މިލިއަނެއްހާ ފޯނަށް ހިދުމަތްދިނުން ގޫގަލްއިން ހުއްޓާލައިފި

އިސްމާއިލް އަލީ 28 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ބޭނުންކުރާ މިލިއަނަކަށްވުރެ ގިނަ ފޯނުތަކަށް އެކުންފުނީގެ މެޕްސް، ޔޫޓިއުބް އަދި ޖީމެއިލް އެޕލްކޭޝަންތަކުގެ ހިދުމަތް ދިނުން ހުއްޓާލަންވަނީ ނިންމާފައިއެވެ.

އެގޮތުން ފޯނުތައް އަޕްޑޭޓްކޮށްގެން ނުވަތަ އައު ފޯނެއް މެދުވެރިކޮށް މެނުވީ 26 ސެޕްޓެމްބަރުން ފެށިގެން ގޫގަލްގެ މި ހިދުމަތްތައް ބޭނުންނުކުރެވޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ގޫގަލްގެ މި ނިންމުން ހާމަކޮށްފައިވަނީ އެކުންފުނީގެ ވެބްސައިޓްގައި އާންމުކުރި ކުރު ލިޔުމަކުންނެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިހާރު މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތައާރަފްކުރި އެންޑްރޮއިޑް 2.3 ބޭނުންކުރަމުންދާ ފަރާތްތަކަށް ގޫގަލް އެކައުންޓް ބޭނުންކޮށްގެން ސައިން އިން ވުމުގެ ފުރުސަތު ހުއްޓުވުމަށެވެ.

ގޫގަލްއިން މީގެ ކުރިންވެސް ވަނީ އެކުންފުނިން އެންޑްރޮއިޑަށް އަލަށް ތައާރަފްކުރާ އަޕްޑޭޓްތަކާއިއެކު ކުރީގެ ވާޝަންތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓާލާފައިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވަނީ މި ނިންމުމަކީ އެކުންފުނީގެ ކަސްޓަމަރުންގެ ސަލާމަތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ގޫގަލްއިން އެކުންފުނީގެ އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ވާޝަން އެންޑްރޮއިޑް 11 އާއި އެންޑްރޮއިޑް 2.3 އާއިދެމެދު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން އެންޑްރޮއިޑް 2.3 އާއި ގޫގަލްގެ އޮޕަރޭޓިން ސިސްޓަމް ތަކުގެ ކުރީގެ ވާޝަންތަކަކީ މިހާރު ހެކަރުންނާއި ބަގްސްގެ އުދަނގޫ ގިނަ އޯއެސްތަކެކެވެ.

އެހެންކަމުން ގޫގަލްއިން ވަނީ އެންޑްރޮއިޑް 2.3 ބޭނުންކުރާ ޑިވައިސްތަކުން ގޫގަލް ޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓްސް ހެދުން ފެބްރުއަރީ 2017 އިން ފެށިގެން ހުއްޓާލާފައިއެވެ. މީގެ އިތުރުން ގޫގަލްގެ މިއައު ނިންމުމާއިއެކު ސެޕްޓެމްބަރ 26 އިން ފެށިގެން އެންޑްރޮއިޑް 2.3 ބޭނުންކުރާ ޑިވައިސްތަކުން ގޫގަލް އެކައުންޓަކަށް ލޮގިންއެއް ނުކުރެވޭނެއެވެ.

ސޮނީ އެކްސްޕީރިއާ އެޑްވާންސް، ލެނޯވޯ ކޭ800، ސޮނީ އެކްސްޕީރިއާ ގޯ، ވޮޑަފޯން ސްމާޓް 2، ސެމްސަންގ ގެލެކްސީ އެސް2، ސޮނީ އެކްސްޕީރިއާ ޕީ، އެލްޖީ ސްޕެކްޓްރަމް، ސޮނީ އެކްސްޕީރިއާ އެސް، އެލްޖީ ޕްރާޑާ 3.0، އެޗްޓީސީ ވެލޯސިޓީ، އެޗްޓީސީ އީވޯ 4ޖީ އަދި މޮޓޮރޯލާ އެކްސްޓީ532 އަކީ މިހާރުވެސް އެންޑްރޮއިޑް 2.3 ބޭނުންކުރާ ޑިވައިސްތަކެވެ. އެހެންކަމުން މި ނިންމުމާއިއެކު ގޫގަލްގެ ހިދުމަތްތައް މި ޑިވައިސްތަކަށް ނުލިބޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.