އެން.ޔޫ.އެސް އިން އުފައްދާ ސްމާޓް ހެދުން

ހިންދު ޢަލީ 01 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވެއަރަބަލް ޓެކްނޮލޮޖީއަކީ ފަހަކަށް އައިސް ވަރަށް މަޝްހޫރު އަދި ގިނަ ބަޔަކު ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. އާންމުކޮށް ގިނަ މީހުން ގަޑި، ބްރޭސްލެޓް، ޓެގް އަދި ބޫޓު ފަދަ ތަކެތި ބޭނުންކުރާނެތާއެވެ. ވެއަރަބަލް ޓެކްނޮލޮޖީ އަކީ މިފަދައިން މުޅި ދުވަހު އަޅައިގެން އުޅޭ ތަކެތީގެ ތެރޭގައި ހިމެނޭ ސްމާޓް ޑިވައިސްތަކެވެ. މިފަދަ ތަކެއްޗަށް ވެއަރަބަލްސް އޭ ވެސް ކިޔައެވެ. އާންމުކޮށް ގެންގުޅޭ ގަޑި، ބްރޭސްލެޓް ފަދަ ތަކެއްޗާއި މިފަދަ ތަކެތީގެ ތަފާތަކީ އެތަކެތި އަހަރުމެން ގެންގުޅޭ ސްމާޓް ޑިވައިސްތަކާއި (މޯބައިލް ފޯން، ކޮމްޕިޔުޓަރ ފަދަ) ކަނެކްޓް ކުރެވުމެވެ.

އެންމެ ގިނައިން މީހުން ބޭނުންކުރާ ވެއަރަބަލްސް ތެރޭގައި ސްމާޓް ވޮޗް، ފިޓްނެސް ޓްރެކަރ، އަދި މީހާ ނުވަތަ ތަކެތީގެ ރައްކާތެރިކަމަށް ބޭނުންކުރާ ސްމާޓް ޓެގް ފަދަ ތަކެތި ހިމެނެއެވެ. ސިއްހަތަށް ބަލައިގެން އުޅޭ ފަރާތްތަކަށާއި ކަސްރަތުކުރާ ފަރާތްތަކުގެ މެދުގައި މިފަދަ ޑިވައިސްތަކަކީ ވަރަށް އަގުހުރި ޑިވައިސްތަކެކެވެ.

ވެއަރަބަލް ޓެކްނޮލޮޖީ ކުރިއަރައިގެން ދާ ހަލުމިނަށް ބަލާ އަދި އެފަދަ ޑިވައިސްތަކުން ބަދަލު ކުރާ ޑޭޓާ ވެސް ގިނަ ވަމުން ދިޔުމާއެކު، އެފަދަ ޑިވައިތަކާއި އެތަކެތި ކަނެކްޓް ކުރާ މޯބައިލް ނުވަތަ ކޮމްޕިޔުޓަރގެ މެދުގައި ފަސޭހައިން އަދި އެންމެ އެފިޝެންޓްކޮށް ގުޅުވާލެވޭނެ ގޮތް ތަރައްގީ ކުރުމަށް ބޭނުންވެއެވެ. ހާއްސަކޮށް މިފަދަ ގިނަ ޑިވައިސްތައް އެއްފަހަރާ ބޭނުންކުރާ ފަރާތްތަކަށް މިއީ ބޭނުންތެރިކަމެކެވެ. މިފަދައިން އެފިޝެންޓްކޮށް ޑޭޓާ ޓްރާސްފަރ ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ (އެންޔޫއެސް)ގައި ދިރާސާތަކެއް ކުރެވެމުން އެބަދެއެވެ.

