އިންޑިއާއާއި ސިންގަޕޫރުގެ ޑިޖިޓަލް ޕޭމަންޓުތައް ގުޅާލަނީ

ޝުޖާޢަތު ރަޝީދު 30 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލްކޮށް ޕޭމަންޓު ހެދުން މިހާރު މިވަނީ ގިނަވެފައިކަން ޔަޤީނެވެ. އެހެންނަމަވެސް އެކި ޤައުމުތައް މެދުގައި މިކުރާ ޑިޖިޓަލް ޓްރާންސެކްށަންތަކަކީ ގިނަ މީހުންނަށް މާ ފަސޭހަކަމަކަށް ނުވެއެވެ.

އިތުރަށް ފަސޭހަކޮށް، އަގުހެޔޮކޮށް މިފަދަ ޓްރާންސެކްށަންތައް ހެދުމަށްޓަކައި އިންޑިއާއާއި ސިންގަޕޫރުގެ ޑިޖިޓަލް ޕޭމަންޓުތައް ގުޅާލުމަށް މި ދެޤައުމުން މިވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫ.ޕީ.އައި) އާއި ސިންގަޕޫރުގެ ޕޭނައު ގުޅާލުމަށް ކުރެވެމުންދާ މަސައްކަތެކެވެ. މިހާރުވެސް އިންޑިއާއާއި ސިންގަޕޫރު ދެމެދުގައި ކޮންމެ އަހަރަކު 1 ބިލިއަން ޑޮލަރަށްވުރެން ގިނަވާ އަދަދަކަށް ޑިޖިޓަލް ޕޭމަންޓްތައް ހަދައެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ޖުލައި 2022 ގައެވެ. މި ޕްރޮޖެކްޓް ނިމުމުން، ޔޫ.ޕީ.އައި އަދި ޕޭނައު ބޭނުންކުރާ މީހުންނަށް އިތުރު ޕްލެޓްފޯމަކަށް ރަޖިސްޓާނުކޮށް ފަސޭހަކަމާއެކީ ޑިޖިޓަލް ޕޭމަންޓުތައް އަގުހެޔޮކޮށް ހެދޭނެއެވެ.

ޔޫ.ޕީ.އައި ޓްރާންސެކްޝަންތައް 2020 ގައި

މީގެއިތުރަށް، މި ޕްރޮޖެކްޓް ނިމުމުން ސިންގަޕޫރާއި އިންޑިއާ ދެމެދުގައި ކުރެވޭ ފަންޑް ޓްރާންސްފާތައް މޮބައިލް ފޯނު ނަންބަރު ބޭނުންކޮށްގެން ކޮށްލެވޭނެކަމަށް ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީއިން ބުނެފައިވެއެވެ.

އިންޑިއާއާއި ސިންގަޕޫރު ދެމެދުގައި ކުރެވޭ ފަންޑް ޓްރާންސްފާގެ ޓްރާންސެކްށަންތައް ކުރެވޭނީ ޔޫ.ޕީ.އައިގެ ވާޗުއަލް ޕޭމަންޓް އެޑްރެސް (ވީ.ޕީ.އޭ) ބޭނުންކޮށްގެންނެވެ. މިއީ ސިންގަޕޫރު އެތެރޭގައި ޑޮމެސްޓިކްކޮށް ކުރެވޭ ޑިޖިޓަލް ޓްރާންސްފާއާއި އެއްގޮތެއްކަމުގައިވެސް ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީއިން ބުނެއެވެ.

މި ޕްރޮޖެކްޓަކީ ޖީ-20ގެ ފައިނޭންޝަލް އިންކުލޫޝަން ގޯލް ހާސިލްކުރުމަށް އެހީވެދޭނެ ކަމެއްކަމުގައި އިންޑިއާގެ ސެންޓްރަލް ބޭންކުން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސަކީ ރީޓެއިލް ބޭންކުތަކުން އެއްވެގެން އުފައްދައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް ބޭނުންކުރާތާ މިހާރު ގާތްގަނޑަކަށް 5 އަހަރު ވެދާނެއެވެ.

މި ސިސްޓަމަކީ އިންޑިއާގެތެރޭގައްޔާއި އަދި އެޤައުމުން ބޭރުގައި ވަރަށް ގިނަ ފާމްތަކުން ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ. މިހާރުވެސް ގޫގަލްއާއި ފޭސްބުކުން މި ޚިދުމަތުގެ އެހީގައި ދުވާލެއްގެ މައްޗައް 3 ބިލިއަނާއި ގާތްކުރާ އަދަދަކަށް ޓްރާންސެކްށަންތައް ހަދަމުންދެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.