އާންމުކޮށް މަތިންދާބޯޓުން ދަތުރުކުރާ ފަރާޠެއްނަމަ ގޮޑީގައި ހަމަޖެހިލުމަށްފަހު އެންމެ ފުރަތަމަވެސް ކޮށްލާނެ ކަމަކީ ފޯނު ނިއްވާލުމުގެ ކުރިން ފޮނުވަން ހުރި މެސެޖްތަށް ފޮނުވާ ނިންމާލުމެވެ. އާންމުކޮށް މިގޮތަށް މިކަން ކުރިކަމުގައި ވިޔަސް ގިނަފަހަރަށް ގިނަ މީހުނަށް އޮންނަނީ ދަތުރު ފެށުމުގެ ކުރިން ފޯނު ނިއްވާލާ ސަބަބު ނޭގިއެވެ. މީގެ އިތުރުން މިގޮތަށް ފޯނު ނިއްވާލަން ޖެހޭ ސަބަބަކީވެސް އަޖާއިބުކުރުވަނިވި ކަމެކެވެ.
މަތިންދާބޯޓުން ދަތުރުފަތުރުކުރާ ފަރާތްތަކާއި ސުވާލުކޮށްފިނަމަ ގިނަ މީހުންގެ ޖަވާބަކަށްވާނީ ދަތުރުގެ ކުރިން ފޯނު ނިއްވާލަނީ ފޯނުގެ ސަބަބުން ބޯޓުގެ އިލެކްޓްރޯނިކް އާލާތްތަކަށް ގެއްލުމެއް ލިބިދާނެތީކަމަށެވެ. މިއީ ރަނގަޅު ސަބަބެއްކަމަށް ހީކުރެވުނަސް މިހާރު މިއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މަތިންދާބޯޓު ތެރޭގައި ފޯނު ގެންގުޅުން މަނާކޮށްފައިވަނީ އޭގެ ސަބަބުން ބޯޓަށް ދިމާވެދާނެ ގެއްލުމަކާއި ހެދިއެވެ. އެ އިދާރާއިން މިގޮތަށް ނިންމާފައިވިޔަސް 2012 ވަނަ އަހަރު އެއިދާރާއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިހާތަނަށް މިފަދަ މައްސަލައެއް މަތިންދާބޯޓަކަށް ދިމާވެފައިނުވެއެވެ.
މިދިރާސާއަށްފަހު އެއިދާރާއިން ވަނީ 2013 ވަނަ އަހަރުން ފެށިގެން މަތިންދާބޯޓު ތެރޭގައި ފޯނު ގެންގުޅުމާއި ބެހޭގޮތުން އެއިދާރާއިން ހަދާފައިވާ ބައެއް އުސޫލުތަކަށް ލުއިތަކެއް ދީފައިއެވެ. އެގޮތުން މިހާރު ދަތުރުވެރިންނަށް ބޯޓު ތެރޭގައި އެއާޕްލޭން މޯޑުގައި ފޯނު ގެންގުޅެވޭނެއެވެ. އެއާޕްލޭން މޯޑަށް ފޯނު ލުމުން ފޯނުގެ ސެލިއުލާ ކަނެކްޝަން ކަނޑާލައި ބިމުގައި ހުންނަ މުވާސަލާތީ ޓަވަރުތަކާއި ގުޅުމަށް ކުރާ މަސައްކަތް ހުއްޓުވާލައެވެ. ނަމަވެސް އެއާޕްލޭން މޯޑުގައި ބްލޫޓޫތް އަދި ވައިފައިގެ ބޭނުން ކުރެވޭނެއެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އެކޭއެއްގޮތަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުންވެސް މީގެ 20 އަހަރުކުރިން މަތިންދާބޯޓުގައި ފޯނު ބޭނުންކުރުން މަނާކޮށްފައިވަނީ ރޭޑިއޯ ސިގްނަލްތަކުގެ ސަބަބުން ދިމާވެދާނެ ގެއްލުމަކުން ސަލާމަތްވުމަށެވެ. މީގެ 20 އަހަރުކުރިއަށް ބަލާލާއިރު މިއީހަމަ ވެދާނެކަމެކެވެ. ނަމަވެސް މިހާރު ޓެކްނޮލޮޖީ ވަނީ އޭރާއި އަޅާބަލާއިރު ބޮޑުތަތުން ކުރިއަރާފައިއެވެ. އެގޮތުން މިހާރު މަތިންދާބޯޓުތަކުގައި ބޭނުންކުރާ ހުރިހާ ވަސީލަތެއްވެސް ހުންނަނީ ރޭޑިއޯ ސިގްނަލްގެ ސަބުން ގެއްލުމެއް ނުވާނެ ގޮތަށް ފަރުމާކުރެވިފައިއެވެ. އެހެންކަމުން ބޯޓުތެރޭގައި ފޯނު ނުގެންގުޅެވޭނަކަމަށް އަންގައި ހަދާފައިވާ އުސޫލުތަކުގެ ބޭނުމެއް މިހާރަކު ނެތެވެ. ނަމަވެސް ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން އަދި އެއިދާރާގެ އުސޫލުތަކަށް ބަދަލު ގެނެސްފައިނުވެއެވެ.
މި ދެއިދާރާއިން އެއިދާރާތަކުގެ އުސޫލުތަކަށް ބަދަލު ގެނަޔަސް މިނިންމުން ތަންފީޒުކުރުމަކީ ވަކިވަކި ކުންފުނިތަކަށް ދޫކޮށްލާފައި އޮތްކަމެކެވެ. މަތިންދާބޯޓު އޮޕަރޭޓް ކުރާ ކުންފުނިތަކުން މި އުސޫލުތަކަށް ބަދަލު ގެނައުމަށް މާބޮޑު މަސައްކަތެއް ނުކުރަނީ ކީއްވެ ކަމާމެދު ސުވާލުކޮށްލުމުން އެނގިގެންދަނީ މިކަމަކީ ވަރަށް ބޮޑަށް ކަސްޓަމަރުން ދެކޭގޮތާއި ގުޅިފައިވާ ކަމެއްކަމަވެ. އެގޮތުން ގިނަ ދަތުރުވެރިން އެއްގޮތަކަށްވެސް ދަތުރުމަތީގައި ފޯނު ބޭނުންކުރާކަށް ބޭނުމެއް ނޫނެވެ. އަދި އެހެން މީހުން ފޯނު ބޭނުންކުރަން ވެސް އެމީހުން ނުރުހެއެވެ. މީގެ އިތުރުން ގިނަ މީހުން ދެކޭގޮތުގައި މެސެޖް އަދި އީމެއިލް ކޮށްލިއަސް ގިނަ މީހުން ދެކޭގޮތުގައި އެއްގޮތަކަށްވެސް ފޯނުކޯލުކޮށްގެން ނުވާނެއެވެ.
މީގެ އިތުރުން ފޯނުކޯލުކުރުން އާންމުކޮށްފިނަމަ ދަތުރުވެރިންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދި ބޯޓު ތެރޭގައި ހަމަނުޖެހުން އުފެދިދާނެކަމަށްވެސް ބެލެވެއެވެ. އެހެން ކަމުން މަތިންދާ ބޯޓުގައި ފޯނު ގެންގުޅުން މިހާރު މަނާވެފައި އޮންނަނީ ސަލާމަތީ ސަބަބުތަކަށްވުރެ ބޮޑަށް ދަތުރުވެރިންގެ އާންމު މަސްލަހަތު ހިފެހެއްޓުމަށްކަމަށް ބެލެވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް