ގޫގަލްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުންޏާއި ވާދަވެރި މައިކްރޯސޮފްޓްގެ ސާޗް އިންޖީން ބިންގް ގައި އެންމެ ގިނައިން ސާޗްކުރެވޭ ބަހަކީ ގޫގަލްއެވެ. ގޫގަލްއިން މިކަން ހާމަކޮށްފައިވަނީ ޔޫރަޕުގެ އިއްތިހާދުން އެކުންފުނި ޖޫރިމަނާ ކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއްގައިއެވެ.
ޔޫރަޕުގެ އިއްތިހާދުން ގޫގަލް އާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އެންޑްރޮއިޑްގެ ކާމިޔާބީ މެދުވެރިކޮށް ގޫގަލްއިން އެކުންފުނީގެ ސާޗް އިންޖީން ޑިފޯލްޓް ސާޗް އިންޖީނަކަށް ހެދިކަމަށް ބުނެއެވެ. ނަމަވެސް ގޫގަލްއިން ހާމަކުރާ ގޮތުގައި އެކުންފުނީގެ ސާޗް އިންޖީނަކީ ދެންހުރި ސާޗް އިންޖީނުތަކަށްވުރެ މަގްބޫލު ހިދުމަތެކެވެ.
ގޫގަލްގެ ގާނޫނީ ވަކީލުން ޔޫރަޕުގެ ކޯޓެއްގައި ބްލޫމްބާގްއާއި ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި މީހުން ގޫގަލް ބޭނުންކުރަނީ ކަސްޓަމަރުންގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ކަހަލަ މަޖްބޫރުކަމެއް ނެތިއެވެ. މީގެ އިތުރުން އެކުންފުނީގެ ވަކީލުން ހާމަކޮށްފައިވާ ގޮތުގައި އެފަރާތްތަކުން ވަނީ ބިންގް ގައި އެންމެ ގިނައިން ސާޗްކުރެވޭ ބަހަކީ ގޫގަލްކަން އެނގޭ ހެކި ކޯޓަށް ހުށަހަޅާފައިއެވެ. މީގެ އިތުރުން އިންޓަނެޓް ބޭނުންކުރާ މީހުންގެ މެދުގައި ހެދިފައިވާ ސާވޭތަކުން ދައްކާގޮތުގައި 95 އިންސައްތަ މީހުން ހިޔާރުކުރާ ސާޗް އިންޖީނަކީ ގޫގަލްއެވެ.
ޔޫރަޕުގެ އިއްތިހާދުން 2018 ވަނަ އަހަރު ގޫގަލް 5 ބިލިއަން ޑޮލަރުގެ ރިކޯޑު އަދަދަކުން ޖޫރީމަނާ ކޮށްފައިވާއިރު މި މައްސަލައިގެ އިސްތިއުނާފުގައި ގޫގަލްގެ އެންމެ ވަރުގަދަ ރައްދަކީ އެކުންފުނީގެ ސާޗް އިންޖީނު އިންޓަނެޓް ބޭނުންކުރާ މީހުން ހިޔާރުކުރަނީ އެއްވެސް މަޖުބޫރުކަމެއްނެތި އެމީހުންނަށް މަގުބޫލުވީމައެވެ. މީގެ އިތުރުން ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗައި ހާމަކޮށްފައިވާ ގޮތުގައި އެންޑްރޮއިޑްގެ ސަބަބުން އެހެން ވާދަވެރިންނަށްވެސް ވަނީ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިއެވެ.
ނަމަވެސް ޔޫރަޕުގެ އިއްތިހާދުން ހާމަކޮށްފައިވާ ގޮތުގައި ގޫގަލްއިން ވަނީ އެންޑްރޮއިޑް ޑިވައިސްތައް އުފައްދާ ފަރާތްތަކަށް އެކުންފުނީގެ ސާޗް އެޕްލިކޭޝަން އަދި ކްރޯމް ބްރައުޒާ ޕްރީ އިންސްޓޯލް ކުރުމަށް މަޖްބޫރުކޮށްފައިއެވެ. މީގެ އިތުރުން އެކުންފުނީގެ މިހިދުމަތްތަކަކީ ބައެއް ޑިވައިސްތަކުގައި ޕްރީ އިންސްޓޯލް ކުރެވިފައިވާ ހަމައެކަނި އެޕްލިކޭޝަންތަކަށް ހެދުމަށްޓަކައި އެކުންފުނިން ޑިވައިސް އުފައްދާ ފަރާތްތަކަށް މާލީގޮތުން އެހީތެރިވެފައިވެއެވެ. ޔޫރަޕުގެ އިއްތިހާދުގެ ކޮމްޕެޓިޝަން ކޮމިޝަނާ ހާމަކުރާގޮތުގައި މިކަމުގެ ސަބަބުން އެންޑްރޮއިޑް ބޭނުންކުރާ މީހުންގެތެރެއިން އެހެން އެޕްލިކޭޝަންތައް ޑައުންލޯޑް ކުރަނީ އެންމެ 1 އިންސައްތަ މީހުންނެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި