާސްކަމުގައި މުޅި ދުނިޔެ އަހަރެއްހާ ދުވަސް ހޭދަކުރީ މިބައްޔަށް ފަރުވާއެއްލިބޭނެކަމުގެ އުންމީދުގައެވެ. މި އުންމީދުތައް ހަގީގަތަކަށް ހަދާ މިވަބާއިން މިންޖުވުމަށް ސައިންސްވެރިންނާއި ސިއްހީ މާހިރުން ބުރަމަސައްކަތްތަކެއް ކޮށްފައިވެއެވެ. އަމިއްލަ ހަށިން ދާ އޮހޮރުވައި ، ހާންތިވެ ތިބެ ކުރި މަސައްކަތުން ކޮރޯނާ ވައިރަހަށް ވެކްސިންތަކެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއްވެސް ވެކްސިންއަކީ މިބަލިން ނަޖާ ވާނެކަމުގެ %100 ޔަގީންކަންދޭ އެއްޗެއްނޫންކަމެވެ. މިސަބަބާހުރެ މިވެކްސިން ޖެހުމަކީ ބޭކާރުކަމެކޭ ބުނާ މީހުންވެސް އުޅެއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއްނޫނެވެ.
ވެކްސިންގެ ބޭނުމަކީ މިނުރައްކާތެރި ބަލިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދިނުމެވެ. އަދި ވެކްސިން ޖަހާފައިހުރި މީހަކަށް މިބަލިޖެހުނަސް ، ބަލީގެ އަސަރުކުރާ މިންވަރު ކުޑައެވެ. ސިއްހީ މާހިރުން ރެއާއި ދުވާލު ވެކްސިންޖެހުމަށް ބާރުއަޅާ އެކަން ކުރުމަށް ގޮވާލަމުންދަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. އެގޮތުން އަޅުގަނޑުމެންގެ އާބާދީގެ ގިނަބަޔަކު ވެކްސިންޖެހިމުގެ ނަތީޖާއެއްގެގޮތުން 'ހަރޑް އިމިއުނިޓީ' ހާސިލްކުރެވިގެންދާނެއެވެ. 'ހަރޑް އިމިއުނިޓީ' އަކީ ވެކްސިންޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު އިންސައްތައެއް ހޭނި އެބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ. ނަތީޖާއެއްގެ ގޮތުން، ވެކްސިން ޖެހުމުން ބަރިއްޔަވެފައިވާ މީހުނަށްވެސް މިބަލި ޖެހޭނެކަމުގެ ބިރުކުޑަވެގެންދެއެވެ. ވެކްސިންގެ ސަބަބުން ރައްކާތެރިވަނީ ހަމައެކަނި ތިމާގެ އަމިއްލަ ނަފްސެއްނޫނެވެ. މުޅި މުޖުތަމައެވެ.
ވެކްސިންއެއް ތައްޔާރުކުރެވެނީ އެތައް މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހުގައެވެ. އެގޮތުން އެންމެ ފުރަތަމަ ބަލިޖެހެން މެދުވެރިވި ސަބަބު ހޯދަންޖެހެއެވެ. މިސާލަކަށް ކޮވިޑް-19 ޖެހެނީ ވައިރަސްއެއް އިންސާނާގެ ފުއްޕާމޭގައި ޖަގަހަޖަހައި ފުއްޕާމެއަށް ގެއްލުންދޭންފެށުމުންނެވެ. މިފަދަ ތަކެއްޗާއި ދެކޮޅަށް އިންސާނާގެ ދިފާއީ ނިޒާމް ހަނގުރާމަކުރެއެވެ. ނަމަވެސް ، މިއީ އާ ވައިރަސް އެއްކަމުން ، މިވައިރަސްއިން އަހަރެމެން ދިފާއު ކުރުމަށް އެންޓިބޮޑީއެއް އުފެދިފައެއްނުވެއެވެ. އަދި މިއާ ދެކޮޅަށް އެންޓިބޮޑީސް އުފެއްދުމަށް އަހަރެމެންގެ ދިފާއީ ނިޒާމް މަސައްކަތް ކުރަންފަށަނީ މިވައިރަސް ކަވި ތިކިތަކެއްގެ ގޮތުގައި ހަށިގަނޑަށް ވާސިލްވުމުންނެވެ. އެންޓިބޮޑީސް ވުޖޫދުވެގެން އަންނަނީ 'އެންޓިޖެން' އެއްގެ ސަބަބުންނެވެ. އެންޓި ކިޔަނީ އެންޓީބޮޑީއަށް ނިސްބަތްކޮށެވެ. އަދި ޖެން ގެ މާނަޔަކީ އުފެއްދުމެވެ. ވައިރަސްއެއް ހަށިގަނޑުގެ ސެލްތަކާ ގުޅެނީ މި އެންޓިޖެންގެ އެހީގައެވެ. ވެކްސިންގެ އެކި ވައްތަރުއް ހުރިކަމުގައިވިޔަސް ހުރިހާ ވެކްސިންއެއްގެވެސް މައިގަނޑު ބޭނުމަކީ ކޮވިޑް-19 ޖެހުމުގެކުރިން މިވައިރަސްއިން އަހަރެމެން ދިފާއުކޮށްދޭނެ އެންޓިބޮޑީސް އުފެއްދުމެވެ.
ދުނިޔޭގެ ސިއްހަތުޖައްމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ވެކްސިންތައް އީޖާދުކުރުމަށް ސައިންސްވެރިން ބޭނުންކޮށްފައި ވަނީ 3 އުކުޅެކެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ޖަހާ އުޅޭ ކޮވިޝީލްޑް ވެކްސިންއަކީ "ވައިރަލް ވެކްޓާ" ވެކްސިންއެކެވެ. 'ވައިރަލް ވެކްޓާ' ވެކްސިންތައް ހަދަނީ ބަލިފަތުރާ ވައިރަހުގެ (ކޮރޯނާ ވައިރަސް) ޕްރޮޓީންއެއް ރައްކާތެރި ވައިރަހަކާއި ގުޅުވައިގެންނެވެ. މީގެ އިތުރުން " އިންއެކްޓިވޭޓެޑް ވެކްސިން" އަދި "އެމްއާރްއެންއޭ ވެކްސިން" ތައް ވެސް އީޖާދުކޮއްފައިވެއެވެ. ސިނޮފާމް އަކީ "އިންއެކްޓިވޭޑް" ވެކްސިންއެކެވެ. މީގައި ބޭނުންކުރަނީ ބާރުކަނޑުވާލައިފައިވާ ނުވަތަ މަރާލެވިފައިވާ ވައިރަސްއެވެ. ސައިންސްވެރިންގެ ވަރަށް މިފަހުގެ އީޖާދެއްކަމުގައިވާ "އެމްއާރްއެންއޭ ވެކްސިން" ތަކުގައިމި ވައިރަސް ބޭނުންކުރުމުގެ ބަދަލުގައި ވައިރަހުގެ 'ސްޕައިކް' އުފައްދާ 'އެމްއާރްއެންއޭ' އެކުލަވާލެވިފައިވެއެވެ. ފައިޒަރ-ބަޔޯއެންޓެކް މިއީ އެމްއާރްއެންއޭ ވެކްސިންއެކެވެ. މިހުރިހާ ވެކްސިންތަކުންވެސް އިންސާނާގެ ދިފާއީ ނިޒާމުގައި މަސައްކަތް ކުރަނީ ދާދި އެއްގޮތަކަށެވެ. އެއީ ކޮވިޑް-19 އިން ދިފާއުކުރުމަށް އެންޓިބޮޑީސް އުފެއްދުމެވެ. އެހެންކަމުން ކޮންމެ ވެކްސިނަކީވެސް އޭގެ ޒާތުގައި ފައިދާހުރި ވެކްސިންއެކެވެ.
މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރު އާއިޝަތު ނަތާލީ ޝަރީފްގެ ލިޔުމެއް.
އެޑިޓަރުގެ ނޯޓް: މިލިޔުމުގައި ހިމެނޭ ސިއްހީ އަދި ވެކްސިނާ ގުޅުންހުރި މައުލޫމާތު ތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ސިއްހީ މާހިރެއްގެ އެހީތެރިކަން ވަނީ ހޯދާފައެވެ.
ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.