އެންޔޫއެސްގެ އިންސްޓިޓިއުޓް އޮފް ހެލްތް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީގެ އެސިސްޓަންޓް ޕްރޮފެސަރ ޖޯން ހޯ އަދި އެ ޔުނިވަރސިޓީގައި ޕީއެޗްޑީ ފުރިހަމަ ކުރާ 2 ކެންޓިޑޭޓުން ދަނީ ވެއަރަބަލްސް ފަސޭހައިން ކަނެކްޓްކޮށްދޭ ސްމާޓް ހެދުމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމީހުން ބުނާގޮތުގައި މިހެދުން ލައިގެން ހުންނަ މީހާ މަސައްކަތް ކުރާނީ ސަރކިޓް ބޯޑެއް ފަދައިންނެވެ. އެ ހެދުމުގެ ފޭރާން ސްމާޓް ކޮށްފައިވާނީ ބްލޫޓޫތު އަދި ވައިފައި ފަދަ ރޭޑިއޯ ފްރީކުއެންސީ ދައުރު ކުރާނޭ ފަދަ މެޓީރިއަލް ބޭނުންކޮށްގެނެވެ. މިމެޓީރިއަލް ބޭނުންކޮށްގެން މީހާ ބޭނުންކުރާ ޑިވައިސްތަކުގެ މެދުގައި ޑޭޓާ ޓްރާސްފަރ ހަލުވި ކޮށްދެއެވެ. މިމެޓީރިއަލް އެމީހުން ސިފަ ކުރަނީ "މެޓަ-މެޓީރިއަލް" އެއްގެ ގޮތުގައެވެ. އޭގެ މާނައަކީ މި ހެދުމުގައި ބޭނުންކުރާ ކޮންޑަކްޓިވް ފޭރާމުން މީހާވަޔަރލެސް ނެޓްވޯކެއް ފަދަގޮތަކަށް ބަދަލުކޮށްލައެވެ. މިގޮތުން އެހެދުމުގެ ފޭރާން މެދުވެރިވެ ޑިވައިސްތަކަށް މިހާރު ބޭނުންކުރާ ޓެކްނޮލޮޖީއާއި އަޅާބަލާއިރު 1000 ގުނަ ހަލުވިކޮށް ޑޭޓާ ޓްރާންސްފަރ ކުރެވޭނެކަމަށް އެޓީމުން ބުނެއެވެ.

އެސިސްޓެންޓް ޕްރޮފެސަރ ހޯ އަދި ޓީމް (ލީ މުން އަދި ތިއަން ޒީ)


މިހާރު ވެއަރަބަލްސް ކަނެކްޓް ކުރަން ބޭނުންކުރާ ބްލޫޓޫތު އަދި ވައިފައި ސިގްނަލްތައް ފޮނުވަނީ އެ ޑިވައިސްއަކުން ފެށިގެން ބޭރަށް އެކި ކޮޅުކޮޅަށެވެ. މާނައަކީ ހުރިހާ ދިމާލަކަށް ސިގްނަލް ފޮނުވާ، ސިގްނަލް ބަލައިގަންނާނެ އެހެން ޑިވައިސެއް ފެނޭތޯ ހުރިހާ ދިމާލަކަށް ފޮނުވާލަނީއެވެ. މިހެން ހެދުމުގެ ސަބަބުން ވަރަށް ގިނަ ސިގްނަލް އަސްލު ބޭނުންނުކުރެވި ގެއްލެއެވެ. އެއީ އެ ސިގްނަލް ބަލައިގަންނާނެ އެހެން އެއްޗެއް ނެތް ދިމަދިމާލުންނެވެ. މީގެ ސަބަބުން އަސްލު އެ ޑިވައިސްތައް ބޭންކުރެވޭނެ އެންމެ އެފިޝެންޓް މިންވަރަކަށް ބޭނުމެއް ނުކުރެވެއެވެ. އަދި މިގޮތަށް ގިނަ އިރު ސިގްނަލް ފޮނުވަ ފޮނުވާ އިނުމުގެ ސަބަބުން ޑިވައިސްގެ ބެޓެރީ އަވަހަށް ދިޔުމުގެ ޗާންސް ވެސް ބޮޑެވެ.

މިރިސަރޗް ޓީމުން ހައްލުކުރަން ބޭނުންވީ މިމައްސަލައެވެ. މިކަމަށް އެޓީމުން އުފައްދަނީ ހާއްސަ ޕެޓަރންއަކަށް ތައްޔާރުކޮށްފައިވާ މެޓީރިއަލްއެކެވެ. އޭގައި ހުންނަ ޕެޓަރންގެ ސަބަބުން ސިގްނަލްތައް އެކި ދިމަދިމާލަށް ފޮނުވާލުމުގެ ބަދަލުގައި ހެދުން ލައިގެން ހުންނަ މީހަގެ ގަޔާ ކައިރީގައި ސިގްނަލްތައް ހިފަހައްޓާދެއެވެ. މިހެން ހުރުމުގެ ސަބަބުން ސިގްނަލް ބާރުގަދަވެއެވެ.

މި ފޭރާން ތައްޔާރުކޮށްފައި ހުންނަނީ ސްޓެއިންލެސް ސްޓީލް ފައިބަރުތަކެއް ހިމަނައިގެންނެވެ. ފުނަލެއްގެ ސިފައިގައި ހުންނަ އެ ފައިބަރުތައް ހުންނަނީ ހެދުމުގެ ބޭރުފުށުގައި ހަރުކޮށްފައެވެ. ފޭރާމަށް ހާއްސަ ތެރަހެއް ނުވަތަ ފަށުވި ބޭނުންކޮށްގެން މިތަކެތި ހަރުކުރެވިދާނެކަމަށް އެ ޓީމުން ބުނެއެވެ. ހެދުމުގެ އެތެރޭގައި ހުންނަނީ ކޮންޑަކްޓަރ ސްޓްރިޕްތަކެއް ހަރުކޮށްފައެވެ.

