ސްޓެމް ސެލް ތެރަޕީއިން މުސްތަގުބަލުގައި ކުރިއެރުންތަކެއް

07 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބަދަލުވަމުންދާ ޒަމާނާއެކު ތަރައްގީ އާއި ތަހުޒީބަކީ އަންނާނެ އެއްޗެއްކަން ކަށަވަރެވެ. ކޮންމެ ގަރުނެއްގައި ވެސް އިންގިލާބީ އެތަކެއް ބަދަލުތަކެއް އައިސްފައި ވެއެވެ. މިގޮތުން، ބޭސްވެރިކަމުގެ ދާއިރާއިން އިންސާނުން ހޯދާފައިވާ ކުރިއެރުމަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ސިކުނޑީގެ ކުޅަދާނަކަމާއި ފުރިހަމަކަން ހާމަކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، ހުރިހާ ގޮތަކުން ވެސް އިންތިހާއަށް ކުރިއަރާފައިވާ 21 ވަނަ ގަރުނުގައި ވެސް، ފަރުވާއެއް ހޯދިފައިނުވާ އެތަކެއް ބައްޔެއްގެ ޝިކާރައަކަށްވެ، ވޭނާއި ކެކުޅުމުގައި ދުވަސްތައް ގުނަމުންދާ މީހުންގެ އަދަދު ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. މިފަދަ ބަލިތަކަށް ޝިފާއެއް ހޯދުމަށް ސިއްހީ މާހިރުންނާއި ސައިންޓިސްޓުން ދަނީ ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އެންމެ ބޮޑަށް ސަމާލުކަން ދީފައިވާ އެއް ދާއިރާއަކީ ސްޓެމް ސެލް ތެރަޕީއެވެ. އެހެންކަމުން ސްޓެމް ސެލް އަކީ ކޮބާ ހެއްޔެވެ؟ އެއީ ހަށިގަނޑުގައިވާ ސެލްތަކުގެ ތެރެއިން ޑިފަރެންޝިއޭޓް ވެފައިނުވާ، ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ވެސް ބަދަލުވުމުގެ ގާބިލުކަން ލިބިފައިވާ ސެލްތަކެކެވެ.

ސްޓެމް ސެލް ބޭނުންކޮށްގެން ދެވޭ ފަރުވާތަކަކީ ވަރަށް ކާމިޔަބު ފަރުވާތަކެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ތެލެސީމިއާ އާއި ލިއުކީމިއާ ފަދަ ލޭގެ ބަލިތަކުގެ ފަރުވާ ކަމުގައިވާ ބޯން މެރޯ ޓްރާންސްޕްލާންޓް އަކީ މީގެ 40 އަހަރު ކުރީއްސުރެން ފެށިގެން ދެވޭ ސްޓެމް ސެލް ތެރަޕީއެކެވެ. މީގެ އިތުރަށް، ކާމިޔާބުކަމާއެކީ ސްޓެމް ސެލް ތެރަޕީ ބޭނުންކޮށްގެން ރާއްޖެ ބަލި(އާތުރައިޓިސް)، ކްރޯންސް ޑިޒީސް، މަލްޓިޕްލް ސްކްލެރޯސިސް، އަދި ހާރޓް އެޓޭކް ޖެހިގެން ގެއްލުން ވެފައިވާ ހިތްތައް ވަނީ ރަނގަޅުކޮށްފައެވެ.

ސްޓެމް ސެލް ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތަފްސީލަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ. 2016 ވަނަ އަހަރުގައި ހާރޓް އެޓޭކެއް ޖެހިގެން ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ހިތެއް ރަނގަޅު ކުރުމަށް ޓަކައި ބޯން މެރޯއިން ނަގާފައިވާ ސްޓެމް ސެލްތަކެއް ބޭނުންކޮށްގެން ވަނީ ހިތަށް ފަރުވާދީ، ކުރިން އުޅުނު ދިރިއުޅުމަށް ރުޖޫޢަ ވެވޭވަރަށް އެމީހާގެ ހާލަތު ފުރިހަމަކޮށްދީފައެވެ. މިފަދައިން ހިތަށް ގެއްލުން ލިބިފައިވާ ޖަނަވާރުތައް ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޓެސްޓުތަކުން ވަނީ ހިތުގެ އާ މަސްލްތަކާއި ލޭނާރުގެ ސެލްތައް ވެސް އުފައްދާފައެވެ.

ސްޓެމް ސެލް ތެރަޕީގެ މުސްތަގުބަލުވަނީ ވަރަށް އުޖާލާކޮށެވެ. މިގޮތުން، ޕާރކިންސަންސް ޑިޒީސް، ހަކުރު ބަލި، ގެއްލުންވެފައިވާ ނާރުތަކާއި މައިބަދަ ރަނގަޅު ކުރުމަކީ ކުރިއަށް އޮތް 20 ވަރަކަށް އަހަރު ތެރޭގައި ވުން އެކަށީގެންވާ ކަންކަމެވެ. މިހާރު ހާލަތު އޮތް ގޮތުން ޓްރާންސްޕްލާންޓް ކުރަން ގުނަވަންތައް ނުލިބި، އަދި ލިބުނު ގުނަވަން ހަށިގަނޑު ރިޖެކްޓް ކުރުމުގެ ސަބަބުން އެތައް ބަޔަކު މަރާއި ކުރިމަތިލާން ޖެހެއެވެ. މި ތެރަޕީތައް ކާމިޔާބު ވުމަކީ އެއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވެގެންދާނެ ކަމެކެވެ. އެތައް ބައެއްގެ ވޭނާއި ކެކުޅުންތަކަށް ނިމުމެއް ގެނެސްދެވޭނެ ކަމެކެވެ. މި ތެރަޕީތައް ކާމިޔާބުވުމަކީ އެއީ ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމަކަށް ވެގެންދާނެ ކަމެއްކަން ޔަގީނެވެ.

* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރު އައިޝަތު އަނާ މުޙައްމަދުގެ ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.