މައިކްރޮސޮފްޓް އެކައުންޓްތަކަށް މިހާރު ޕާސްވޯޑް ބޭނުމެއްނުވޭ

ހިންދު ޢަލީ 26 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑިޖިޓަލް ޚިދުމަތްތައް ގިނަވުމާއެކު ޕާސްވޯޑާއި ގުޅިގެން ދިމާވާ ބޮލުގެރިހުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. ކޮންމެ އެކައުންޓަކަށް ވަކި ޕާސްވޯޑެއް ހެދުމާއި އެޕާސްވޯޑުތައް ހަނދާނުގައި ބެހެއްޓުމަކީ ގިނަ ބަޔަކަށް ދަތިކަމެކެވެ. ޕާސްވޯޑުތަކާއި ނުލާ އޮންނާނެ މުސްތަގުބަލަކީ ވަރަށް ގިނަ ބަޔަކު އުންމީދު ކުރާ ކަމެކެވެ. މައިކްރޮސޮފްޓުން މިހާރު މިއެޅި ފިޔަވަޅަކީ މިފަދަ މުސްތަގްބަލަކާއި ދިމާލަށް އެޅި ފިޔަވަޅެކެވެ.

15 ސެޕްޓެމްބަރ 2021އިން ފެށިގެން މައިކްރޮސްފްޓްގެ ހުރިހާ އެކައުންޓްތަކަށް ޕާސްވޯޑާއި ނުލާ ވަދެވޭނެ ފީޗަރ ތަޢާރަފްކޮށްފިއެވެ. މައިކްރޮސްފްޓްގެ އެންޓަރޕްރައިޒް އެކައުންޓަތަކަށް މިއޮޕްޝަން ވަނީ 2021ގެ މާޗު މަހުން ފެށިގެން ހުޅުވާލާފައެވެ. ހުރިހާ އެކައުންޓްތަކަކަށް މިފީޗަރ ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާކަމަށް ސެޕްޓެމްބަރ މަހު ކުރީކޮޅު އިޢުލާނުވެސް ކުރިއެވެ.

މައިކްރޮސޮފްޓުން މަޢުލޫމާތު ދިންގޮތުގައި މިފިޔަވަޅަކީ އެކުންފުނީގެ "ޕާސްވޯޑް-ލެސް ފިޔުޗަރ" ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މައިކްރޮސޮފްޓްގެ ސެކިޔުރިޓީ، ކޮމްޕްލައެންސް އެންޑް އައިޑެންޓިޓީ ކޯޕަރޭޓް ވައިސް ޕްރެސިޑެންޓް ވަސޫ ޖައްކަލް ހާމަކުރި ގޮތުގައި ޕާސްވޯޑާއި ނުލާ ލޮގިން ކުރުމުގެ ސަރވިސް މައިކްރޮސޮފްޓްގެ ހުރިހާ އެކައުންޓްތަކަކަށް މިހާރު ހުޅުވާލެވުނީއެވެ.

ޕާސްވޯޑަކީ މީހެއްގެ އެކައުންޓެއްގެ ރައްކާތެރިކަމަށް ބޭނުންވާ އެންމެ މުހިއްމު އެކައްޗެވެ. އީމެއިލް އެކައުންޓް، ބޭންކް އެކައުންޓް، އޮންލައިން ވިޔަފާރި ކުރުމަށް ނުވަތަ ވީޑިއޯ ގޭމް ކުޅުމަށް ބޭނުންކުރާ އެކައުންޓް ފަދަ ހުރިހާ އެއްޗެއްގައިވެސް ރައްކާތެރިކަމަށް ބޭނުންކުރަނީ ޕާސްވޯޑެވެ. މިފަދަ އެކައުންޓް ގިނަ ވާވަރަކަށް މީހުންނަށް މިތަކެތި ހަނދާނުގައި ބަހައްޓަން އުދަގޫވެއެވެ. އަދި ކޮންމެ އެކައުންޓަކަށް ތަފާތު ޕާސްވޯޑެއް ގެންގުޅުމާއި، ގަވާއިދުން އެޕާސްވޯޑުތައް ބަދަލު ކުރުމަކީ މީހުންނަށް ފަސޭހަކަމެއް ނޫނެވެ.

މިހެން ވުމުން ގިނަ މީހުންގެ އާދައަކަށް ވަނީ ފަސޭހައިން ހަނދާން ކުރަން ފަސޭހަ، އާދައިގެ ޕާސްވޯޑު ބޭނުންކުރުމެވެ. ނުވަތަ އެއް ޕާސްވޯޑެއް ހުރިހާ އެއަކުންޓެއްގައި ބޭނުންކުރުމެވެ. މިހެންހެދުމުން ޕާސްވޯޑުން އެންމެ އެދެވިގެންވާ ރައްކާތެރިކަމެއް ނުލިބެއެވެ. އަދި އެޔާ ޚިލާފަށް ޕާސްވޯޑު ވެގެންދަނީ ވަރަށް ބާރުދެރަ ނިކަމެތި އެއްޗަކަށެވެ. މީގެ ސަބަބުން ގިނަ ފަހަރަށް އަސްލު "ހެކް" ކުރުމަކަށް ވެފައިވަނީ ހަމަ ޕާސްވޯޑު ދިމާކޮށްގެން އެކައުންޓްތަކަށް ވަދެގަތުމެވެ. ޖައްކަލް ހާމަކޮށްފައިވާ ގޮތުގައި ސިކުންތެއްގެ ތެރޭގައި ޕާސްވޯޑް ބްރޭކް ކުރުމުގެ 579 ހަމަލާ ރެކޯޑު ކުރެވިފައިވެއެވެ. އޭގެ މާނައަކީ އަހަރަކު 18 ބިލިއަން އެޓޭކެވެ.

މައިކްރޮސޮފްޓް އެކައުންޓްތަކުގައި ޕާސްވޯޑާއި ނުލާ ކުރިއަށް ދިޔުމަށް ހަދަން ޖެހޭ ގޮތް

1- މައިކްރޮސޮފްޓް އޯތެންޓިކޭޓަރ އެޕް އިންސްޓޯލްކުރުން އަދި މިއެޕްގައި މައިކްރޮސޮފްޓް އެކައުންޓް ލިންކްކުރުން. އަދި އޯތެންޓިކޭޓަރ އެޕުގެ ނޮޓިފިކޭޝަން އޮންކުރުން.

2- މައިކްރޮސޮފްޓް އެކައުންޓަށް ސައިން-އިން ކުރުން. އެއަށްފަހު އެކައުންޓްގެ އެޑްވާންސް ސެކިޔުރިޓީ އޮފްޝަނަށް ގޮސް، އެޑިޝަނަލް ސެކިޔުރިޓީއިން ޕާސްވޯޑް-ލެސް އެކައުންޓް އޮންކުރުން.

3- އެއަށްފަހު ފެންނަ ސްކްރީން ޕްރޮމްޓްތަކުގައި ކުރިއަށްގޮސް އެޕްރޫވް ކޮށްލުން. މިފަދައިން ސެޓިންގ ހުއްދަދީ ނިމުމުން ތިރީގައިވާ ފަދަ މެސެޖެއް ފެންނާނެއެވެ.

މި ސްޓެޕްތައް ފުރިހަމަކުރުމުން ދެން މައިކްރޮސޮފްޓް އެކައުންޓަށް ވަންނަން ޕާސްވޯޑުޖަހާކަށް ނުޖެހޭނެއެވެ. މިފީޗަރ އޮން ކުރުމަށްފަހު ދެން އެކައުންޓަށް ލޮގިން ކުރެވޭނީ ފޯނަށް ނުވަތަ އީމެއިލަށް ލިބޭ ވެރިފިކޭޝަން ކޯޑެއް ބޭނުންކޮށްގެނެވެ.

އެކައުންޓް ބޭނުންކުރާ ފަރާތުން ބޭނުންނަމަ އަލުން ޕާސްވޯޑު ބޭނުންކުރާ ގޮތަށް ވެސް ސެޓިން ބަދަލުކުރެވޭނެއެވެ. އެހެން ނަމަވެސް "ޕާސްވޯޑް-ލެސް" ތަޖުރިބާ ކުރާ ފަރާތްތަކުން އަނބުރާ ކުރީގެ ގޮތަށް ދާން ބޭނުން ނުވާނެ ކަމަށް އެކުންފުނިން ޔަގީންކަންދެއެވެ.

ގޫގުލް އަދި އެޕަލް ފަދަ ކުންފުނިތަކުންވެސް މިހާރު ދަނީ މިމިސްރާބަށް މަސައްކަތްކުރަމުންނެވެ. ޕާސްވޯޑުގެ މައްޗަށް ބަރޯސާވުން ކުޑަކޮށް، އޭގެ ބަދަލުގައި ޕާސްވޯޑަށްވުރެ ރައްކާތެރި ލޮގިން ޕްރޮސެސްތަކެއް ގެނައުމުގެ މަސައްކަތެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.