އިންސާނުންނަކީ އަބަދުވެސް އާ ކަންތައްތައް ދިރާސާކޮށް، އާ ގޮތްތައް ހޯދައި އާ އުފެއްދުންތައް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ބައެކެވެ. މިހާރަކަށް އައިސް އާ އީޖާދުތަކާއި، އުފެއްދުންތަކާއި އަދި އާ ގޮތްތަކުގެ ވާހަކަތަކާއި ޚަބަރުތައް ގެނެސްދޭއިރު މިއީ ނޭނޯޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެކޭ ނުވަތަ މިކަމުގައި ބޭނުންކުރީ ނޭނޯ ޓެކްނޮލޮޖީއޭ ބުނާތީ ވަރަށް ގިނައިން އިވެއެވެ. އެހެންކަމުން ބުނެވޭނީ މިޓެކްނޮލޮޖީއަކީ ކަންކަމުގައި މިހާރު ޢާއްމުކޮށް ބޭނުންކުރާ އެއްޗެއް ކަމަށެވެ. މިހެން މިކަން އޮތް އިރު މިކަމުން ހާމަ ވެގެންދަނީ ސައިންސާއި ޓެކްނޮލޮޖީގެ މިޒަމާނުގައި ނޭނޯ ޓެކްނޮލޮޖީ މިއީ ވަރަށްވެސް ކުރިއަރަމުން އަންނަ ކުރިމަގު އުޖާލާ އެއްޗެއްކަމުގައި ނޫނީ ނުވާނެކަމެވެ. މި ބުނާ ނޭނޯޓެކްނޮލޮޖީ އަކީ ކޮބައިތޯއެވެ؟ އަދި މިކަމުން ލިބޭ ކުރިއެރުންތަކަކީ ކޮބައިތޯއެވެ؟
ދިރާސާ ކުރުމާ، ތަހުލީލު ކުރުމާ، އުފެއްދުންތެރި ކަމުގައި ކުރިއަރަމުން ތަރައްޤީ ވަމުން އަންނަ އެއްދާއިރާ އަކީ ނޭނޯޓެކްނޮލޮޖީ އެވެ. ނޭނޯޓެކްނޮލޮޖީ އަކީ ވަރަށް ކުދި ސައިޒްގެ އެއްޗެހި (އެކިކަންކަމުގައި ބޭނުން ކުރާ އާލާތްތަކާ އެހެނިހެން ތަކެތި) އުފެއްދުމެވެ. އެހެން ގޮތަކަށް ބުނާނަމަ "ނޭނޯ" ސައިޒްތަކުގެ ތަކެތި އުފެއްދުމެވެ. ނޭނޯ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ސައިޒް ތައް ހުންނަނީ 1-100ނޭނޯ މީޓަރު ނުވަތަ އެއަށްވުރެވެސް ކުޑަކޮށްނެވެ.ނޭނޯ މީޓަރު މިއީ މީޓަރެއްގެ އެއްބިލިޔަން ބައިކުޅަ އެއްބައެވެ(1000،000،000/1).ޙަޤީގަތުގައިވެސް ވަރަށް ކުޑަ ނޫންތޯއެވެ. ނޭނޯ ޓެކްނޮލޮޖީގެ އުފެއްދުންތަކުގައި ބޭނުންކުރަނީ ނޭނޯޕާރޓިކްލްސް ތައް އެ އުފެއްދުންތަކަށް ޚާއްސަކޮށް ފައްކާކޮށްގެންނެވެ.
ނޭނޯ ޓެކްނޮލޮޖީގެ އުފެއްދުން ތަކުގެ ސައިޒް ކިތައްމެ ކުޑަނަމަވެސް މި ޓެކްނޮލޮޖީ އިން އެކި އެކި ދާއިރާތަކުގެ އެކި އެކި ކަންކަމުގައި ގެނެސްދޭ ކުރިއެރުންތައް ނުލާހިކު ބޮޑެވެ. އެގޮތުން މިޓެކްނޮލޮޖީގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭ އެއް ދާއިރާއަކީ ސިއްޚީ ދާއިރާއެވެ. މިހާރުވެސް ޓިއުމަރު ފަދަ ތަކެތި ހަށިގަނޑުން ނައްތާލުމަށާއި ބޭސްފަރުވާ ހަށިގަނޑުގެ ވަކި ތަންތަނަށް އަމާޒުކޮށް ފޮނުވަން ނޭނޯޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތައް ދަނީ ހޯދަމުންނެވެ. ޓިއުމަރުތައް ނަގަން ކުރާބޮޑެތި އޮޕަރޭޝަންތަކާއި، ކެންސަރަށް ފަރުވާ ކުރުމަށް ދެވޭ ވޭންދެނިވި ކީމޯ ތެރަޕީ ތަކުގެ ބަދަލުގައި ނޭނޯޓެކްނޮލޮޖީ ބޭނުންކޮށްގެން ފަސޭހަކަމާއި އެކު ފަރުވާ ދެވޭނެ އެވެ. ހަމަ މިއާއި އެކު މިޓެކްނޮލޮޖީ ގެ ސަބަބުން ބަލި ތައް ދެނެގަތުމަށާއި ބަލިތަކަށް ފަރުވާ ދެވޭނެ މާ ފުރިހަމަ ކާމިޔާބު އާލާތްތަކާއި ބޭސްތައް އުފެއްދޭނެ އެވެ. އަދި މިހާރުވެސް ދަނީ މިކަންކަމުގައި ނޭނޯ ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ. އެހެންކަމުން މިކަން ވެގެންދާނީ ސިއްޚީ ދާއިރާއަށް ލިބިގެންދާނެ އަގުނުކުރެވޭވަރުގެ ބޮޑު ކުރިއެރުމަކަށެވެ. ސިއްޚީ ދާއިރާއަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކީ އިންސާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވެގެންދާނެ ކަމެއްކަމާއި މެދު ޝައްކެތް ނެތެވެ.
