އިމްތިހާނުގައި މަކަރުހެދުން ހުއްޓުވަން އިންޓަނެޓް ކަނޑާލަފި

އިސްމާއިލް އަލީ 30 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓީޗަރުން ވަޒީފާއަށް ނެގުމުގެ ކުރިން ބާއްވާ އިމްތިހާނެއްގައި މަކަރުހެދުން ހުއްޓުވުމަށްޓަކައި އިންޑިއާގެ ސްޓޭޓަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފިއެވެ. މި ކަމާއި ގުޅިގެން 12 ގަޑިއިރަށް ގާތްގަނޑަކަށް މިލިއަނެއްހާ ރައްޔިތުންނަށް ވަނީ އިންޓަނެޓް ނުލިބި ބައެއް ޒަރޫރީ ހިދުމަތްތަކަށް ބުރޫއަރާފައިއެވެ. އެގޮތުން ރާޖަސްތާނުގައި މިދިޔަ އާދީއްތަ ދުވަހު އިންޓަނެޓް ކަނޑާލުމުގެ ސަބަބުން ފޭސްބުކް، ވަޓްސްއެޕް އަދި ޓްވިޓާފަދަ ޕްލެޓްފޯމްތައް އެއްވެސް ވަރަކަށް ބޭނުންނުކުރެވެއެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ފައިސާ ދެއްކުމާއި ގެގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ގިނަބަޔަކު ވަނީ ޝަކުވާ ކޮށްފައިއެވެ.

އެ ސްޓޭޓްގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އިންޓަނެޓް ކަނޑާލަންޖެހުނީ ސްޓޭޓްގެ ސުލްހަ މަސަލަސްކަން ޔަގީންކޮށް ގާނޫނު ތަންފީޒުކުރުމަށް ފަސޭހަކުރުމަށާއި ރާޖަސްތާން އެލިޖިބިލިޓީ އެގްޒޭމް ފޯ ޓީޗާސްގައި މަކަރުހެދުން ހުއްޓުވުމަށެވެ. މި އިމްތިހާނަކީ ސަރުކާރު ސްކޫލަކުން ވަޒީފާ ހޯދުމަށް ބޭނުންވާ ފަރާތްތައް ކޮންމެހެންވެސް ފުރިހަމަކުރުން މަޖުބޫރު އިމްތިހާނެކެވެ. 2018 ވަނަ އަހަރަށް ފަހު އަލަށް މިއިމްތިހާނު މިފަހަރު ބޭއްވުމާއިއެކު 1.6 މިލިއަން ފަރާތުން ވަނީ މި އިމްތިހާނުގައި ބައިވެރިވެފައިއެވެ.

އިންޑިއާގައި އިމްތިހާނުތަކުގައި މަކަރުހެދުމަކީ ވަރަށް އާންމުކަމެކެވެ. އެހެންކަމުން އިންޓަނެޓް ކަނޑާލުމުގެ އިތުރަށް އިމްތިހާނު މަރުކަޒުތަކުގައި ވީޑިއޯ ކެމެރާހަރުކުރެވި އެމަރުކަޒުތައް ވަނީ ބެލެހެއްޓިފައިއެވެ. ނަމަވެސް މިއާއެކުވެސް ފޮރުވާފައިވާ ބްލޫޓޫތް ޑިވައިސްތަކެއް ފައިވާނުގައި ފޮރުވައިގެން ފޯނުކޯލު މެދުވެރިކޮށް މަކަރުހަދަން އުޅުނު 10 ފަރާތް ރާޖަސްތާނުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައިއެވެ.

މިއީ މިފަދަ އިމްތިހާނެއްގެ ކުރިން އެސްޓޭޓުން އިންޓަނެޓް ކަނޑާލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2018 ވަނައަހަރު ފުލުހުންގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނެއްގެ ކުރިންވެސް އެސްޓޭޓުން ވަނީ އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިއެވެ. މީގެ އިތުރުން އިންޑިއާ އަކީ އިންޓަނެޓްގެ ހިދުމަތް އާންމުކޮށް އެކި ސަބަބުތަކާއި ހެދި ކަނޑާލާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2019 ވަނަ އަހަރު އެގައުމުން ވަނީ ކަޝްމީރުގެ ސްޓޭޓް ސަރުކާރުގެ ބާރުތައް ހަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން އެ ހިސާބުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިއެވެ.

6.6 މިލިއަން މީހުން ދިރިއުޅޭ ރާޖަސްތާނުގެ ވެރިކަންކުރާ ޖައިޕޫރުގެ ސަރުކާރުން ވަނީ އާދީއްތަ ދުވަހު އިންޓްނެޓް ހިދުމަތް ނުލިބުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް ވިޔަފާރިތައް ބަންދުކުރުމަށްވެސް ގޮވާލާފައިއެވެ. އިންޓަނެޓް ނުލިބުމުގެ ސަބުން 90،000 އާއި ގާތްކުރާ އަދަދަކަށް ވިޔަފާރިތައް ހުއްޓާލަން ޖެހުނުކަމަށް އެސްޓޭޓްގެ ޓްރޭޑް ފެޑެރޭޝަންއިން ވަނީ ހާމަކޮށްފައިއެވެ. މިއީ ގާތްގަޑަކަށް 13 މިލިއަން ޑޮލަރުގެ ވިޔަފާރިކަމަށްވެސް އެ ފެޑެރޭޝަނުންވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.