ގެއެއް ސްމާޓް ކުރުމަށް މުހިންމު ޓެކްނޮލޮޖީތަކެއް

ޝުޖާޢަތު ރަޝީދު 01 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްމާޓް ޓެކްނޮލޮޖީ އަމިއްލަ ގޭގައި ބޭނުންކުރުމަކީ ދިރިއުޅުމުގެ ކަންތައްތައް އޮޓޮމޭޓްކޮށް އެތަކެއް ފަސޭހަތަކެއްވާނެ ކަމެކޭ ބުނެވިދާނެއެވެ.

ސްމާޓް ހޯމް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ޑިވައިސްތައް ބޭނުންކޮށްގެން ނިދި ޓްރެކްކޮށް، މިއުޒިކް އަޑުއަހާލައި، ލައިޓްތައް ނިއްވާލަން ނުވަތަ ދޮރުފޮތި ބަންދުކޮށް ހެދެއެވެ.

މިހާމަކޮށްލަނީ ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ގެ ސްމާޓް ކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޑިވައިސްތަކެވެ.

1- ސްމާޓް އެނދު

މިއީ ވަރަށް ހައިރާންވާ އައު އުފެއްދެމުން އަންނަ ޓެކްނޮލޮޖީގެ އެހީގައި ހެދިފައިވާ އެއްޗެކެވެ. މިހާރު މާކެޓުގައި ހުރި ބައެއް ސްމާޓްބެޑް އެލެކްސާ ނުވަތަ ގޫގަލް އެސިސްޓަންޓާއެކު ފަސޭހައިން އިންޓަގްރޭޓް ކޮށްލެވިދާނެއެވެ.

އެނދު ބޭނުންވަރަކަށް ހަމަޖައްސައިލުމަށް ވޮއިސް ކޮމާންޑްވެސް މީގެއިން ބައެއް އެނދުތަކުގައި ބޭނުންކޮށްލެވެއެވެ.

މީގެ އިތުރުން ފާހަގަކޮށްލެވެނީ މޮބައިލް އެޕެއް މެދުވެރިކޮށް ފިނިހޫނުމިން ކޮންޓްރޯލްކޮށް، ނިދުމާއި، ހިތުގެ ވިންދު ބަލައި، ރެސްޕިރޭޓަރީ ރޭޓްވެސް މިއެނދުތައް ބޭނުންކުރާ ވަގުތުތަކުގައި ޓްރެކް ކޮށް ބަލާލެވެއެވެ.

ރެސްޓްބެޑް މޮބައިލް އެޕް - ރެސްޓް އެނދަށް ހާއްސަ އެޕް

2 - ސްމާޓް ބާލީސް

ސްމާޓް ބާލީހަކީވެސް އެކި ސައިޒުތަކަށް ލިބެން ހުންނަ ބާލީސްތަކެކެވެ. މިހާރު މާކެޓުގައި ވިއްކަން ހުރި މިފަދަ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ޑިވައިސެއް ހަރުކޮށްފައި ހުންނަ ބާލީސް އުރަވެސް އެބަހުއްޓެވެ.

ކޮންމެ ޑިޒައިނަކަށް ނުވަތަ ވައްތަރަކަށް ވިއްކަން ސްމާޓް ޕިލޯ ހުއްޓަސް ނިދި މޮނީޓާކޮށް، ޕާސަނަލް އޯޑިއޯ ލެވޭގޮތައް ސްމާޓް ޕިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ.

ފާހަގަކުރެވޭ އެއްކަމަކީ ބައެއް ސްމާޓް ޕިލޯތަކަކީ ނިދުމުގެ ޕެޓާން ޓްރެކްކޮށް، ނިދަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން ކަނޑައެޅުމަށް އެކަށީގެންވާ ސްމާޓް ބާލީސްތަކެވެ.

3 - ސްމާޓް ސްޕީކަރު

ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގެއެއް ސްމާޓްކޮށް އޮޓޮމޭޓްކުރުމަށް ބޭނުންކުރެވިދާނެ އެންމެ މަގުބޫލު އެއް ސްމާޓް ޑިވައިސްއަކީ ސްމާޓް ސްޕީކާއެކެވެ.