ނޭނޯޓެކްނޮލޮޖީ އަކީ ތިމާވެށްޓަށް ވެސް ވަރަށް ފައިދާ ކުރާނެ އެއްޗެއް ކަމުގައި ވެއެވެ. އެގޮތުން އިންޑަސްޓްރިއަލްކޮށް ނޭނޯޓެކްނޮލެޖީ ބޭނުންކޮށްގެން ކާރުޚާނާތަކުން އުފައްދާ ކުނީގެ ބާވަތްތަކާއި، ނުރައްކާތެރި ގޭސްތައް މަދުވެގެންދާކަމަށް މާހިރުން ލަފާކުރެއެވެ. ސަބަބަކީ ނޭނޯޓެކްނޮލޮޖީ ބޭނުން ކުރާއިރު އުފެދޭ ކުންޏާ ނުރައްކާތެރި ބާވަތްތައް މަދުވާނެތީއެވެ. ހަމައެއާއެކު ތަޣައްޔަރުވެފައި ހުންނަ ފެނާއި ވައި ސާފުކުރުމައް ވެސް ނޭނޯޓެކްނޮލޮޖީ ބޭނުންކުރެވެއެވެ. ނޭނޯޓެކްނޮލޮޖީ ބޭނުންކޮށްގެން ތަޣައްޔަރު ވެފައިވާ ފެނުގައި ހުންނަ ޖަރާސީމުތައް ނަތްތާލެވޭނެއެވެ. މިއީ ފެން ސާފުފެނަށް ބަދަލު ކުރަން ބޭނުން ކުރާ އެހެން ހުރިހާ އުކުޅުތަކަށްވުރެ މޮޅު، ފަސޭހަ، އަދި ތިމާވެއްޓާ ވެސް ރައްޓެހި ގޮތެކެވެ.މި ނޫންވެސް ތިމާވެއްޓާ ރައްޓެހި ހަކަތައާއި އެހެނިހެން ތަކެތި އުފެއްދޭނެއެވެ.
މިދެންނެވި ދާއިރާތަކުގެ އިތުރުން އިލެކްޓްރޯނިކްސް އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވެސް ތަފާތު އެކި ދާއިރާތަކުގައި އެކި ކަންކަމުގައި ނޭނޯ ޓެކްނޮލޮޖީ ބޭނުންކުރެވޭނެއެވެ. ނޭނޯޓެކްނޮލޮޖީ އަޅުގަނޑުމެންގެ އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ބޮޑެތި ކުރިއެރުންތަކާ އެތައް ތަރައްޤީއެއް ގެނެސް ދޭނެ ކަމުގައި ކަމާ ބެހޭ މާހިރުން ބުނެއެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި ގައުމުތައް މިހާރު ދަނީ ދިރާސާކޮށް، މި ޓެކްނޮލޮޖީ ބޭނުންކޮށް އާ އުފެއްދުންތަކެއް އުފައްދާ، އޭގެ ބޭނުން ހިފިދާނެ އެކި ގޮތްތައް ހޯދަމުންނެވެ. މިޓެކްނޮލޮޖީ އަށް އެހާ ބޮޑު ސަމާލުކަމެއް ދެވިފައި މިވަނީ މިއީ ކުރިމަގު އުޖާލާ، އުއްމީދީ ދާއިރާއަކަށް ވުމުންނެވެ.
* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 ގެ ދަރިވަރު އިބާ އަޙުމަދު ޢަލީ ގެ ލިޔުމެއް.
ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.