މެޓީރިއަލް ހަރުކޮށްފައި ހުރި ބައެއް ހެދުން


ބޭރުގައި ހަރުކޮށްފައި ހުންނަ ފައިބަރުތައް ހުންނަ ޑިޒައިންގެ ގޮތުން ސިގްނަލް ވޭވްތައް ފަށަލައެއްގޮތަށް ގަޔާ ކައިރީގައި ހުރުމަށް އެހީތެރިވެދެެއެވެ. އަދި އެތެރޭގައި ހަރުކޮށްފައި ހުންނަ ސްޓްރިޕްތަކުގެ ސަބަބުން މީހާގެ ހަށިގަނޑަށް އެސިގްނަލްތަކުން ގެއްލުމެއް ކުޑަވާގޮތަށް "އާރތް" ކޮށްދެއެވެ. މިގޮތަށް ހުރުމުގެ ސަބަބުން މީހާ އަޅައިގެން ހުންނަ ވެއަރަބަލްއިން އިން އެންމެ ދައްކޮށް ލިބޭ ސިގްނަލެވެސް ފަސޭހައިން ނަގާދެއެވެ. އަދި އެ ޑިވައިސްތަކުން ބޭނުންކުރާ ބެޓެރީ ބޭނުންކުރާ މިންވަރު ދަށްކޮށްދެއެވެ.

މީގެން ޖެނެރޭޓް ކުރާ ރޭޑިއޯ ސިގްނަލްގެ ސަބަބުން ހެދުން ލައިގެން ހުންނަ މީހެއްގެ ސިއްހަތަށް އަސަރެއް ކުރާނެތޯ ގިނަބަޔަކު ކުރާ ސުވާލު ކުރާކަމަށް ޕްރޮފެސަރ ހޯ ބުންޏެވެ. އެޓީމުން ބުނާ ގޮތުގައި އޭގެ ސަބަބުން އެމީހަކަށް ކުރިއަސް ކުރާނީ ވަރަށް ކުޑަ އަސަރެއްކަމަށެވެ. އަދި އެއީ ގިނަ ވަގުތު މޯބައިލް ފޯނެއް ބޭނުންކުރާ މީހަކަށް ގެއްލުން ވެދާނެ މިންވަރަށް ވުރެ ކުޑަ ގެއްލުމެއް ކަމަށްވެސް ބުންނެވެ.

މިއުފެއްދުމުގައި އެހެންކަމުން އަސްލު މުހިއްމު އެއްޗަކީ ހެދުމުގެ އެތެރޭގަޔާއި ބޭރުގައި ހަރުކުރާ ސްޓްރިޕްތަކެވެ. އެސްޓްރިޕްތައް އެކި ވައްތަރުގެ ހެދުމުގައި އެކި ޑިޒައިންތަކަށް އަތުރާލެވިދާނެއެވެ. މީގެ ސްޓްރިޕް ހަރުކޮށްފައި ހުރި ފޭރާމުގެ މީޓަރެއްގެ އަގުކަމުގައި އެޓީމުން ލަފާ ކުރަނީ 7.37 ޑޮލަރެވެ.

މީގައި އެއްވެސް ވަޔަރެއް ބޭނުންކޮށްފައި ނުވާތީ މިސްޓްރިޕް ހަރުކޮށްފައި ހުންނަ ހެދުން ފަސޭހަކަމާއެކު އާދައިގެ ހެދުމާއެކީގައި ދޮވެ، ހިއްކާ އިސްތިރިކުރެވޭނެއެވެ. މިޓީމުން ބުނާ ގޮތުގައި މިޓެކްނޮލޮޖީގެ ފުޅާދާއިރާއެއްގައި އުފެއްދުމަށްޓަކައި، އެކުގައި މަސައްކަތް ކުރާނެ ޕާރޓްނަރުންނާއި މިހާރު ވާހަކަ ދައްކަމުން އެބަދެއެވެ. ހާއްސަގޮތެއްގައި ކުޅިވަރުކުޅޭ އިރު ލުމަށް ބޭނުންކުރާ ހެދުން އުފައްދާ ފަރާތްތަކާއި މީހުންގެ ސިއްހަތު މޮނިޓަރ ކުރުމަށް ބޭނުންކުރާ ޑިވައިސްތައް އުފައްދާ ފަރާތްތަކަށް، މީގެ ބޭނުންކުރެވިދާނެ އެޕްލިކޭޝަންތައް އެބަހުރިކަމަށް އެޓީމުން ބުނެއެވެ.


މިޓެކްނޮލޮޖީ މަސައްކަތް ކުރާގޮތް ދައްކާލުމަށް އެޓީމުން ތައްޔާރުކޮށްފައިވާ ވީޑިއޯ


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.