އެންމެ ފަހުގެ މޫސުން ބަލާލައި، ޙަބަރު އަޑުއަހައި، ލަވަ އަޑުއަހައި އަދި އިންޓަނެޓުގެ އެހީގައި ހޯދާލަން ބޭނުންވާ މަޢުލޫމާތު ހޯދާލުމަށް އެންމެ އެކަށީގެންވާ އެކައްޗަކީވެސް ހަމަ ސްމާޓް ސްޕީކަރެވެ.

ޑިޖިޓަލް އޭއައި އެސިސްޓަންޓަކާއިއެކު މިފަދަ ސްމާޓް ސްޕީކަރު މިހާރު ވިއްކަން އެބަ ހުއްޓެވެ.

މީގެ މަޤުބޫލު ބައެއް ސްޕީކަރުތަކަކީ ގޫގަލް ހޯމް މިނި، އެޕަލް ހޯމް ޕޮޑް، އެމޭޒަން އެކޯ، ސޮނޯސްގެ ވަންއާއި ގޫގަލް ނެސްޓް އޯޑިއޯއެވެ. މިނޫންވެސް އެހެނިހެން ސްމާޓް ސްޕީކަރުތައް ލިބެން ހުންނާނެއެވެ.

4 - ސްމާޓް ލައިޓް

ލައިޓަކީ ކޮންމެ ގަޑިއަކަށްވެސް ގެއެއް ތެރޭގައި ވަރަށް މުހިންމު އެއްޗެކެވެ. ނިދާ ގަޑިއަށް ވަކި އަލިމަޑުކަމެއްގައި، އަދި ކެއުމާއި ކިޔެވުން ނުވަތަ މަސައްކަތްކުރާ ގަޑިއަށްވެސް ވަކި އަލިމަޑުކަމެއްގައި ބޭނުންކުރުމަށް ލައިޓުތައް ގޭގައި ބޭނުންކުރެވެއެވެ.

ސްމާޓް ލައިޓަކީ އަލިމަޑުކަން އެޖަސްޓުކުރުމަށާއި އަދި ލައިޓް ނިއްވައި ދިއްލުމަށް ސްވިޗެއްގެ އެހީ ބޭނުންނުވާ ލައިޓުތަކެކެވެ.

ވަކި އިޝާރާތެއް ކުރުމުން ނުވަތަ ވާހަކަ ދައްކައި ބުނުމުން ސްމާޓް ސްޕީކަރާއި ކަނެކްޓުކޮށް ލައިޓްތައް ކޮންޓްރޯލް ކުރެވެއެވެ.

ގޭމްކުޅޭވަގުތުގައި ނުވަތަ ޓީވީ ބަލާވަގުތުގައި މާހައުލާއި ގުޅުން ހުރިގޮތައް ލައިޓު އޮޓޮމެޓިކްކޮށް ބަދަލުވެ ފޯނުން އެޕެއް މެދުވެރިކޮށް ކޮންޓްރޯލްކުރެވޭ ލައިޓުވެސް މިހާރު ހުރެއެވެ.

ގިނަ ދިރާސާތަކުން ދައްކާގޮތުގައި މިފަދަ އެލްއީޑީ ލައިޓްތައް ބޭނުންކުރުމުން ކަރަންޓުގެ ހަރަދުވެސް ކުޑަވެއެވެ.

5 - ސްމާޓް ދޮރުފޮތި

ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު އަމިއްލަ ވަގުތު ހޭދަކޮށްލުމަށް އެންމެ ޕްރައިވެޓް ތަނަކަށް ވާނީ ދިރިއުޅޭ ގެއެވެ. އެހެން މީހުންގެ ނަޒަރުން ގެއްލި އަރާމު ނިދި ހޯދުމަށް ނުވަތަ ރޭގަނޑުގެ މަސައްކަތައްފަހު ދުވާލު ނިދާލުމަށްވެސް ދޮރުފޮއްޗަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ.

ލަކާގާ އިލެކްޓްރިކް ކާޓެއިން، ރިމޯޓް ކޮންޓްރޯލާއިއެކު

ވަކިވަރެއްގައި ގުދުރަތީ އަލިކަން ބަހައްޓައި ދޮރުފޮތި ކަހާލުމަށް މިހާރު ތެދުވެގެންދާކަށް ނުޖެހެއެވެ. ސްމާޓް ދޮރުފޮތި ހަރުކުރުމުން ނުވަތަ ދޮރުފޮތި ހަރުކޮށް ސްމާޓް ޓެކްނޮލޮޖީއެެއްގެ އެހީގައި އޮޓޮމޭޓް ކުރުމުން ބޭނުން ވަގުތެއްގައި ދޮތުފޮތި ލައްޕައި ހުޅުވައި ދަމާލެއެވެ.

އަޑުގެ އެހީގައި ނުވަތަ ކޮންމެވެސް އިޝާރާތެއް ކޮށްލުމަށްފަހުވެސް މިކަންތައް ފަސޭހައިން ކޮށްލެވެއެވެ.

6 - ސްމާޓް އެއާ ޕިއުރިފަޔާ

ސްމާޓް އެއާ ޕިއުރިފަޔާ ބޭނުންކުރަނީ ގޭތެރޭގެ ވައި ތާޒާކޮށް ބަހައްޓައި، ހިރަފުސް ބޭރުކޮށް ވައިގެ ކޮލިޓީ މަތީގައި ބެހެއްޓުމަށެވެ.

ސްމާޓްމީ އެއާ ޕިއުރިފަޔާ ޕީ1، ޕިއުރިފިކޭޝަން: ހެޕާ

ސްމާޓް އެއާ ޕިއުރިފަޔާއަކީ ހެޕާ ފިލްޓަރާއެކީ ބޭނުންނުވާ ކުދި ޑަސްޓުތަކުގެ 99.9 އިންސައްތަ ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެއިން ނައްތާލާ ބައެއް ހިރަފުހާއި ކުދިކުނީގެ ތެރޭގައި ޕެޓް ޑަންޑާ، ސްމޯކް، އަދި އެހެނިހެން ކުދި އެލާޖިންތައް ހިމެނެއެވެ.

7 - ސްމާޓް ޕްލަގް

ސްމާޓް ޕްލަގްތަކުގެ ސަބަބުން ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކްސް ސްމާޓް ކޮށްލެވިދާނެއެވެ. ސްމާޓް ޕްލަގެއް ހަރުކުރުމުން، ކޮންމެ ޑިވައިސްއެއް ވެސް އެޕެއް މެދުވެރިކޮށް ނުވަތަ ވޮއިސް އެސިސްޓެންޓެއް މެދުވެރިކޮށް ބޭނުންކޮށް ރިމޯޓްކޮށް ކޮންޓްރޯލް ކުރެވޭނެ އެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ސެންސަރު ފަދަ ޓްރިގަރއަކުން އެކްޓިވޭޓް ކުރެވޭނެ ކަންތައްތައް ކުރެވިދާނެ އެވެ. މިސާލަކަށް ރޭގަނޑު ކޮޓަރީގެ ފިނިހޫނުމިން ވަކި ލެވެލްއަކަށް ވުރެ ދަށަށް ވެއްޓިއްޖެ ނަމަ ފަންކާ އޮޓޮމެޓިކުން ޖައްސާލެވިދާނެއެވެ.

ޖީއީ ސީސްޓާ ސްމާޓް ސްވިޗް މޯޝަން ސެންސިން ޑިމާ

ސްމާޓް އައުޓްލެޓްތައް ހުރުމުން ގޭގައި ނުހުންނަ އިރުވެސް ޑިވައިސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޮޅިގެން ކާރލިން އަޔަން އަންޕްލަގް ކުރަން ހަނދާން ނެތިއްޖެނަމަ، މަސައްކަތް ކުރަން ދާ މަގުމަތީގައި ފޯނުން އަވަހަށް ނިއްވާލެވިދާނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.