އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ އެންމެ ފުރަތަމަ ޚިދުމަތެއްގެ ގޮތުގައި ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތް ހުޅުމާލެ ފޭސް 2 ގައި ފޯރުކޮށްދޭންފަށައިއެވެ.
އިއްޔެ އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޕާރޓްނަޝިޕް އެގްރީމެންޓްގައި ސޮއި ކުރެއްވިއެވެ. ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި އެޗް.ޑީ.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. މިހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްރީމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީއާއި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ބައްދަލުވެސް ކުރައްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢީލް ރަޝީދު ވިދާޅުވިގޮތުގައި އެޗް.ޑީ.ސީއާއި ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެކެވެ.
އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ވެސް މާލޭގެ އެހެން ސަރަހައްދުތަކުގައި ދެވޭ ގޮތަށް، އެންފެންވަރެއްގައި، އަގުގެ ތަފާތެއް ކުރުމެއްނެތި، ޚިދުމަތްތައް ދެވޭނޭކަމުގެ ޔަޤީންކަން އެރުވިއެވެ. ދިރާގުން އަބަދުވެސް އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޏަށް ދިރާގު ވެގެން ދިޔުމަކީ ވަރަށް އުފާކުރާކަމެކެވެ. ދެ ކުންފުނީގެވެސް އަމާޒަކީ މުޖުތަމައުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމަށްވެސް ފާހަކުރެއްވިއެވެ. އަދި މިމަސައްކަތަކީ ހުޅުމާލެ، ސްމާޓް ސިޓީއަކަށް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޚިދުމަތް ދޭންފެށި ކުންފުނިތަކާއިއެކު އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50,000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގުން މަޢުލޫމާތު ދެއްވި ގޮތުގައި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދެ ޚިދުމަތަށްވެސް އެދެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެބޭފުޅުންގެ ޓީމެއް ދެވަނަ ފިޔަވަހީ ހިޔާ ފްލެޓް ސަރަހައްދުގައި 10 އޮކްޓޯބަރުގެ ނިޔަލަށް ހަރަކާތްތެރިވާނެއެވެ. ކޮންމެދުވަހަކު 15:30 އިން 18:30 އަށް އެސަރަހައްދުގައި ޚިދުމަތަށް އެދުމުގެ އެޕްލިކޭޝަންތައް ބަލައިގަންނާނެއެވެ.
އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުންނާއި ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ ޕްލޭންތައް ކުރިއަށް ރޭވިފައި އެބައޮތްކަމަށް އެޗްޑީސީއިން މަޢުލޫމާތު ދެއްވައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް