ވިންޑޯޒް ސްޓޯ ތާޑްޕާޓީ އެޕް ސްޓޯތަކަށް ހުޅުވާލައިފި

އިސްމާއިލް އަލީ 04 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓްއިން އެކުންފުނީގެ ވިންޑޯޒް އެޕް ސްޓޯ ތާޑްޕާޓީ އެޕް ސްޓޯތަކަށް ހުޅުވާލައިފިއެވެ. މި ނިންމުމާއިއެކު ކުރިއަށްއޮތް މަސްތަކުގައި މައިކްރޯސޮފްޓް ސްޓޯއިން އެމޭޒަން އަދި އެޕިކް ގޭމްސް ސްޓޯގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓް ސްޓޯގެ ޖެނެރަލް މެނޭޖަރު ހާމަކޮށްފައިވާ ގޮތުގައި ވިންޑޯޒް ސްޓޯގައި ހުންނަ އެހެން އެޕްލިކޭޝަންތަކެކޭ އެއްގޮތަށް ތާޑްޕާޓީ ސްޓޯތަކުގެ އެޕްތައްވެސް ވިންޑޯޒް ސްޓޯއިން ފެނިގެންދާނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް އެހެން އެޕްތަކެކޭ އެއްގޮތަށް މި އެޕްތައް ސާޗް އަދި ބްރައުޒް ފީޗާ މެދުވެރިކޮށްވެސް ފެނިގެންދާނެ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ތަނުގައި އެމޭޒަން އަދި އެޕިކް ގޭމްސްގެ ހިދުމަތްތައް ވިންޑޯޒް ސްޓޯއިން ލިބިގެންދާއިރު އެކުންފުނީގެ އުންމީދަކީ އިތުރު ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލުމެވެ.

މި ބަދަލު އައިސްފައިވަނީ މައިކްރޯސޮފްޓްއިން ވިންޑޯޒް ސްޓޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި އެކަން އިއުލާންކޮށްފައި ވަނިކޮށެވެ. މި ބަދަލުތައް ވިންޑޯޒް 11 އަށް ފުރަތަމަ ލިބިގެންދާއިރު ވިންޑޯޒް 10 އަށް ވެސް މިބަދަލުތައް ލިބޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން އެހެނިހެން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކުރާ ޑިވެލޮޕަރުންނަށް އެމީހުންނަށް ލިބޭ އާމްދަނީ 100 އިންސައްތަ ދިނުމަށްވެސް އެކުންފުނިން ވަނީ ނިންމާފައިއެވެ. ނަމަވެސް މީގެ ތެރޭގައި ގޭމްތައް ނުހިމެނޭނެއެވެ.

މީގެ ކުރިން ޖޫން މަހު ވިންޑޯޒް އެންޑް ޑިވައިސަސްގެ ހެޑް ހާމަކޮށްފައިވާ ގޮތުގައި ސްޓީމް އާއި އެފަދަ އެހެނިހެން ތާޑްޕާޓީ ސްޓޯތަކައް އެކުންފުނީގެ ވިންޑޯޒް 11 ގެ އެޕް ސްޓޯއިން މަރުހަބާ ކިޔާނެއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ދެކެން ބޭނުންވަނީ އެޕް ސްޓޯއަށް ގޮސް ބޭނުންވާ އެޕްލިކޭޝަނެއްގެ ނަން ޖަހާލުމުން އެ އެޕްލިކޭޝަން އެޕް ސްޓޯއިން ލިބޭނެގޮތް މަގުފަހިވެގެން ދިއުމެވެ.

މިފަހަރު އެކުންފުނިން އިލާންކުރި ލިސްޓްގައި ސްޓީމް ނެތަސް ކުރިއަށް އޮތްތަނުގައި ސްޓީމްވެސް އެޕް ސްޓޯއަށް އައުމަކީ ގާތްކަމެކެވެ. އެކި ސްޓޯތަކުގެ އެޕްލިކޭޝަންތައް ވިންޑޯޒް ސްޓޯއިން ފެނުނުކަމުގައި ވިޔަސް އަދި މި ހުރިހާ އެޕްލިކޭޝަންތަކެއް ވިންޑޯޒްއަށް އިންސްޓޯލްއެއް ނުކުރެވޭނެއެވެ. މީގެ ބަދަލުގައި މިފަދަ އެޕްލިކޭޝަންތައް ފެނިގެންދާނީ އެއާއި އެއްގޮތް އެޕްލިކޭޝަންތަކުގެ ސާޗް ރިޒަލްޓްތަކުގެ ތެރެއިންނެވެ.

އެމޭޒަން އާއި މައިކްރޯސޮފްޓްއިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެންޑްރޮއިޑް އެޕްލިކޭޝަންތައް ވިންޑޯޒް 11 އަށް އަންނާނެއެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ވިންޑޯޒް ސްޓޯ މެދުވެރިކޮށް އެމޭޒަން އެޕްސްޓޯ ސާޗް ކޮށްލެވޭނެއެވެ. މިހިދުމަތުގެ ޕްރިވިއުއެއް ވަރަށް އަވަހަށް ވިންޑޯޒް އިންސައިޑާޒް އަށް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓްއިން ވިންޑޯޒް ސްޓޯގައި އެޕްލިކޭޝަންތައް ލިސްޓުކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލާއިއެކު މިހާރު ވިންޑޯޒް ސްޓޯގައި ޑިސްކޯޑް، ޒޫމް، އަދި ވީއެލްސީ ފަދަ މަގްބޫލު އެޕްލިކޭޝަންތައް ލިސްޓްކޮށްލެވޭނެއެވެ. މީގެ އިތުރުން ރެޑިޓް، ވިކިޕީޑިއާ، ޓިކޮޓޮކް، ޓަމްބްލާ އަދި އޮޕެރާ ފަދަ އެޕްލިކޭޝަންތަކުން ވަނީ މިހާރުވެސް މައިކްރޯސޮފްޓްއިން ގެނައި ބަދަލުތަކުގެ ބޭނުން ހިފަންފަށާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.