އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ޑިޕްރެޝަން އާއި އެންޒައިޓީ ހުރި މިންވަރު ދެނެގަނެވޭނެ ފީޗާއެއް އުފެއްދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ. އެގޮތުން އެކުންފުނިން ގަބޫލުކުރާ ގޮތުގައި އައިފޯނުގައި މި ފީޗާ ހިމަނައިގެން މި ބަލިތަކާއި ބެހޭ މައުލޫމާތު އެއްކުރެވޭނެއެވެ.
މިކަމަށްޓަކައި އެޕަލްއިން ވަނީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ލޮސް އެންޖެލިސް އާއި ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިއެވެ. އެ ޔުނިވާސިޓީއަކީ ސްޓްރެސް، ޑިޕްރެޝަން އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ތަފާތު އެކި ދިރާސާކުރާ ޔުނިވާސިޓީއެކެވެ. މީގެ އިތުރުން މި މަސައްކަތުގައި ކޮގްނިޓިވް އިމްޕެއާމެންޓް އާއި ގުޅޭ ދިރާސާކުރާ ކުންފުންޏެއްކަމަށްވާ ބަޔޯގެންވެސް ބައިވެރިވާނެއެވެ.
އެޕަލްއިން ގަބޫލުކުރާ ގޮތުގައި އެކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުގެ ހެލިފެލިވުމާއި، ޖިސްމާނީ ހަރަކާތްތަކާއި، ނިދީގެ މައުލޫމާތާއި، ޓައިޕް ކުރާގޮތާއި އަދިވެސް އެހެނިހެން މައުލޫމާތު މެދުވެރިކޮށް އެފަރާތްތައް ޑިޕްރެޝަން އާއި އެންޒައިޓީ އަދި މިފަދަ އެހެނިހެން މައްސަލަތައް ހުރިތޯ ދެނެގަނެވިދާނެއެވެ. މިކަމަކީ އެކުންފުނިން ސިއްހީ ދާއިރާގެ އެކި މަސައްކަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއަށް އިތުރުވާ ބޮޅެކެވެ.
އެޕަލްއިން އާންމުކޮށް އެކުންފުނީގެ ކަސްޓަމަރުންގެ ސިއްހީމައުލޫމާތު އެއްކުރުމަށް ބަރޯސާވެފައިވަނީ އެޕަލް ވޮޗްއަށެވެ. އެގޮތުން އެޕަލް ވޮޗް އަކީ ހިތުގެ ވިންދު އަދި ފިޓްނެސް އާއި ބެހޭ އެކިމައުލޫމާތު އެއްކުރުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ. އެހެންކަމުން އައިފޯނަކީ މިކަމަށް މީގެ ކުރިން ވިސްނައިގެން އުފައްދާފައިވާ ޑިވައިސްއެއް ނޫނެވެ. ނަމަވެސް މި ރިސާޗްގައި މައިގަނޑު ގޮތެއްގައި ބަރޯސާވާނީ އައިފޯނުން އެއްކުރެވޭ މައުލޫމާތަށެވެ.
އެގޮތުން މިއަހަރު ޔުނިވާސިޓީ އޮފް ކެލިފޯނިއާ ލޮސް އެންޖެލިސް އިން ކުރިއަށްގެންދާ ތަހުލީތަކުގައި އައިފޯނު ބޭނުންކުރާ 3000 މީހުން ވޮލަންޓިއާކުރާނެއެވެ. މިއާއެކު ބަޔޯގެންގެ ތަހުލީލުތަކުގައި ކުރިއަށްއޮތް ދެއަހަރު ތެރޭގައި 20،000 ވޮލަންޓިއަރުން ބައިވެރިވާނެއެވެ. މި މަސައްކަތަކީ ޒާތީ މައުލޫމާތާއި ގުޅޭ ކަމަކަށްވުމުން އެޕަލްއިން އެއްވެސް ވަރަކަށް މި ދިރާސާގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު އެޕަލްގެ ސާވާތަކުގައި ރައްކާނުކުރާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް