ރާއްޖޭގެ ކޮވިޑްސޭފް ޑިޖިޓަލް ޕާސްޕޯޓުގެ ޚިދުމަތް

ހިންދު ޢަލީ 27 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 23 ސެޕްޓެމްބަރ 2021 ވީ ބުރާސްފަތި ދުވަހު ކޮވިޑްސޭފްގެ ނަމުގައި ކޮވިޑް-19 ޑިޖިޓަލް ސޭފްޓީ ސްޓޭޓަސް ބެލުމަށް ޕޯޓަލެއް ތަޢާރަފްކޮށްފައެވެ. ޕޯޓަލްގައި ބުނެފައިވާ ގޮތުން ކޯވިޑްސޭފް.ގަވް.އެމްވީ އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޯވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ޖެނެރޭޓްކޮށްދޭ ޕޯޓަލެވެ. މިނިސްޓްރީއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕޯޓަލުން ޖެނެރޭޓްކުރެވޭ ލިޔުމަކީ ދުނިޔޭގެ ލެވެލްގައި ބަލައިގަންނަ ޑިޖިޓަލް ޕާސްޕޯޓެކެވެ.

ކޮވިޑްސޭފް އިން ރާއްޖޭގައި ރަޖިސްޓަރ ވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް 4 ޚިދުމަތެއް ލިބޭނޭކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވެއެވެ. އެއީ؛

1. ވެކްސިންގެ ޑޯޒުތައް- މިބައިގައި ހިމެނޭނީ މީހާ ޖަހާފައިވާ ވެކްސިން ޑޯޒުތަކުގެ މަޢުލޫމާތެވެ. އޭގެތެރޭގައި ހިމެނެނީ ޑޯޒުގެ އަދަދާއި، ވެކްސިންގެ ބާވަތާއި ކޮންމެ ޑޯޒެއް ޖަހާފައިވާ ތާރީޚެވެ.

2. ކޯވިޑް-19ގެ ސިއްޙީ ހާލަތު - ކޯވިޑަށް ޕޮސިޓިވް ވެފައިވާ މީހާގެ ރެކޯޑުތައް

3. ކަރަންޓީނު ހާލަތު - ކަރަންޓީނުގައި ހުރި މީހެއްނަމަ އެރެކޯޑުތައް

4. އެންމެ ފަހުގެ ކޯވިޑް-19 ޓެސްޓުތަކުގެ ނަތީޖާ - އެންމެ ފަހުން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ.

މައިގަނޑު ގޮތެއްގައި ކޮވިޑްސޭފަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ބޭނުން ކުރެވޭނެ ރަސްމީ ޑިޖިޓަލް ސެޓްފިކެޓެކެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އެހެން ގައުމުތަކަށް ވަނުމުގެ ކުރިން މީހާއަކީ ހުރިހާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހެއްކަން ކަށަވަރު ކޮށްދިނުމެވެ. ނުވަތަ ފަހުގެ ޕީސީއާރު ނެގަޓިވް ޓެސްޓެއް ހަދާފައިވާކަން ކަށަވަރު ކޮށްދިނުމެވެ. މިޑިޖިޓަލް ޕާސްޕޯޓު ދެއްކުމުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިތުރު އެއްވެސް ފިޒިކަލް ލިޔުމެއް ދެން ބޭނުމެއް ނުވާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ.

މި ޕޯޓަލުން ފެންނާނީ އެޗްޕީއޭގެ ޑިޖިޓަލް ސިސްޓަމްތަކުގައި ރައްކާކުރެވިފައިވާ މަޢުލޫމާތެވެ. އެއްވެސް ފަރާތެއްގެ މަޢުލޫމާތު ސިސްޓަމްގައި ހުރި ގޮތް ރަނގަޅު ނޫންނަމަ ވީހާވެސް އަވަހަކަށް އެކަމެއް ރަނގަޅުކުރުމަށް، އެޗްޕީއޭއަށް ގުޅުއްވާ މަޢުލޫމާތު ދެއްވުމަށް އެއިދާރާއިން ވަނީ އެދިފައެވެ.

މިޕޯޓަލް މެދުވެރިކޮށް އެމީހަކު ބޭނުންވާ އެހެން ފަރާތްތަކާއި މަޢުލޫމާތު ހިއްސާ ވެސް ކުރެވެއެވެ. މިސިސްޓަމުގައި ޒާތީ މަޢުލޫމާތުގެ ގޮތުގައި ހިމެނިފައިވަނީ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރެވެ. ބޭނުންނަމަ ޒާތީ މަޢުލޫމާތު ނުހިމަނާ، ހަމަ އެކަނި ވެކްސިންގެ ސްޓޭޓަސް އެކަނިވެސް ހިއްސާކުރެވެއެވެ. އެގޮތަށް ހެދުމުން ހިއްސާކުރެވޭނީ ވެކްސިންގެ މަޢުލޫމާތުގެ އިތުރުން މީހާގެ ނަމާއި އުފަން ދުވަހެވެ.

މިހިއްސާ ކުރާ މަޢުލޫމާތު ޕޯޓަލުން ފެންނަނީ ކިޔުއާރް ކޯޑެއްގެ ގޮތަށެވެ. ބޭނުންނަމަ ކިޔުއާރު ކޯޑުގެ ފޮޓޯއެއް ނުވަތަ ޕޯޓަލްގެ ލިންކެއް ގޮތަށްވެސް މަޢުލޫމާތު ހިއްސާކުރެވެއެވެ. އޭގެ އިތުރުން އެމަޢުލޫމާތު ޕްރިންޓްކުރުމުގެ އޮޕްޝަންވެސް ލިބެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިމަޢުލޫމާތު ހިއްސާކުރުމުގައި ވަކި މުއްދަތެއްގެ ތެރޭގައި އެކަނި ބެލޭނޭގޮތް ހެދުމެވެ. އެންމެ ކުޑަކޮށް 5 މިނެޓް، ދެން 30 މިނެޓް، 24 ގަޑިއިރު އަދި ގިނަވެގެން 3 ދުވަހުގެ މުއްދަތަށް މަޢުލޫމާތު ޝެއަރ ކުރެވެއެވެ. އެމުއްދަތައް ފަހު ޝެއަރކުރި ލިންކް ނުވަތަ ކޯޑެއް ބޭނުމެއް ނުކުރެވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ކަށަވަރު ކުރުމަށް ޑިޖިޓަލް އެޕްތައް ބޭނުންކުރެއެވެ. މިސާލަކަށް ޔޫކޭގައި ބޭނުންކުރާ އެންއެޗްއެސް ކޮވިޑް ޕާސް އެޕް އަދި ޔޫރަޕްގެ އީޔޫ ކޮވިޑް ޓްރެވަލް ޕާސް ހިމެނެއެވެ.

ޔޫކޭގެ އެންއެޗްއެސް ކޮވިޑް ޕާސް ބޭނުންކޮށްގެން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ޔޫކޭ ތެރޭގައި އަދި ބޭރުގައިވެސް ދަތުރުކުރެވެއެވެ. 30 ގައުމަކުން މިޕާސް ބަލައިގަނެއެވެ.

މިއަހަރުގެ ޖުލައި 1 އިން ފެށިގެން ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމެއްގައި މިޕާސް ދޫކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އީޔޫގެ ކޮވިޑް ޑިޖިޓަލް ސެޓްފިކެޓް ސިސްޓަމްއިން ތިން ބާވަތެއްގެ ސެޓްފިކެޓް ދޫކުރެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި، ޕީސީއާރު ޓެސްޓު ނެގެޓިވްވާ މީހުންނާއި އަދި ކޮވިޑް ޖެހި، ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވަކި ސެޓްފިކެޓްތައް ދޫކުރެއެވެ. އީޔޫ ޕާސްގައި ކިއުއާރު ކޯޑަކާއި އެކު އިތުރު ވެރިފިކޭޝަން ލެވެލްއަކަށް ޑިޖިޓަލް ސިގްނޭޗަރ ވެސް ހިމަނާފައިވެއެވެ.

މާރޗްމަހު ޗައިނާއިންވެސް ވަނީ ޑިޖިޓަލް ހެލްތް ސެޓްފިކެޓްއެއް ޗައިނާ ރައްޔިތުންނަށާއި އެގައުމުގައި އުޅޭ ބިދޭސީންނަށް ދޫކުރަން ފަށާފައެވެ. އަދި މިހާރު ޗައިނާއިން ދަނީ މިސެޓްފިކެޓް ގިނަ ގައުމުތަކެއްގައި ބަލައިގަތުމާގުޅޭ މަޝްވަރާތައް ކުރަމުންނެވެ.

ޑަބްލިޔު.އެޗް.އޯ އިންވަނީ ކޮވިޑް-19 އާއި ގުޅިގެން ތައްޔާރުކުރާ ވެކްސިން ސްޓޭޓަސް އަންގައިދޭ ޑިޖިޓަލް ޑޮކިޔުމެންޓް ތައްޔާރުކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް އެކުލަވާލާ ގައިޑެންސް ޑޮކިޔުމެންޓެއް ނެރެފައެވެ. މިޑޮކިޔުމަންޓްގައި މިފަދަ ސިސްޓަމްތައް ތައްޔާރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުން ޕްރޮސެސް ޑިޒައިންކުރުމުގައި ވިސްނަންވީ ކަންތައްތަކާއި ސިސްޓަމުން ނަގާ ޑޭޓާގެ ޕްރައިވަސީއާއި މީހުންގެ މަޢުލޫމާތު ރައްކާތެރި ގޮތުގައި ބޭނުން ކުރުމަށްޓަކައި ބަލަންޖެހޭ މައިގަނޑު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެއީ ޑޭޓާ ޕްރޮޓެކްޝަން ގާނޫނު/ގަވާއިދު ފަދަ ލީގަލް ފްރޭމްވޯކް ނެތް ގައުމުތަކުންވެސް ބަލައިގަނެވޭނެ ޢާންމު ކަންތައްތަކެއް ކަމުގައި އެޑޮކިޔުމަންޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގައި ވާގޮތުން މިފަދަ ޑިޖިޓަލް ޑޮކިޔުމެންޓެއްގެ 2 ބޭނުމެއް ކުރެވިދާނެއެވެ. އެއީ ވެކްސިނޭޝަން ހާލަތު ދެނެގަތުމާއި ބަލިވެއްޖެނަމަ އިތުރު ފަރުވާދިނުމަށް ބޭނުންވާނެ މަޢުލޫމާތު ދެނެގަތުމެވެ. އަދި މިޑޮކިޔުމަންޓްގައި ފާހަގަ ކުރާ މުހިއްމު އަނެއް ނުކުތާއަކީ ޑިޖިޓަލް ޑިވައިޑް ކުޑަކުރުމުގެ މަގުސަދުގައި މިފަދަ ސެޓްފިކެޓްތައް އޯފްލައިންކޮށްވެސް ބޭނުންކުރެވެން ޖެހުމެވެ. ރާއްޖޭގެ ކޮވިޑްޕާސް ސިސްޓަމުން ޕްރިންޓްކުރުމުގެ އޮޕްޝަން ލިބެއެވެ.

މިލިޔުމުގައި މިފަދަ ޑިޖިޓަލް ސެޓްފިކެޓްތަކުގައި ހުންނަންޖެހޭ މަޢުލޫމާތުތައް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ވެކްސިންގެ ނަން، ބްރޭންޑް، ބެޗް ނަންބަރު، ވެކްސިން ޖެހި ތާރީޚް، ޑޯޒް ނަންބަރު، ވެކްސިން ޖެހި ގައުމު، އަދި ވެކްސިން ޖެހި ސެންޓަރު، މިއީ ކޮންމެހެން ހުންނަން ޖެހޭ މަޢުލޫމާތުކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އޮޕްޝަނަލް އަދި ރިކޮމެންޑެޑް އިތުރު މަޢުލޫމާތުތަކެއް ހިމެނެއެވެ. ރާއްޖޭގެ ކޮވިޑްޕާސްގައި ހިމެނެނީ މިޑޮކިޔުމެންޓްގައި ބުނެފައިވާ، ކޮންމެހެން ހުންނަންޖެހޭ މަޢުލޫމާތުގެ ތެރެއިން ބައެއް މަޢުލޫމާތެވެ.

ބައެއް ފަރާތްތަކުން މީގެ ކުރިންވަނީ އެޗްޕީއޭގެ ސިސްޓަމުގައި ހިމެނޭ މަޢުލޫމާތަކީ އެންމެ އަދާހަމަ މަޢުލޫމާތު ނޫންކަމަށާއި އަދި ދާދިފަހުން ދަތުރުކުރެވޭ ގޮތަށް ހުޅުވާލުމާއެކު ފޭކް ލިޔުންތައް ގެންގުޅޭކަމަށާއި އެޗްޕީއޭގެ ސިސްޓަމްގައިވެސް މިފަދަ ފޭކް މަޢުލޫމާތު ހިމެނޭކަމުގެ ޝަކުވާކޮށްފައެވެ. އެހެންކަމުން މިފަދަ ފޭކް މަޢުލޫމާތު ނުހިމެނޭކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ކޮވިޑް ޕާސްގައި އިތުރު ވަރުގަދަ ސެކިޔުރިޓީ ފީޗާރސްތައް ހިމެނުން މުހިއްމެވެ. އީޔޫގެ ޕާސްގައި ބޭނުންކުރާ ފަދައިން ޑިޖިޓަލް ސިގްނޭޗަރ ހިމެނުމަކީ މިފަދަ ފޭކް ސެޓްފިކެޓް އުފެއްދުމުން ރައްކާތެރިކޮށްދެވިދާނެ އަދި ކޮވިޑްޕާސްގެ އިތުބާރު އިތުރުކޮށްދޭނެ ކަމެކެވެ. އަދި ޕާސް ދޫކޮށްފައިވާ ފަރާތް ކަށަވަރު ކޮށްދިނުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވެސް ވާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.