އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ކުރިއަށްއޮތް ދެގަޑިއިރު ތެރޭގައި ވާރޭވެހޭނެކަން ދެނެގަނެވިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. އެގޮތުން ގޫގަލްއިން ލަންޑަނުގައި ހިންގާ އާޓިފިޝަލް އިންޓެލިޖެންސް ލެބް ޑީޕްމައިންޑް އާއި ޔުނިވާސިޓީ އޮފް އެކްސްޓާ އަދި އިނގިރޭސި ވިލާތުގެ މޫސުމާއިބެހޭ އިދާރާ ގުޅިގެން ވަނީ މިކަން ތަހުލީލުކުރުމަށް ނައުކާސްޓިން ސިސްޓަމްގެ ނަމުގައި ސިސްޓަމެއް އުފައްދާފައިއެވެ.
މޫސުން ލަފާކުރުމަށް މިހާރު ގެންގުޅޭ ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މޫސުން ލަފާކުރެވެނީ 6 ގަޑިއިރާއި 2 ހަފްތާގެ މުއްދަތަށެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މި ސިސްޓަމަށް ކުރުމުއްދަތެއްގައި މޫސުމަށް އަންނާނެ ބަދަލު ލަފާކުރުމުގެ ގާބިލުކަން ވަނީ ލިބިފައިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއިއެކު ވާރޭވެހޭނެ ގޮތާއި ވެހޭނެ މިންވަރު އަދި މޫސުމަށް އަންނަ އެހެނިހެން ބަދަލުތައް ލަފާކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިއެވެ. މީގެ ސަބަބުން ދިރާސާކުރާފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މުދަލާއި އިންސާނުންގެ ފުރާނައަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ މަގުވަނީ ހުޅުވިފައިއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރުމުއްދަތެއްގައި މޫސުމަށް އަންނާނެ ބަދަލުތައް ލަފާކުރުމުގެ ގާބިލުކަން ލިބުމުން އިންސާނުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
ޑީޕްމައިންޑް އާއި ޔުނިވާސިޓީ އޮފް އެކްސްޓާ އަދި އިނގިރޭސި ވިލާތުގެ މޫސުމާއިބެހޭ އިދާރާ ގުޅިގެން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމަށް ވާރޭވެހޭގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވަނީ އެގައުމަށް 2016 އިން 2018 އަށް ވާރޭވެހިފައިވާ ގޮތް އަންގައިދޭ ޗާޓްތައް ބޭނުންކޮށްގެންނެވެ. އަދި މިމައުލޫމާތު ބޭނުންކޮށްގެން 2019 ގައި އެގައުމަށް ވެހެނު ވާރޭގެ ނިސްބަތް މި ސިސްޓަމުންވަނީ 89 އިންސައްތަ ރަނގަޅަށް ލަފާކޮށްފައިއެވެ.
ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން މިހާރުބޭނުންކުރާ ވަސީލަތްތަކަށްވުރެ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ބޭނުންކުރުމަށް ބޭނުންވެއެވެ. ޑީޕްމައިންޑްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ސިސްޓަމުގެ ސަބަބުން މޫސުން ލަފާކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އެމަސައްކަތްކުރާ ފަރާތްތަކަށް މޫސުމަށް އަންނާނެ ބަދަލުތައް ދިރާސާކުރުމަށް މީގެ ސަބަބުން އިތުރު ވަގުތު ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި