ސްޓެމް ޓީޗަރުންނަކީ ސައިންސް ޓެކޮންލޮޖީ އިންޖިނިއަރިންގ އަދި މެތަމެޓިކްސް ކިޔަވައިދޭ ޓީޗަރުންނެވެ. މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތައް ގެނައުމުގެ މުގުލުގައި ސްޓެމް ވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. މިދެންނެވުނު ދާއިރާތަކަކީ ދުނިޔޭގެ މިސްރާބު މިހާރު އަމާޒު ކުރެވިފައިވާ ދިމާލަށް ދަތުރުކުރުމަށް އެންމެ މުހިއްމު ދާއިރާތަކެކެވެ. މިހާރުގެ ދަރިވަރުންނާއި ކުރިއަށް އަންނަން އޮތް ދަރިވަރުންގެ ޖީލުތަކަށް މުހިއްމު ހުނަރުތަކެކެވެ. މިހުނަރުތައް ކުދިންނަށް ފޯރުކޮށްދިނުމަށް އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ޓީޗަރުންނެވެ. ސްޓެމް ޓީޗަރުންނަކީ ސްޓެރެޓެޖީ އާއި ހުނަރު އަދި އެކި ވަސީލަތްތަށް ބޭނުންކޮށްގެން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ކުދިންނަށް ދަސްކޮށްދޭ ބައެކެވެ.
ދިވެހިރާއްޖޭގައިވެސް މަދުން ނަމަވެސް ސްޓެމް ޓީޗަރުން ފެނެއެވެ. މިގޮތުން ނައުރާ ނަސީމް، 20 އަކީ ޒުވާން، ހުނަރުވެރި އަދި ކުދިންގެ މެދުގައި ވަރަށް މަގުބޫލު ސްޓެމް ޓީޗަރެކެވެ. ހަތަރު މެމްބަރުން ހިމެނޭ އާއިލާއެއްގެ ދެވަނައަށް ހުރި ނައުރާއަކީ އަހުމަދިއްޔާ ސްކޫލުގައި ތައުލީމު ހާސިލް ކުރި ދުވަސް ވަރުން ފެށިގެންވެސް ވަރަށް ގިނަ ކަންކަމުގައި ހަރަކާތްތެރިކޮށް އުޅުނު ކުއްޖެކެވެ. ނައުރާއަށް ސްޓެމް އެޑިއުކޭޝަން ތައާރަފްވީ ގްރޭޑް 10 ގައި އުޅުނުއިރު ސްކޫލުން ބޭއްވި ރޮބޮޓިކްސް ކޮމްޕެޓިޝަނެއްގައި ބައިވެރިވެގެންނެވެ. މިދާއިރާއަށް ވަދެވުމަށް މެދުވެރިވި، އޭރު ސްކޫލްގެ ކޮމްޕިޔުޓަރ ޓީޗަރު ދެއްވި ފުރުސަތަށް ނައުރާ އަބަދުވެސް ޝުކުރުވެރިވެއެވެ.
ސްކޫލް ނިންމާފައި އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ކިޔަވަން ފަށައިގަތް އިރު، އެންމެ ފުރަތަމަ ބޭނުންވީ ކުޑަކުދިންގެ ޕްލޭ ސްކޫލެއްގައި މަސައްކަތް ކުރާށެވެ. އެގޮތުން ނައުރާ މައިންޑް ބްރިކްސްގައި މަސައްކަތް ކުރަން ފެއްޓިއެވެ. އޭރު މާލޭގައި ހިންގި މައިންޑް ބްރިކްސްއަކީ ރޮބޮޓިކްސް، ލެގޯ އަދި ސައިންސް ފަދަ މާއްދާތައް ކުޑަކުދިންނަށް ކިޔަވައިދޭތަނެކެވެ. ކުޑަކުދިންނާއި އެކު މަސައްކަތް ކުރުންވީ ނައުރާއަށް ވަރަށް އުފާވެރި ކަމަކަށެވެ. މުޅިން އައު ކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރަން ފެށުނު މިދަތުރު ނައުރާ ފެށީ އުމުރުން 17 އަހަރުގައި، 2019 ވަނަ އަހަރެވެ. ފަށައިގަތް އިރު ޓީމްގެ އެންމެ ހަގު މެމްބަރު ކަމަށްވެފައި، އަމިއްލަ ނަފުސަށް އޮތް އިތުބާރު ދަށްވާ ވަގުތާއި ކަންކަމާއި ކުރިމަތިލާއިރު ހާސްވެ އަދި ވާހަކަ ދެއްކުމަށް ޖެހިލުންވުން ފަދަ ކަންކަން ތަޖުރިބާ ކުރިއެވެ. އެހެން ނަމަވެސް އެކުގައި މަސައްކަތްކުރި ޓީމުން ދިން ހިތްވަރާއެކު ފަސްޖެހުމެއްނެތި ކުރިޔަށް ދިޔައެވެ.
މިކަމަށް ފަށައިގަތް އިރު ކިޔަވައިދިނުމުގައި ބޭނުންކުރަންޖެހޭ ޕްލެޓްފޯމްތަކާއި ޓޫލްސްތައް ބޭނުންކުރާނެ ގޮތް ދަސްކުރީ އަމިއްލައަށެވެ. ވީޑިއޯ އާއި ޓިއުޓޯރިއަލްތައް ބަލައިގެން ސްޓެމް ޓީޗަރަކަށް ބޭނުންވާނެ މައުލޫމާތާއި ހުނަރުތައް އިތުރުކުރިއެވެ. އަދި އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ އެހީގައި ވެސް ކިޔަވައިދިނުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްކުރިއެވެ.
ފުރަތަމަ ކިޔަވައިދޭން ފެށިއިރު އިހުސާސު ކުރެވުނު ހާސްކަން ނައުރާ އަދިވެސް ހަނދާން ހުރެއެވެ. ކްލާސް ކުރިމަތީގައި ހުއްޓިފައި ފިލާވަޅު ކުރިއަށް ގެންދެވޭނެތޯ ހިތާ ހިތާ އޭރު ސުވާލު ކުރާކަމަށް އޭނާ ބުނެއެވެ. މިހާރު ވެސް އެކަންތައްތައް ހިތަށް އަރާފައި އެގޮތަށް އިހުސާސް ކުރެވޭކަމަށް ނައުރާ ބުނެއެވެ. މިކަންކަމުން އަރައިގަތުމަށްޓަކައި ކްލާސް ފެށުމުގެ ކުރިން ލެސަން ޕްލޭންކޮށްލާ ރަނގަޅަށް ތައްޔާރު ވެލަނީއެވެ. އަދި ކްލާސް ފެށުމުގެ ގޮތުން ކުދިންގެ ފަރާތުން ބައިވެރިވުން ހޯދާކަމަށާއި، ކުދިންނާއި ވާހަކަ ދައްކާލުމުން ހާސްކަން ފިލައިގެން ދާކަމަށް ނައުރާ ތަޖުރިބާކުރިއެވެ. ކުދިންގެ ދުވަސް ފެށުނުގޮތް ކިޔާދިނުމާއި، ފިލާވަޅާއި ގުޅޭ މަޝްވަރާގެ ތެރެއިން ކުދިންގެ ޝައުގުވެރިކަން ހޯދަން ދަސްކުރިއެވެ. މިގޮތުން ކްލާހުގައި ކުދިންގެ ބައިވެރިވުންވެސް އިތުރުކޮށްލެވުނެވެ.
2019 ވަނަ އަހަރު ދުނިޔެއަށް ދިމާވި ޕެންޑަމިކްއާއި ގުޅިގެން ގިނަ އަމިއްލަ ވިޔަފާރިތައް ހުއްޓާލަން ޖެހުނެވެ. މިކަމާއި ގުޅިގެން މައިންޑްބްރިކްސް ބަންދުކުރެވުނުވެ. އެޔާއެކު ނައުރާ އޭރު އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުނީއެވެ. ވަޒީފާއެއް ނެތި ދިޔަ ދުވަސްވަރުޅު، ގޭގައި ހުރުމުގެ ބަދަލުގައި ސައިކޮލޮޖިކަލް ފަރސްޓް އެއިޑް ޓްރެއިންންގ ފުރިހަމަކޮށް ނެޝަނަލް އިމަރޖެންސީ ސެންޓަރގައި ވޮލަންޓިއަރެއްގެ ގޮތުގައި ކޮވިޑް ރެސްޕޮންސް ޓީމުގައި ހަރަކާތްތެރިވާން ނައުރާ އިޚްތިޔާރު ކުރިއެވެ.
މިއަަހަރުގެ ޖެނުއަރީއިން ފެށިގެން ނައުރާއަށް ތިންކް ލާން އިންސްޓިޓިއުޓް (ކުރީގެ ސްޓްމެސްޕޭސް)ގައި، ސްޓެމް ޓީޗަރެއްގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ތިންކް ލާން އިންސްޓިޓިއުޓްގައި، ފެށީ މައިންކްރާފްޓް އެޑިއުކޭޝަން ކިޔަވައިދިނުގެ މަސައްކަތެވެ. ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް ފުޓްޕްރިންޓްސް އަދި އޮންލައިން ރެޕިއުޓޭޝަން ފަދަ މަޢުލޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ކުރިިމަގުގައި މިކަންކަމުގެ މުހިއްމުކަމާމެދު ކުދިން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފެށިއެވެ. ތިންކް ލާން އިންސްޓިޓިއުޓް އި ކޮންމެ މަހެއްގައި ނަގައިދެވޭ ފިލާވަޅުތައް ނަގައިދެނީ، ކުދިންގެ ޝައުގުވެރިކަން އިތުރުކުރެވޭނެ ގޮތްތަކަށް ވިސްނާ، ދުރާލާ ރާވާލައިގެންނެވެ. އަދި ކުދިންނަށް އޮޅުންފިލާފައިވާ މިންވަރު ބެލުމަށްޓަކައި ކޮންމެ މަހަކު އައު ޗެލެންޖެއް ބާއްވާ، އެ ޗެލެންޖްގައި ކުދިން ތައްޔާރުކުރާ ތަކެތި ޝޯކޭސް ވެސް ކުރެއެވެ.
ނައުރާ ކިޔަވައިދޭން ބޭނުންކުރާ ސެޓަޕް
މިދާއިރާއަކީ ވަރަށް އަވަސް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމުން އެބަދަލުތަކަށް އަހުލުވެރިވާން އާރޓިކަލްތައް ކިޔައި ވީޑިއޯ ފަދަ ތަކެތި ބަލާ އަބަދުވެސް އަޕްޑޭޓް ވޭތޯ ބަލާކަމަށް ނައުރާ ބުންޏެވެ.
"އަހަރެންނަކީ ވަރަށް ގިނައިން ސުވާލުކުރާ މީހެއް. ކުދިންނަށް ކިޔަވައި ދިނުމުގައި ރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ، އެހެންވީމަ އަބަދުވެސް އަޕްޑޭޓް ވެފައި ހުރެވޭތޯ ބަލަން."
ސްޓެމް އިން ކުދިންގެ ދިރިއުޅުމަށް ކުރާ އަސަރުތައް
ސްޓެމް ދަސްކޮށްގެން ކުދިންނަށް ވަރަށް މުހިންމު ހުނަރުތައް ދަސްވެއެވެ. ސްޓެމްއިން އައު ކަންކަމާއި މެދު ވިސްނުމާއި އައު ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އަޅާދެއެވެ. އަދި ކުދިންނަށް ކަންކަން އިތުރަށް އެކްސްޕްލޯކުރުމަށާއި އަމިއްލައަށް އެކްސްޕީރިއެންސް ކުރުމަށް މަގުފަހިކޮށްދެއެވެ. މިގޮތަށް ކިޔަވައިދޭއިރު ގެންގުޅެނީ ޕްރޮޖެކްޓް-ބޭސްޑް ލަރނިންގކަމާއި، މީހުންނަށް ކުރިމަތިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތާއިމެދު ވިސްނުމަށް މީގެން ކިޔާދެވެއެވެ. މި ލާރނިންގ އެޕްރޯޗްގައި، ދިރިއުޅުމުގައި ކުދިންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާން ދަސްކޮށްދެއެވެ.
ސްޓެމް އެޑިއުކޭޝަން ބިނާވެފައިވަނީ ޓީމްވޯކް އަދި މުވާސަލާތު ކުރުމުގެ މައްޗަށެވެ. މިސާލަަކަށް ކޮންމެ ސްޓެމް ޕްރޮޖެކްޓެއްގައި ވެސް ކޮންމެ ކުއްޖަކަށްވެސް ވަކި ރޯލެއް ހަމަޖެހިފައިވެއެވެ. ރިސަރޗް ކުރުމާއި ޑިޒައިންކުރުމާއި އެނަލައިޒްކުރުމާއި އަދި ރަނގަޅު ހައްލު ހޯދުމެވެ. މިގޮތަށް ދަސްކުރުމުގައި، މިސްޓޭކްސް މަދުކުރާނޭ ގޮތާއި ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ލަފާކުރުމަށް ކަލްކިއުލޭޝަންސް ވެސް ކުދިން ހަދާނެކަމަށް ނައުރާ ބުނެއެވެ.
"ސްޓެމް ޕްރޮޖެކްޓެއްގައި ކޮންމެ ކުއްޖެއްގެ ދައުރަކީވެސް ވަރަށް މުހިއްމު ދައުރެއް. އާންމު ދިރިއުޅުމުގައި ސްޓެމް އެޑިއުކޭޝަން ބޭނުންކުރުމުން އެކުއްޖަކު ކުރަން ބޭނުންވާ ކަންކަން އިނގެން ފަސޭހަވޭ. ހޯދިފައި ނުވާ ޓެލެންޓު އަދިި އެކުދިންނަށް ރަނގަޅަށް ކުރެވޭކަން ކުދިން ހޯދާނެ. ކުދިންގެ ސެލްފް ކޮންފިޑެންސް އިތުރުކުރުމާއި ސޯޝަލް އަދި އިމޯޝަނަލް ސްކިލްސް ތަރައްގީވޭ. އަދި އެހެން ކުދިންގެ އައިޑިއާސްއަށް އިހުތިރާމުކޮށް ބަލައިގަންނަން ދަސްކުރޭ".
ދަސްކުރުމުގެ ތެރެއިން ކުދިން ތައްޔާރުކުރާ ތަކެއްޗާއި ނެރޭ ނަތީޖާތަކަށް އެހެން ކުދިން ތައުރީފުކޮށް ބަލައިގަންނަތަން ފެނުމުން ކުދިން އަމިއްލައަށް ނިންމާ މަސައްކަތާއި މެދު ފަޚުރުވެރިވާން ދަސްވެ، ސެލްފް ކޮންފިޑެންސް އިތުރުވެއެވެ. މިހުރިހާ ހުނަރުތަކަކީ ކުދިންނަށް މުސްތަގުބަލުގައި އެހީތެރިވެދޭނެ ހުނަރުތަކެކެވެ.
ނައުރާ ފާހަގަކުރިގޮތުން މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ ލިބޭ ހިތްހަމަ ޖެހުމެވެ.
"އަމިއްލައަށް ނުކުރެވޭނެކަމަށް ހީކުރެވޭ ކަންތައް ކުރެވުނީމަ ހިތްވަރު ލިބި ހިތްހަމަ ޖެހޭ. އެންމެ މީހަކުވެސް އިންސްޕަޔަރ ކުރެވުމަކީ ނުވަތަ އެންމެ މީހަކަށްވެސް އުންމީދު ގެނެސްދެވުމަކީ އުފާވާކަމެއް."
ނައުރާ ބުނި ގޮތުގައި މިހާރު އެތައް ސަތޭކަ ކުދިންނަކަށް ކިޔަވައި ދެވިއްޖެ ކަމަށާއި، މިކަމުގައި އުޅޭ އިރު ލިބޭ އެވޯޑްތަކާއި މީހުންގެ ފަރާތުން ލިބޭ ހިއްވަރުގެ ބަސްތައް ބަލައިގަންކަމަށެވެ. އެހެންނަމަވެސް ނޮލެޖް ހޯދުމާއި އުނގަންނައި ދިނުމުން ލިބޭ އުފާވެރިކަން އެހެން އެއްވެސް ކަމަކުން ނުލިބެއެވެ.
ކޮންމެ މީހަކަށްވެސް ސްޓެމް ކިޔަވައިދެވިދާނެތަ؟
ނައުރާ ގަބޫލު ކުރާގޮތުގައި، ކޮންމެ މީހަކަށްވެސް ކިޔަވައިދެވިދާނެއެވެ. ސްޓެމް އާއި އަހަރެމެންގެ ދިރިއުޅުން ވަނީ ގުޅިލާމެހިފައެވެ. ސައިންސް ގުޅެނީ ދިރުންތަކާއި އަދި މުޅި ކާއިނަތުގައިވާ ތަކެއްޗާއެވެ. ޓެކްނޮލޮޖީއަކީ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނިކްސް ބޭނުން ކުރުމާއި އަދި މި ޓެކްނިކްސްތައް ބޭނުންކޮށްގެން އިކުއިޕްމަންޓް އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރުމެވެ. އިންޖިނިއަރިންގ އަކީ އެކިއެކި ޕްރިންސިޕަލްސްތައް ބޭނުންކޮށްގެން ޑިޒައިންކޮށް އަދި އުފެއްދުމެވެ. މެތެމެޓިކްސްއަކީ އެނެލައިޒް ކުރުމާއި އެކިއެކި ކަލްކިއުލޭޝަންސްތައް ހެދުމެވެ.
ސްޓެމް ކިޔަވައިދިނުމަށް ޝައުގުވެރިވާ ފަރާތަކަށް ނައުރާ ދޭ ނަސޭހަތަކީ، ރިސާރޗް ހެދުމަށާއި މިކަން އަމިއްލައަށް ވެސް ދަސްކުރުމެވެ. ކުދިންނަށް މިކަންތައް ކިޔަވައިދިނުމަށްޓަކައި ފުރަތަމަ ޓީޗަރުން އަހަރެމެންގެ ވަށައިގެންވާ ތަކެއްޗާއި އަދި ދިރުންތަކާއި ބެހޭގޮތުން ހޯދާއި ދަސްކޮށް އޮޅުންފިލުވުމަކީ މުހިއްމު ކަމެއްކަމަށެވެ. ކުދިން ޝައުޤުވެރިވާ ގޮތަށް ފިލާވަޅުތައް ޕްލޭންކޮށް ގެންދިއުމަށްޓަކައި، ވިސްނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މިހުނަރު ކިޔަވައިދިނުމުގައި ބޭނުންކުރާ ޓޫލްސްތަކާއި އަދި އުގަންނައިދޭން ބޭނުންވާ ފިލާވަޅާއި ބެހޭ ގޮތުން ދަސްކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ސްޓެމް ޓީޗަރެއްގެ ރޯލަކީ، ނަގައިދެވޭ ފިޅާވަޅުގެ މައުލޫއަކާއި ސްޓެމް ކޮންސެޕްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ކުދިންގެ މަސައްކަތް މޮނިޓަރ ކުރުމާއި، އެ ކުދިންނަށް ފައިދާ ކުރަނިވި ގޮތަށް ފާޑުކިޔުމެވެ. ފާޑުކިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނައުރާ ފާހަގަކުރިއެވެ. ފާޑުކިޔުމުގައި ޓީޗަރުން ކުދިންނާއި މުއާމަލާތް ކުރާގޮތަކީ، ކުދިންނަށް ސްޓެމް އުނގެނުމުގެ ދަތުރުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާނޭ ކަމެކެވެ.
ސްޓެމް އެޑިޔުކޭޝަންގައި ކުދިންނަށް އުގަންނައިދޭ ފިޅާވަޅުތަކުގެ އިތުރުން، ކުދިން އެ ފިޅާވަޅުތަކުން އައު ޚިޔާލު ހޯދުމާއި، ކްރިޓިކަލްކޮށް ވިސްނުމާއި ކުދިންގެ އުފެއްދުންތެރިކަން އިތުރުކުރުމާއި އަމިއްލައަށް ނަތީޖާނެރުމުގެ ހުނަރު އިތުރުކުރުން ހިމެނެއެވެ.
ސްކޫލް ކަރިކިއުލަމްގައި ސްޓެމްގެ ހުނަރު އިތުރުކުރުމުގެ ބައިތައް ވަނީ ހިމެނިފައެވެ. މީގެ އިތުރުން ލެގޯ އެޑިއުކޭޝަން، ރޮބޮޓިކްސް، ޑިޖިޓަލް މީޑިއާ އުފެއްދުމުގެ ހުނަރު ދަސްކޮށްދިނުމާއި، ކުދިން ކުރާ މަސައްކަތް ޝޯކޭސް ކުރާނެ މަންސަތަކާއި، ހުރިހާ ކުދިންނަށް ހަމަހަމަކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ނިޒާމެއް ދިވެހިރާއްޖޭގައިވެސް އޮތުން މުހިންމު ކަމުގައި ނައުރާ ދެކެއެވެ.
މިދާއިރާ ޚިޔާރު ކުރަން ބޭނުންވާ އަންހެން ކުދިންނަށް ނައުރާ ބުނެލަން ބޭނުންވަނީ އެއްވެސް ފުރުސަތެއް ދޫކޮށްނުލުމަށެވެ. އެއްދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެޔޭ ބުނާ ފަދައިން މަސައްކަތްނުކޮށް ހުރެ އެކަމާއި ދެރަވުމަށް ވުރެ ލިބޭ ފުރުސަތެއްގެ ބޭނުން ހިފާ ކުރެވޭތޯ މަސައްކަތް ކުރުން މުހިންމެވެ.
"އަހަރެމެން އިންސާނުން ދެރަވަނީ ނުވަތަ ރިގްރެޓް ކުރަނީ ކަންތައް ނުކުރެވޭތީވެ. މިދާއިރާގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން. މިއީ އުދަނގޫ އަދި އެކަނިވެރިވެސް ވެދާނެ ކަމެއް. އެހެން ނަމަވެސް ކެރިއަރއެއްގެ ގޮތުގައި މިކަން އިޚްތިޔާރު ކޮށްފިނަމަ ލޯންގްޓަރމްގައި ފަޚުރުވެރިވާ ކަމަކަށް ވާނެ."
މިދާއިރާ ޚިޔާރުކޮށްގެން މަސައްކަތްކުރާ އަންހެނުންނާއި އަންހެން ކުދިންގެ މަސައްކަތާއި މެދު ނައުރާ ފަޚުރުވެރިވެއެވެ. މިއީ މެއިންސްޓްރީމްއަށް ނުވާތީވެ ބިރުނުގަތުމަށާއި އަދި އަންހެން ކުއްޖަކަށްވީތީ ފަސްނުޖެހުމަށް ނައުރާ ހިތްވަރު ދިނެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް